Roadha Mihaaru
މެސީގެ ރެކޯޑްތަކާއެކު އާޖެންޓީނާ ފައިނަލަށް

މެސީގެ ރެކޯޑްތަކާއެކު އާޖެންޓީނާ ވޯލްޑް ކަޕުގެ ފައިނަލަށް

14 ޑިސެމްބަރ 2022

ލުސައިލް (ޑިސެމްބަރު 14) - ކެޕްޓަން ލިއޮނެލް މެސީގެ ރެކޯޑްތަކާއެކު، އެންމެ ފަހުގެ ރަނަރަފް ކްރޮއޭޝިއާ، 3-0 ން ބަލިކޮށް އާޖެންޓީނާ ވޯލްޑް ކަޕުގެ ފައިނަލަށް ދަތަރު ކޮށްފި އެވެ.

ލުސައިލް (ޑިސެމްބަރު 14) - ކެޕްޓަން ލިއޮނެލް މެސީގެ ރެކޯޑްތަކާއެކު، އެންމެ ފަހުގެ ރަނަރަފް ކްރޮއޭޝިއާ، 3-0 ން ބަލިކޮށް އާޖެންޓީނާ ވޯލްޑް ކަޕުގެ ފައިނަލަށް ދަތަރު ކޮށްފި އެވެ.

މި މެޗުގައި މެސީ ވަނީ ދެ ރެކޯޑެއް ހަދައިފަ އެވެ. ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީން ލަނޑު ޖަހައި މެސީ ވަނީ ވޯލްޑް ކަޕުގައި އާޖެންޓީނާގެ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ. މީގެ ކުރިން އެ ރެކޯޑް އޮންނާނީ ކުރީގެ ފޯވާޑް ގެބްރިއަލް ބަޓިސްޓޫޓާ އަތުގަ އެވެ. އޭނާ ވަނީ ވޯލްޑް ކަޕުގައި އާޖެންޓީނާގެ ޓީމަށް 10 ލަނޑު ޖަހައިދީފަ އެވެ. މެސީ މިރޭ ޖެހި ލަނޑާއެކު އޭނާ ވަނީ ވޯލްޑް ކަޕުގައި އޭނާ ޖެހި ލަނޑުގެ އަދަދު 11 އަށް ގެންގޮސްފަ އެވެ.

މެސީގެ ދެވަނަ ރެކޯޑަކީ ވޯލްޑް ކަޕުގައި އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ ރެކޯޑާ ހަމަހަމަ ކުރުމެވެ. މިރޭގެ މެޗާ ހަމައަށް މި ރެކޯޑް ޑޮމިނޭޓް ކުރި ކުޅުންތެރިޔަކީ ޖަރުމަންގެ ކުރީގެ ކުޅުންތެރިޔާ ލޯތާ މެތެއުސް އެވެ. މިރޭ މެސީ ވަނީ 25 މެޗު ހަމަކޮށް ލޯތާގެ ރެކޯޑާ ހަމަހަމަކޮށްފަ އެވެ. ވޯލްޑް ކަޕު ފައިނަލުގައި މެސީ ކުޅެފިނަމަ އޭނާ އަށް ލޯތާގެ ރެކޯޑް މުގުރާލެވޭނެ އެވެ.

ސަރަހައްދީ ފުޓްބޯޅައިގައި އާޖެންޓީނާ އާ އެންމެ ވާދަވެރި ބްރެޒިލް ބަލިކޮށް ސެމީ ފައިނަލަށް ދަތުރު ކުރި ކްރޮއޭޝިއާ ޓީމަށް، އާޖެންޓީނާ ކައިރީގައި އެ ހިތްވަރެއް ނުދެއްކުނެވެ. އެ ޓީމު ކުޅެން ބޭނުންވި ގޭމް ކުޅުމުގެ ފުރުސަތެއް ވެސް އާޖެންޓީނާގެ ޓީމުން ނުދެ އެވެ.

މެޗުގެ 34 ވަނަ މިނެޓްގައި މެސީ ޖެހި ޕެނަލްޓީއަކީ ކްރޮއޭޝިއާގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެ ޓީމުގެ ކީޕަރު ޑޮމިނިކް ލިވަކޮވިޗް، އާޖެންޓީނާގެ ހޫލިއަން އަލްވަރޭޒް އަށް ފައުލު ކުރުމުން ދިން ޕެނަލްޓީއެކެވެ.

އޭގެ ފަސް މިނެޓް ފަހުން އަލްވަރޭޒް ވަނީ އާޖެންޓީނާ އަށް ލީޑް ފުޅާކޮށް ދީފަ އެވެ. ކައުންޓަ އެޓޭކުގައި އުފެއްދި ހަމަލާގައި އަލްވަރޭޒް ވަނީ އޭރިއާ ތެރެއަށް ވަދެ ކްރޮއޭޝިއާގެ ޑިފެންޑަރުން ކައިރިން ވެސް ނައްޓާލައި ކީޕަރު ލިވަކޮވިޗަށް ވެސް ފުރުސަތެއް ނުދީ ގޯލްގެ ތެރެއަށް ބޯޅަ ވައްދައިލައިފަ އެވެ.

ދެވަނަ ހާފުގައި އަލްވަރޭޒް ވަނީ އާޖެންޓީނާގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. މެސީ އޭރިއާގެ އަރިމަތަިން އޭރިއާގެ ތެރެއަށް ވަދެ ނަގައިދިން ބޯޅަ އަލްވަރޭޒް ވަނީ ތިރިތިރިން ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެ.

މުޅި މެޗުގައި ވެސް ކްރޮއޭޝިއާ ޓީމަށް އާޖެންޓީނާގެ ގޯލަށް ރަނގަޅު ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެ އެވެ.

އަންނަ އާދިއްތަ ދުވަހުގެ ރޭ ކުޅޭ ފައިނަލު މެޗުގައި އާޖެންޓީނާ އާ ދެކޮޅަށް ނުކުންނާނެ ޓީމެއް ކަށަވަރު ވާނީ މާދަމާ ރޭ ކުޅޭ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ފްރާންސާއި މޮރޮކޯގެ މެޗުންނެވެ. ކްރޮއޭޝިއާ އަށް އަދި މުބާރާތުގެ ތިންވަނަ ހޮވާ މެޗު އެބައޮތެވެ. ފްރާންސާއި މޮރޮކޯގެ މެޗުން ބަލިވާ ޓީމަކާ ދެކޮޅަށް ކުޅޭ ތިންވަނަ ހޮވާ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.