Roadha Mihaaru
އިންތިހާބަށް ކުރިމަތިލާން އިތުރު 4 ދުވަސް ލިބޭނެ

ރިޔާސީ އިންތިހާބަށް ކުރިމަތިލާން އިތުރު ހަތަރު ދުވަސް ލިބޭނެ

23 ޖޫން 2023

ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރަން ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރަން ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފި އެވެ.

ރިޔާސީ އިންތިހާބުތަކާ ބެހޭ ގާނޫނުގެ ފަސް ވަނަ މާއްދާގައި މިހާރު ބުނާ ގޮތުން ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން އެކަމަށް އެދި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމަށް މަދުވެގެން 10 ދުވަހުގެ މުއްދަތެއް ދޭން ވާނެ އެވެ.

ނަމަވެސް ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ހުށަހަޅުއްވައި މަޖިލީހުން މިދިޔަ ހޯމަ ދުވަހު ފާސްކުރި އިސްލާހުގައި ވަނީ އެ މުއްދަތު 14 ދުވަހަށް އިތުރުކޮށްފަ އެވެ.

ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރައްވައި ގެޒެޓުގައި ޝާއިއުކުރުމާ އެކު އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލާން އިތުރު ހަތަރު ދުވަސް ލިބޭނެ އެވެ.

ރިޔާސީ އިންތިހާބާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ދީފައިވާ ތާރީހުތަކަށް ބަލާއިރު، އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލަން އޮތީ ޖުލައި 23 އިން އޮގަސްޓު 3 އާ ހަމައަށެވެ. އެކަމަކު ގާނޫނަށް މި ގެނެވުނު އިސްލާހާއެކު އެ މުއްދަތަށް އިތުރު ހަތަރު ދުވަސް އިތުރުވެގެންދާނެ އެވެ.

މިހާރު އިންތިހާބަށް ކުރިމަތިލުމަށް އޮންނަ މުއްދަތަށް ހަތަރު ދުވަސް އިތުރު ކުރާ ސަބަބާ ގުޅޭ ގޮތުން ގިނަ މަޖިލީހުގައި ކުރި ބަހުސްގެ ތެރެއިން މެންބަރުން ވަނީ ސުވާލު އުފައްދަވައިފަ އެވެ.

އެ މެމްބަރުން މައިގަނޑު ގޮތެއްގައި ފާހަގަ ކުރެއްވީ މަދުވެގެން 10 ދުވަސް ދޭންޖެހޭނެ ކަމަށް ގާނޫނުގައި އެއިރުވެސް ބަޔާންކޮށްފައި އޮތް ކަމަށެވެ. އެހެންކަމުން، ގާނޫނު އިސްލާހު ނުކުރިޔަސް 14 ދުވަހުގެ މުއްދަތެއް އިލެކްޝަންސް ކޮމިޝަނުން އަމިއްލައަށް ކަނޑައެޅުމަށް ގާނޫނުގައި ހުރަހެއް ނެތް ކަމަށް ވިދާޅުވި އެވެ.

އެހެން ނަމަވެސް ބިލު ދިފާއު ކުރައްވައި ވާހަކަ ދެއްކެވި މެންބަރުން ވަނީ ގާނޫނުގައި އެކަން ބަޔާންކުރަން އިލެކްޝަންސްއިން ބޭނުންވާއިރު، އިންތިހާބަށް ކުރިމަތިލާން އިތުރު ފުރުސަތުތައް ތަނަވަސްކޮށްދިނުމަކީ ރަނގަޅު ކަމެއް ގޮތުގައި ފާހަގަ ކުރައްވައިފަ އެވެ.