Roadha Mihaaru
ޖޭޕީ އިސްވެ ކޯލިޝަން ހެދުމުގެ ބާރު ގާސިމަށް ދީފި

ޖޭޕީން އިސްވެ ކޯލިޝަން ހަދަން މަޝްވަރާކުރުމުގެ ބާރު ގާސިމަށް ދޭން ފާސްކޮށްފި

06 މާޗް 2023

ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދަން ޖެހިއްޖެ ނަމަ އެކަމުގެ މަޝްވަރާތައް ޖޭޕީން އިސްވެ ކުރިއަށް ގެންދިއުމުގެ ބާރު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ދޭން ނިންމައި ކައުންސިލުން މިއަދު ގަރާރެއް ފާސްކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދަން ޖެހިއްޖެ ނަމަ އެކަމުގެ މަޝްވަރާތައް ޖޭޕީން އިސްވެ ކުރިއަށް ގެންދިއުމުގެ ބާރު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ދޭން ނިންމައި ކައުންސިލުން މިއަދު ގަރާރެއް ފާސްކޮށްފި އެވެ.

މި ގަރާރު ފާސްކުރީ ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގައި މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާ ގަރާރަށް ބާރުދީ އެ ތަންފީޒުކުރަން ޖެހޭ ގޮތަށެވެ. އެ ގަރާރުގައި އޮތީ، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކު ވާދަކުރަންވާނެ ކަމަށެވެ.

ޖޭޕީގެ ކައުންސިލުން މިއަދު ނިންމީ އެ ޕާޓގެ ގައުމީ ކޮންފަރެންސާއި ސިޔާސަތުތަކާއި ކައުންސިލްގެ ނިންމުންތަކުގެ މައްޗަށް ޕާޓީ ހިންގުމުގެ އެންމެ އިސް ފަރާތަކީ ގާސިމް ކަަމަށް ވާތީ ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދާ ނަމަ ޖޭޕީ އިސްވެ އެ މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ ބާރު ދިނުމަށެވެ.

"ރިޔާސީ ކެންޑިޑޭޓާއި ކޯލިޝަނެއް ހަދަން ޖެހިއްޖެ ހިނދެއްގައި އެކަމުގެ މަޝްވަރާތައް ކުރުމުގެ ބާރާއި އިހްތިޔާރު ޕާޓީގެ ލީޑަރަށް ދިނުމަކީ ޕާޓީގެ މަސްލަހަތު އެންމެ ރައްކާތެރިކުރެވޭނެ ގޮތް ކަމަށް އަޅުގަނޑަށް ފެންނަ ހިނދު އެ ބާރާއި އިހްތިޔާރު ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހީމަށް ދިނުމަށް އަޅުގަނޑު ހުށަހަޅަމެވެ،" ކައުންސިލް މެމްބަރު މުހައްމަދު ނާޒިލް ހުށަހެޅި ގަރާރުގައިވެ އެވެ.

ޖުމްހޫރީ ޕާޓީގެ ކޮންފަރެންސްގައި އެ ޕާޓީގެ ކެންޑިޑޭޓަކު ރިޔާސީ އިންތިހާބުގައި ވާދަކުރަންވާނެ ކަމަށް ނިންމިޔަސް ކުރިން އޮތީ އަމަލުކުރުން ލާޒިމް ނުވާ ގޮތަށެވެ. އެކަމަކު އެގަރާރު ތަންފީޒުކުރަން މިއަދު ނިންމިޔަސް އަދިވެސް އިންތިހާބަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކު ނުކުންނާނީތޯ ނުވަތަ ކޯލިޝަނަކާ އެކު ކުރިއަށް ދާނީތޯ ނިންމުމުގެ ބާރު ދޫކޮށްލާފައި އޮތީ ޕާޓީގެ އެންމެ އިސް ފަރާތް، ގާސިމަށެވެ.

ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރިއަށްދާން ނިންމާ ގޮތެއް ގާސިމް މިހާތަނަށް އިއުލާނެއް ނުކުރައްވަ އެވެ. އެކަމަކު އެ ޕާޓީގެ ތެރޭގައި ހިޔާލު ދެކަފިވެފައިވާ އިރު ކައުންސިލްގެ ބައެއް މެމްބަރުން އެދިވަޑައިގަންނަވަނީ ގާސިމް އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވުމަށެވެ. އަނެއް ބަޔަކު ބާރު އަޅަނީ މި ވެރިކަން ހިންގާ ކޯލިޝަންގައި ދެވަނަ ދައުރަކަށް ދެމިތިބުމަށެވެ.

ރިޔާސީ އިންތިހާބުތައް ކާމިޔާބުކުރުމުގައި އަބަދުވެސް ބޮޑު ހިއްސާއެއް އޮންނަ ޖޭޕީއާ އެކު ކޯލިޝަނެއް ހަދަން އެމްޑީޕީން ވަނީ ހުށަހަޅައިފަ އެވެ. އެ މަޝްވަރާތައް ކުރިއަށް ގެންދަން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން މަންދޫބުން ގާސިމްއާ ވަނީ ބައްދަލު ވެސް ކުރައްވައިފަ އެވެ. އަދި ގާސިމް މި ފަހުން ވަނީ ރައީސް އޮފީހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ވެސް ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުވުމަށް ފަހު ވެސް ޖޭޕީން ނިންމާނެ ގޮތަކާ ގުޅޭ ގޮތުން މާބޮޑު ތަފްސީލެއް ނޫސްވެރިންނާ ހިއްސާ ނުކުރެއްވި އެވެ.

އާ ގާނޫނުއަސާސީއަށް ފަހު މިހާތަނަށް ބޭއްވި ހުރިހާ ރިޔާސީ އިންތިހާބެއްގައި ވެސް ޖޭޕީ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ގާސިމް ނުކުންނަވަ އެވެ. އެންމެ ފަހުން 2018 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ޖޭޕީގެ ކެންޑިޑޭޓަކަށް ގާސިމް ހަމަޖައްސާފައި ވަނިކޮށް އޭރުގެ ސިޔާސީ މަސްރަހު އޮތް ގޮތުން ޕާޓީތައް އިއްތިހާދުވެ ފުރަތަމަ ބުރުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް އިންތިހާބުކޮށްފަ އެވެ.

އެ ނޫން އިންތިހާބުތަކުގައި ޖޭޕީއަކީ ތިން ވަނަ އަށް އެންމެ ގިނަ ވޯޓު ލިބޭ ޕާޓީ އެވެ. އެންމެ ގިނަ ވޯޓު ހޯދަނީ އެމްޑީޕީ އާއި ޕީޕީއެމުން ނެރޭ ކެންޑިޑޭޓުންނެވެ.

މި އިންތިހާބުގައި ޖޭޕީން ގޮތް ނިންމުން ލަސްވަނީ، ސިޔާސީ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އެމްޑީޕީ އެކުގައި ނުނިކުމެވޭ ވަރަށް ދެބައިވެފައި އޮތުމާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޖަލު ހުކުމާ ހެދި ޖުމްހޫރީ ޕާޓީއަށް ކުރިއަށް ވުރެން ފުރުސަތު ބޮޑު ކަމަށް ފެންނާތީ އެވެ.