Roadha Mihaaru
ޑެޕަށް އެމްބާ ދިން ފައިސާ ފަސް ޗެރިޓީއަކަށް ބަހަނީ!

ޑެޕަށް އެމްބާ ދިން އެއް މިލިއަން ޑޮލަރު ފަސް ޗެރިޓީއަކަށް ބަހަނީ!

15 ޖޫން 2023

ހޮލީވުޑްގެ ތަރި ޖޯނީ ޑެޕް، އޭނާގެ ކުރީގެ އަންހެނުން އެމްބާ ހާޑްއާ ދެކޮޅަށް އުފުލި އަބުރުގެ ދައުވާގައި އެމްބާ ދޭން ޖެހުނު އެއް މިލިއަން ޑޮލަރު ލިބި، އެ ފައިސާ އެހީއަށް މަސައްކަތް ކޮށްދޭ ފަސް ޗެރިޓީއެއްގެ މެދުގައި ބަހާލަން ނިންމައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ހޮލީވުޑްގެ ތަރި ޖޯނީ ޑެޕް، އޭނާގެ ކުރީގެ އަންހެނުން އެމްބާ ހާޑްއާ ދެކޮޅަށް އުފުލި އަބުރުގެ ދައުވާގައި އެމްބާ ދޭން ޖެހުނު އެއް މިލިއަން ޑޮލަރު ލިބި، އެ ފައިސާ އެހީއަށް މަސައްކަތް ކޮށްދޭ ފަސް ޗެރިޓީއެއްގެ މެދުގައި ބަހާލަން ނިންމައިފި އެވެ.

ކައިވެނިކޮށްގެން އުޅުނު ދުވަސްވަރު އެމްބާއަށް ގެވެށި އަނިޔާކުރި ކަމަށް ބުނެ އޭނާ ދެއްކި ވާހަކަތަކާ ގުޅިގެން ޖޯނީއަށް ލިބުނު ގެއްލުންތަކުގެ ބަދަލުހޯދުމަށް މިދިޔަ އަހަރު އޭނާ އުފުލި އަބުރުގެ ދައުވާއާ މެދު ގޮތެއް ނުނިންމަނީސް، ދެ ފަރާތުގެ ގާނޫނީ ވަކީލުން މަޝްވަރާއަށް ފަހު ނިންމީ އެއް މިލިއަން ޑޮލަރު ދިނުމަށެވެ.

އެމްބާގެ މައްޗަށް ޖޯނީ އުފުލި އަބުރުގެ ދައުވާގެ އަޑުއެހުމުގެ ތެރެއިން

އެމްބާގެ މައްޗަށް ޖޯނީ އުފުލި އަބުރުގެ ދައުވާގެ އަޑުއެހުމުގެ ތެރެއިން

އެ ފައިސާ ބެހުމަށް ހަމަޖެހިފައި ވަނީ ކޮންމެ ޗެރިޓީއަކަށް 200،000 ޑޮލަރުގެ ރޭޓުންނެވެ. ފައިސާ ދޭން ނިންމާފައިވާ ޗެރިޓީތަކުގެ ތެރޭގައި، "މޭކް އަ ފިލްމް ފައުންޑޭޝަން"، "ދަ ޕެއިންޓެޑް ޓާޓްލް"، "ރެޑް ފެދާ"، "ޓެޓިއަރޯ ސޮސައިޓީ" އަދި "އެމަޒޮން ފަންޑް އެލައެންސް.

މައިގަނޑުގޮތެއްގައި އޭގެ ތެރޭގައި ހިމެނެނީ، ފުރާނައަށް ނުރައްކާވާ ސީރިއަސް ބަލި ކުދިންނަށް އެހީތެރިވެދޭ ފަރާތްތަކާއި، ތިމާވެށި ހިމާޔަތް ކުރުން ފަދަ ކަންކަމުގައި ހަރަކާތްތެރިވާ ފަރާތްތަކެވެ.

މިދިޔަ އަހަރުގެ ޖޫން މަހު އެ މައްސަލައިގެ އަޑުއެހުމުގައި ކޯޓުން ނިންމާގޮތެއް ބަލަން މަޑުކުރި ނަމަވެސް، ފަހުން ޑިސެމްބަރު މަހު ވަނީ ދެ ފަރާތުން އެއް މިލިއަން ޑޮލަރުން މައްސަލަ ނިންމާލަން އެއްބަސްވެފަ އެވެ. އެމްބާ ބުނިގޮތުގައި، އެއީ އޭނާ އެކަމަށް އެއްބަސްވުން ނޫން ކަމަށާއި، މައްސަލަ ނިންމާލަން އެއްބަސްވީ މުޅި ދުނިޔެއަށް ފެންނަހެން ބޭއްވި އެ އަޑުއެހުންތަކުގެ ސަބަބުން އޭނާގެ ދިރިއުޅުމަށް ނޭދެވޭ ގިނަ އަސަރުތަކެއް ކުރާތީ ކަމަށެވެ.

އެމްބާ ދާދި ފަހުން ވަނީ އޭނާގެ ދަރިފުޅާ އެކު އެމެރިކާ ދޫކޮށް، ސްޕެއިނަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ.