Roadha Mihaaru
ޕްރެޝަރު އޮތީ އާޖެންޓީނާ އަށް: ޑަލިޗް

ޕްރެޝަރު އޮތީ އާޖެންޓީނާ އަށް: ޑަލިޗް

13 ޑިސެމްބަރ 2022

ލުސައިލް (ޑިސެމްބަރު 13) - ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި މިރޭ ޕްރެޝަރު އޮތީ އާޖެންޓީނާ އަށް ކަމަށް، އެ ޓީމާ ދެކޮޅަށް ނުކުންނަ ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑަލިޗް ބުނެފި އެވެ.

ލުސައިލް (ޑިސެމްބަރު 13) - ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި މިރޭ ޕްރެޝަރު އޮތީ އާޖެންޓީނާ އަށް ކަމަށް، އެ ޓީމާ ދެކޮޅަށް ނުކުންނަ ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑަލިޗް ބުނެފި އެވެ.

އެންމެ ފަހުގެ ވޯލްޑް ކަޕުގެ ގުރޫޕް ސްޓޭޖުގައި ކްރޮއޭޝިއާއިން ވަނީ އާޖެންޓީނާގެ މައްޗަށް 3-0 ން މޮޅުވެފަ އެވެ. އެ މުބާރާތުގެ ފައިނަލަށް ކްރޮއޭޝިއާ ގެންގޮސް ދިން ކޯޗު ޑަލިޗް ބުނީ ސެމީ ފައިނަލަށް ދިއުމުން އާޖެންޓީނާގެ ޓީމަށް ބޮޑު ހިތްވަރެއް ލިބިފައިވާ ކަމަށެވެ.

"ލިއޮނެލް މެސީ ލީޑް ކުރާ ވަރުގަދަ އާޖެންޓީނާ ޓީމަށް ވަނީ ބޮޑު ހިތްވަރެއް ލިބިފައި. އެކަމަކު މި ވަގުތު ކްރޮއޭޝިއާގެ ޓީމަށް ވުރެ ބޮޑަށް އެ ޓީމު އޮތީ މާ ބޮޑު ޕްރެޝަރެއްގައި،" ޑަލިޗް ބުންޏެވެ.

"އާޖެންޓީނާ ކުޅޭ ގޮތް އަހަރެމެން ބަލައި ދިރާސާކޮށްފިން. އަހަރެމެންނަށް އެނގޭ އެ ޓީމުން ކިހިނެއް ކުޅެގެންކަން ނަތީޖާ ނެރެނީ. އެކަންކަމާ ކުރިމަތިލާން އަހަރެމެން މިތިބީ ތައްޔާރު ވެގެން."

އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކޮލާނީ ވެސް ބުނީ ކްރޮއޭޝިއާގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެންނާނެ ކަމަށް އޭނާ ލަފާ ކުރާ ކަމަށެވެ.

"އެ މީހުންނަކީ ވަރަށް ފުރިހަމަ ޓީމެއް. އެ ޓީމުން ކުޅެނީ ޑިފެންސިވް ގޭމެއް ވެސް ނޫން އަދި އެޓޭކިން ގޭމެއް ވެސް ނޫން. އެ ޓީމުގައި އޮވޭ އަމިއްލަ ސްޓައިލެއް. އަހަރެމެން ވެސް އަހަރެމެންގެ ސްޓައިލްގައި ކުޅޭނަން." ސްކޮލާނީ ބުންޏެވެ.

މިރޭގެ މެޗު ފަށާނީ ރާއްޖޭގަޑިން ދަންވަރު 12 ޖަހާއިރު އެވެ. މިރޭގެ މެޗުން މޮޅުވާ ޓީމެއް ފައިނަލުގައި ވާދަކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ނުވަތަ މޮރޮކޯ އާ ދެކޮޅަށެވެ. އެ ދެ ޓީމު ބައްދަލު ކުރާ މެޗު މާދަމާ ރޭ އޮންނާނެ އެވެ.