Roadha Mihaaru
އެމެރިކާއަށް ބަދަލުވިޔަސް އަންނަ ވޯލްޑް ކަޕު ނުކުޅޭނަން

އެމެރިކާ އަށް ބަދަލުވިޔަސް އަންނަ ވޯލްޑް ކަޕްގައި ނުފެންނާނެ: މެސީ

14 ޖޫން 2023

ބެއިޖިން (ޖޫން 14) - އެމެރިކާގެ އިންޓަ މިއާއީ އަށް ބަދަލުވިޔަސް 2026 ވަނަ އަހަރު އޮންނާ ފީފާ ވޯލްޑް ކަޕްގައި ކުޅުމުގެ ވިސްނުން ނެތްކަމަށް ބުނިބުނުން ލިއޮނެލް މެސީ ތަކުރާރު ކޮށްފި އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

ބެއިޖިން (ޖޫން 14) - އެމެރިކާގެ އިންޓަ މިއާއީ އަށް ބަދަލުވިޔަސް 2026 ވަނަ އަހަރު އޮންނާ ފީފާ ވޯލްޑް ކަޕްގައި ކުޅުމުގެ ވިސްނުން ނެތްކަމަށް ބުނިބުނުން ލިއޮނެލް މެސީ ތަކުރާރު ކޮށްފި އެވެ.

މިދިޔަ އަހަރު ގަތަރުގައި އޮތް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އާޖެންޓީނާ އަށް ހޯދައިދިނުމަށް ފަހު މެސީ ބުނީ 2026 ވަނަ އަހަރު އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯގައި އޮންނަ ވޯލްޑް ކަޕުން އޭނާ ނުފެންނާނެ ކަމަށެވެ. އެކަމަކު ޕީއެސްޖީ ދޫކޮށް އެމެރިކާގެ ކްލަބަކަށް މެސީ ބަދަލުވުމާ އެކު، އެގައުމުގައި އޮންނަ ވޯލްޑް ކަޕުން މެސީ ފެނިދާނެތޯ ގިނަ ބަޔަކު އައީ ސުވާލުކުރަމުންނެވެ.

ޗައިނާގެ ނޫޙަކުން މެސީ އަށް ކުރި ސުވާލަށް ދިން ޖަވާބުގައި އޭނާ ބުނީ ކުރިން ވެސް އޭނާ ނިންމާފައިވާ ނިންމުން އޮތީ އެގޮތަށް ކަމަށެވެ. އެމެރިކާގައި އޮންނަ ވޯލްޑް ކަޕްގައި އާޖެންޓީނާގެ ޓީމަށް ކުޅުމުގެ ވިސްނުން ނެތް ކަމަށް، މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް އާޖެންޓީނާ އަށް ހޯދައިދިން ކެޕްޓަން ބުންޏެވެ.

"އަހަރެން 2026 ގެ ވޯލްޑް ކަޕްގައި ނުފެންނާނެ. ގަތަރު ވޯލްޑް ކަޕަކީ އަހަރެންގެ އެންމެ ފަހު ވޯލްޑް ކަޕް. ކަންކަން ދާގޮތް ބަލަން މިހުރީ. އެކަމަކު ހަގީގަތަށް ވިސްނާއިރު އަހަރެން އަންނަ ވޯލްޑް ކަޕްގައި ނުފެންނާނެ" މެސީ ބުނެފައި ވެ އެވެ.

މިދިޔަ ވޯލްޑް ކަޕަށް ފަހު އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީ ވަނީ 2026 ވަނަ އަހަރު އޮންނަ ވޯލްޑް ކަޕްގައި އާޖެންޓީނާގެ ޓީމުން މެސީ ފެންނަން ބޭނުންވާ ކަމަށް ބުނެފަ އެވެ. ސްކަލޯނީ ބުނީ އެންމެ ފުރަތަމަ ވިސްނާނީ ވޯލްޑް ކަޕަށް ކޮލިފައިވާން ކަމަށާއި އުއްމީދަކީ މެސީ ވޯލްޑް ކަޕުން ފެނުން ކަމަށެވެ.

އާޖެންޓީނާ އިން 36 އަހަރުގެ މެދުކެނޑުމަކަށް ފަހު ހޯދި ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމް މެސީ ވަނީ ހޯދައިފަ އެވެ. ގައުމީ ޓީމަށް ކުޅުނު 174 މެޗުގައި މެސީ ވަނީ 102 ގޯލު ޖަހައިފަ އެވެ.

އާޖެންޓީނާ އިން މިހާރު ތައްޔާރުވަމުން އަންނަނީ މި މަހު ކުޅޭ އެކުވެރިކަމުގެ ދެ މެޗަށެވެ. ފުރަތަމަ މެޗުގައި މާދަމާ އޮސްޓްރޭލިއާއާ ދެކޮޅަށް ނުކުންނައިރު ދެ ވަނަ މެޗުގައި މި މަހުގެ 19 ވަނަ ދުވަހު ކުޅޭނީ އިންޑޮނީޝިއާއާ އެވެ.