Roadha Mihaaru
ލޯފަން މީހުން އަމިއްލައަށް ވޯޓު ލެވޭ ގޮތް ހަދައިފި

ލޯފަން މީހުން އަމިއްލައަށް ވޯޓު ލެވޭ ގޮތަށް ގާނޫނު އިސްލާހުކޮށްފި

19 ޖޫން 2023

ލޯފަން މީހުންނަށް އިތުރު މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުލެވޭ ގޮތް ހަދަން އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ލޯފަން މީހުންނަށް އިތުރު މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުލެވޭ ގޮތް ހަދަން އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

މިއަދު މަޖިލީހުން އެ ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 51 މެމްބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރު ފަރާތުން، ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހުމޫދު ހުށަހެޅުއްވި އެ އިސްލާހުގައި ވާ ގޮތުން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ވޯޓު ކަރުދާހުގައި އަމިއްލަ އަށް ފާހަގަ ޖެހުމަށް އެދޭ ނަމަ ވޯޓު ކަރުދާސް ޓެމްޕްލޭޓެއް ބޭނުން ކުރެވޭނެ އެވެ.

އެ ޓެމްޕްލޭޓު ބޭނުން ކުރެވޭނެ ހާލަތާއި އަމަލު ކުރަން ޖެހޭނެ ގޮތްތައް ވަނީ އިސްލާހުގައި ބަޔާންކޮށްފަ އެވެ.

އެއީ ވޯޓު ކަރުދާހުގެ ތެރެއަށް ލައިގެން ނުވަތަ ވޯޓު ކަރުދާހުގެ މަތީގައި ވަގުތީ ގޮތުން ހަރުކޮށްގެން، ލޯފަން މީހުންނަށް ވޯޓުލެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ އެތެރެ ފެންނަ ޕްލާސްޓިކް ޑިވައިސެއް ކަމަށް އެ އިސްލާހުގައި ވެ އެވެ.

އެ ޕްލާސްޓިކް ޓެމްޕްލޭޓްގައި ވޯޓު ދިނުމަށްޓަކައި ފާހަގަ ޖަހަން ޖެހޭ ގޮޅިއާ ދިމާލުގައި ފާހަގަ ޖެހޭ ގޮތަށް ކެނޑުމެއް ހިމެނެން ވާނެ ކަމަށް ވެސް އިސްލާހުގައި ބުނެފައި ވެ އެވެ.

ލޮލުގެ ފެނުމުން މަހްރޫމް ވެފައިވާ މީހުންގެ ވޯޓުގެ ސިއްރު ނުހިފެހެއްޓޭ ކަމުގެ ޝަކުވާ އަބަދުވެސް ކުރެ އެވެ. އެކަމަށް ހައްލެއް ގެނައުމަށް ބްލައިންޑް އެސޯސިއޭޝަނުން ދާދި ފަހުން ވަނީ ރާއްޖޭގެ އެކި މުއައްސަސާތަކާއި ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއާ ވެސް ބައްދަލުކޮށް، އެ ޝަކުވާތައް ހިއްސާ ކޮށްފަ އެވެ.