Roadha Mihaaru
ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓު ލީ 45 ލޯފަން މީހުން

ލޯފަން މީހުން ވޯޓު ލާ ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓު ލީ 45 މީހުން: އީސީ

14 ސެޕްޓެމްބަރ 2023

އިތުރު މީހެއްގެ އެހީތެރިކަމަކާ ނުލާ، ލޯފަން މީހުންނަށް ވޯޓު ލެވޭގޮތަށް ތައްޔާރުކޮށްފައިވާ ޓެމްޕްލޭޓް ބޭނުންކޮށްގެން ރިޔާސީ އިންތިހާބުގައި ވޯޓު ދީފައިވަނީ 45 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އިތުރު މީހެއްގެ އެހީތެރިކަމަކާ ނުލާ، ލޯފަން މީހުންނަށް ވޯޓު ލެވޭގޮތަށް ތައްޔާރުކޮށްފައިވާ ޓެމްޕްލޭޓް ބޭނުންކޮށްގެން ރިޔާސީ އިންތިހާބުގައި ވޯޓު ދީފައިވަނީ 45 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

މިދިޔަ ޖޫން އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހާއެކު ލޯފަން މީހުން ވޯޓުލުމަށް ބޭނުން ކުރާނީ ވޯޓު ކަރުދާހުގެ ތެރެއަށް ލައިގެން ވަގުތީ ގޮތުން ހަރު ކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އެތެރެ ފެންނަ ޕްލާސްޓިކް ޓެމްޕްލެޓެކެވެ.

އެ ޓެމްޕްލޭޓްގައި ވޯޓު ދިނުމަށްޓަކައި ފާހަގަ ޖަހަން ޖެހޭ ގޮޅިއާ ދިމާލުގައި ފާހަގަ ޖެހޭ ގޮތަށް ކެނޑުމެއް ހިމެނެ އެވެ. މިއީ މިގޮތަށް އެހީތެރިއަކާ ނުލާ ވޯޓު ދެވޭނެ އިންތިޒާމު ހަމަޖެހުނު ފުރަތަމަ ފަހަރެވެ.

ރާއްޖޭގައި އެކި މިންވަރަށް ލޯފަން ހުންނަ އާބާދީ 800 އަށް ވުރެ ގިނަ އިރު، އީސީން މިއަދު ކުރި ޓްވީޓެއްގައި ބުނީ ޓެމްޕްލޭޓު ބޭނުން ކޮށްގެން ވޯޓު ދީފައިވަނީ އެންމެ 45 މީހުން ކަމަށެވެ.

ލޯފަން މީހުންގެ ވޯޓުގެ ސިއްރު ނުހިފެހެއްޓޭ ކަމުގެ ޝަކުވާ އަބަދުވެސް އޮވެ އެވެ. އެކަމަށް ހައްލެއް ގެނައުމަށް ބްލައިންޑް އެސޯސިއޭޝަނުން ވަނީ އެކި ފަހަރު މަތިން ރާއްޖޭގެ އެކި މުއައްސަސާތަކާއި ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއާ ވެސް ބައްދަލުކޮށް، ޝަކުވާތައް ހިއްސާކޮށްފަ އެވެ.