Roadha Mihaaru
މަޖިލީހުގައި މަރުތަޅު އެޅުވީ އެމްޑީޕީން: ގާސިމް

އެމްޑީޕީން މަޖިލީހުގައި އެޅުވި މަރުތަޅުގެ ޒިންމާ ރައީސް ނަންގަވަންޖެހޭ: ގާސިމް

24 ޖޫން 2023

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވައި މަރުތަޅު އެޅުވީ ވެރިކަންކުރާ މައި ޕާޓީން ކަމަށާއި އެކަމުގެ ޒިންމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނަންގަވަންޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވައި މަރުތަޅު އެޅުވީ ވެރިކަންކުރާ މައި ޕާޓީން ކަމަށާއި އެކަމުގެ ޒިންމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނަންގަވަންޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ޖަލްސާތައް ނުބޭއްވި މަސައްކަތްތައް ހުއްޓުނީ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން އިސްވެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅުމުންނެވެ. ނަޝީދާއި އީވާ މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވަން އުޒުވެރިވެވަޑައިގެން، މަޖިލީހުގެ ތާރީހުގައި ރިޔާސަތާ ހަވާލުވާނެ ބޭފުޅަކު ނެތިގެން ވެސް ދެ ޖަލްސާއެއް ކެންސަލް ވެސް ކުރަންޖެހުނެވެ. އަދި މަޖިލިސް އެންމެފަހުން ޗުއްޓީއަށް ދިޔައީ ވެސް މުހިންމު މަސައްކަތްތަކެއް ކުރިއަށް ނުގެންދެވި އެވެ.

މަޖިލީހުގައި ހިނގާ ދިޔަ ކަންތައްތަކާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން، މިއަދު ބޭއްވި ޖޭޕީގެ 158 ކައުންސިލު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ މަޖިލީހުގައި މަރުތަޅު އެޅުވީ އެމްޑީޕީން ކަމަށެވެ.

""ބަލަ ސަރުކާރު ހިންގަން އޮތް ޕާޓީން މި ކަންކަން ކުރީމާ ދެން ކީކޭތޯ ބުނާނީ. އެމީހުންނަށް ނޭނގޭތަ ރައީސް އާއި ނައިބު ރައީސްގެ ނޯ ކޮންފިޑެންސް ވޯޓު ލީމާ ރައްޔިތުންގެ މަޖިލިސް ޑެޑްލޮކަށް ދާނެކަން؟،" އިތުބާރުގެ މައްސަލަތައް ވެއްދުމުގެ ކުރިން ގާނޫނުއަސާސީ އާއި މަޖިލީހުގައި ގަވާއިދު އެމްޑީޕީން ނުބަލަނީތޯ މާމިގިލި ދާއިރާގެ މެމްބަރުން ކަން ވެސް ކުރައްވާ ގާސިމް ސުވާލު ކުރެއްވި އެވެ.

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަންދޫބުން ތިބޭ، ދައުލަތުގެ އެއްބާރުގައި މަރުތަޅު އެޅުވިގެން ނުވާނެ އެވެ.

"...ރައީސުލްޖުމްހޫރިއްޔާ ޖެހޭނެ އެ ޒިންމާ އުފުލަން. ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީން އެކަން ކުރީ،" ގާސިމް ވިދާޅުވި އެވެ.

މީގެއިތުރުން ވެސް ގާސިމް މިއަދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އަދި ދެވަނަ ދައުރެއް ހޯއްދަވަން އަންނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރެއްވުމުގެ އެއްވެސް މާނައެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

"ޅަ އިހަލުން ހަރު އެއްޗެހި އަޅަމުން އަޅަމުން ގޮސް މިހާރު ނެތް ގޮބޮޅިއެއްވެސް އަޅާކަށް. ދެން މަނިކުފާނު އެހެންވީމާ އިތުރަށް ކުރިމަތިލައްވައިގެން ތިމަންނާ ވެރިކަމަށް ވަޑައިގަންނަވަންށޭ ކިޔާފައި އުޅުއްވުމުގެ މާނައެއް ނެތް. ރައްޔިތުންނަށް މިއަދު ސާފުވޭ," ގާސިމް ވިދާޅުވި އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ ތެރޭގައި ޖޭޕީ މިހާރު ވެސް ހިމެނެ އެވެ. އަދި ސަރުކާރުގެ ބައެއް އިސް މަގާމުތަކުގައި އެ ޕާޓީގެ މެމްބަރުން އަދިވެސް އެބަ ތިއްބެވި އެވެ. އޭގެ ތެރޭގައި ޓްރާންސްޕޯޓު މިނިސްޓަރު ކަމުގައި ހުންނެވި ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ އާއި ފިޝަރީސް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ހިމެނިވަޑައިގަންނަވަ އެވެ.