Roadha Mihaaru
"އާޖެންޓީނާ ޓީމެއްގެ ގޮތުގައި ނުކުޅޭ"

"މެސީ މޮޅު، އެކަމަކު އާޖެންޓީނާ ޓީމެއްގެ ގޮތުގައި ނުކުޅޭ"

22 ޖޫން 2018

ނިޒްނީ ނޮވޮގޮރޮޑް (ޖޫން 22) – ލިއޮނަލް މެސީ މޮޅު ކަމަށާއި އެކަމަކު އާޖެންޓީނާ އަށް ކަމެއް ހާސިލްކުރެވޭނީ ޓީމެއްގެ ގޮތުގައި ކުޅެން ދަސްކޮށްގެން ކަމަށް ވޯލްޑް ކަޕުގައި ރޭ އެ ޓީމު އަތުން 3-0 އިން މޮޅުވި ކްރޮއޭޝިއާގެ ވިންގާ އިވާން ޕެރިސިޗް ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ނިޒްނީ ނޮވޮގޮރޮޑް (ޖޫން 22) – ލިއޮނަލް މެސީ މޮޅު ކަމަށާއި އެކަމަކު އާޖެންޓީނާ އަށް ކަމެއް ހާސިލްކުރެވޭނީ ޓީމެއްގެ ގޮތުގައި ކުޅެން ދަސްކޮށްގެން ކަމަށް ވޯލްޑް ކަޕުގައި ރޭ އެ ޓީމު އަތުން 3-0 އިން މޮޅުވި ކްރޮއޭޝިއާގެ ވިންގާ އިވާން ޕެރިސިޗް ބުނެފި އެވެ.

ކްރޮއޭޝިއާ އިން 1998 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް މުބާރާތުގެ ދެ ވަނަ ބުރުން ރޭ ޖާގަ ހޯދިއިރު ޖުމްލަކޮށް މުޅި ޓީމުން މޮޅު ކުޅުމެއް ދެއްކި އެވެ. އަނެއްކޮޅުން މި މެޗުން ބަލިވުމުން އާޖެންޓީނާ އަށް ވަނީ ގްރޫޕް ސްޓޭޖުން ކެޓުމުގެ ބިރާ ކުރިމަތިވެފަ އެވެ.

"މެސީ އަކީ އެންމެ މޮޅު ކުޅުންތެރިއާ، ކްރިސްޓިއާނޯ ރޮނާލްޑޯ ފަދައިން. އެކަމަކު ކަމެއް ހާސިލްކުރެވޭނީ ޓީމެއްގެ ގޮތުގައި ކުޅެގެން. އާޖެންޓީނާ އިން އެބަޖެހޭ ބަދަލުތަކެއް ގެންނަން ކުރިއަށްދަންޏާ،" ޕެރިސިޗް ބުންޏެވެ.

އޭނާ ބުނީ ކްރޮއޭޝިއާ އޮތީ 1998 ވަނަ އަހަރުގެ ކާމިޔާބީ ތަކުރާރުކުރުމަށް ރަނގަޅު ޓްރެކުގައި ކަމަށާއި މިގޮތުގައި ކުރިއަށްދާން ޖެހޭ ކަމަށެވެ.

"އަހަރެމެން ވަރަށް ރަނގަޅަށް ކުޅުނިން. ޗޭންޖިން ރޫމުގެ ތެރޭގައި އަހަރެމެން ބުނިން ހިތްވަރާ އެކު ޑިފެންސްކުރަން ޖެހޭނެޔޭ އަދި އެގޮތަށް އަމަލުކުރިން. އަހަރެމެންނަށް ފުރަތަމަ ހާފުގައި ވެސް ފުރުސަތުތަކެއް ލިބުނު. އެއަށް ފަހު ދެ ވަނަ ހާފުގައި ގޯލްތައް އަންނަން ފެށީ. އަހަރެމެން އަތުގައި އޮތީ ހައްގު ހަ ޕޮއިންޓް، ދެން މިހާރު ބޭނުންވަނީ އައިސްލެންޑް ވެސް ބަލިކުރަން،" ޕެރިސިޗް ބުންޏެވެ.

އައިސްލެންޑް އަތުން އެންމެ ޕޮއިންޓެއް ހޯދައިގެން ވެސް ކްރޮއޭޝިއާ އަށް ގްރޫޕުގެ އެއް ވަނަ ލިބޭނެ އެވެ. ގްރޫޕް އެފް ގެ އެއް ވަނަ ފްރާންސް ހޯދާނެ ކަމަށް ބެލެވޭއިރު އެ ޓީމާ ނުޖެހި ސަލާމަތްވާނީ ކްރޮއޭޝިއާ އިން އެއް ވަނަ ހޯދައިގެންނެވެ.

އެ ޓީމުގެ ކެޕްޓަން ލޫކާ މޮޑްރިޗް ބުނީ އާޖެންޓީނާ އަތުން 3-0 އިން ލިބުނީ ހައްގު މޮޅެއް ކަމަށާއި އެކަމަކު ހަމަ ބިމުގައި ތިބެން ޖެހޭ ކަމަށެވެ.

"ޔަގީން މި މޮޅުގެ ސަބަބުން ދެން އަންނަ މެޗަށް އަހަރެމެންގެ އިތުބާރު ބޮޑުވާނެ. އަދި އަހަރެމެން ދައްކުވައިދީފިން އަހަރެމެންނަށް މެޗުގެ ތެރޭގައި ފުރުސަތު ހޯދޭނެކަން، އެކަމަކު ހިނގާ އަހަރެމެން ހަމަބިމުގައި ތިބެމާ،" މޮޑްރިޗް ބުންޏެވެ.

އޭނާ ބުނީ ފުރަތަމަ ހާފުގައި އާޖެންޓީނާގެ އަތުގައި ބޯޅަ އޮތްއިރު މެސީ އަށް ބޯޅަ ލިބުނަނުދީ ހިފެހެއްޓިން ކަމަށާއި އެކަމަކު އެ ހާފުގައި ވެސް ކްރޮއޭޝިއާ އަށް ގޯލް ޖަހަން ފުރުސަތު ލިބުނު ކަމަށެވެ. އަދި ދެ ވަނަ ހާފުގައި މެޗު ހުޅުވިގެން ދިޔަ ކަމަށާއި މިއީ ކްރޮއޭޝިއާ ހައްގު މޮޅެއް ކަމަށް ބުންޏެވެ.