Roadha Mihaaru
ވަޅުލާން ގެންދަނިކޮށް ސަންދޯކު ތެރެއިން ޓަކިޖަހައިފި

އިކުއެޑޯގައި ވަޅުލާން ގެންދަނިކޮށް ސަންދޯކު ތެރެއިން ޓަކިޖަހައިފި

13 ޖޫން 2023

ކީޓޯ، އިކުއެޑޯ (ޖޫން 13) - އިކުއެޑޯގެ ޕްރޮވިންސެއް ކަމަށްވާ ބަބަހޯޔޯގައި މިދިޔަ ހުކުރު ދުވަހު ބޭއްވި ޖަނާޒާއެއްގައި، އުމުރުން 76 އަހަރުގެ އަންހެނަކު ސަންދޯކު އަޅައިގެން ވަޅުލާން ގެންދަނިކޮށް، ނޭވާ ލާން ފެށުމާ ގުޅިގެން އަނެއްކާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފި އެވެ.

ކީޓޯ، އިކުއެޑޯ (ޖޫން 13) - އިކުއެޑޯގެ ޕްރޮވިންސެއް ކަމަށްވާ ބަބަހޯޔޯގައި މިދިޔަ ހުކުރު ދުވަހު ބޭއްވި ޖަނާޒާއެއްގައި، އުމުރުން 76 އަހަރުގެ އަންހެނަކު ސަންދޯކު އަޅައިގެން ވަޅުލާން ގެންދަނިކޮށް، ނޭވާ ލާން ފެށުމާ ގުޅިގެން އަނެއްކާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފި އެވެ.

ބެލާ މޮންޓޯޔޯ ނަމަކަށް ކިޔާ އެ އަންހެން މީހާ މަރުވި ކަމަށް، އޭނާ އެޑްމިޓްކޮށްފައި އޮތް ހޮސްޕިޓަލުގެ ޑޮކްޓަރުން މިދިޔަ ހަފުތާގައި ނިންމީ، އޭނާއަށް ސްޓްރޯކެއް ޖެހިގެން ފަރުވާ ދެމުން ދަނިކޮށް، ހަށިގަނޑުގެ ހަރަކާތް މުޅިން ހުއްޓި ނޭވާލުން ވެސް ހުއްޓުމާ ގުޅިގެންނެވެ. އޭނާ މަރުވިކަމަށް ޑޮކްޓަރުން ނިންމުމާ ގުޅިގެން، އާއިލާގެ މެންބަރުން މައްޔިތާގެ ހަށިގަނޑާ ހަވާލުވެ ގެއަށް ގެންގޮސް ކަށުކަމާކެމީގެ ކަންތައް ފެށި އެވެ.

މަރުވިކަމަށް ނިންމިތާ ފަސް ގަޑިއިރު ފަހުން، އޭނާގެ ހަށިގަނޑު ސަންދޯކުގައި ބާއްވައި އޭނާ އަށް އެންމެ ފަހުގެ އިހްތިރާމް އަދާކުރުމުގެ ގޮތުން، ރަހުމަތްތެރިންނާއި އަވައްޓެރިން ޒިޔާރަތް ކުރަމުން ދިޔަ އެވެ. އެ ވަގުތު ސަންދޯކުގެ ކައިރީގައި ހުރި، މައްޔިތާގެ ތިމާގެ މީހަކަށް ފާހަގަކުރެވުނީ ސަންދޯކުގެ ތެރެއިން އަޑެއް އިވޭ ކަމެވެ.

ރަނގަޅަށް ވިސްނައިލުމުން އެނގުނީ ސަންދޯކުގެ އެތެރެއިން ސަންދޯކުގައި ތަޅާ ކަމެވެ. އާއިލާގެ މީހުން ވަގުތުން ސަންދޯއް ހުޅުވައި ބެލި އިރު، ސަންދޯކުގައި އޮތް މީހާ ފުން ގޮތަކަށް ނޭވާލާން މަސައްކަތް ކުރެ އެވެ.

"މަންމަގެ ވާތުން ސަންދޯކުގެ ބިތުގައި ތަޅަން ފެށީ. އެއާ އެކު ސަންދޯއް ގުޑާކަން ވެސް އަހަރެމެންނަށް ފާހަގަކުރެވުނު. ދެން އަވަހަށް ސަންދޯއް ހުޅުވައިގެން ބެލި އިރު މަންމަ ނޭވާލާން މަސައްކަތް ކުރޭ،" ބެލާ މޮންޓޯޔޯގެ ފިރިހެން ދަރި ގިލްބާޓް ބަލްބޭރަން ބުންޏެވެ.

އޭނާ ބުނި ގޮތުގައި މަންމަ ވަޅުލަން ނިންމީ، މަންމަ މަރުވި ކަމަށް ނިންމައި ޑޮކްޓަރުން މަރު ސެޓްފިކެޓް ވެސް ދިނުމުންނެވެ. އަދި މަންމަ އަލުން ނޭވާ ލާން ފެށިއިރު، މަރު ސެޓްފިކެޓް ދިންތާ ވެސް ހަ ގަޑިއިރު ވާން ކައިރިވެފައިވާ ކަމަށް އޭނާ ބުންޏެވެ.

މަރުވި ސަބަބެއް ކަމަށް މަރު ސެޓްފިކެޓްގައި ބުނެފައި އޮތީ، ކާޑިއޯރެސްޕިރޭޓަރީ އެރެސްޓް އެވެ. އެއީ ހިތުގެ ހިނގުން ހުއްޓި ނޭވައިލުން ވެސް ހުއްޓުމެވެ. އަދި އެފަދަ ހާލަތުގައި ނޭވާ ލެއްވުމަށް ބޭނުންކުރާ އާލާތްތައް ބޭނުންކުރުމުން ވެސް ފުއްޕާމޭ އެއްވެސް ވަރަކަށް ހަރަކާތް ނުކުރުމުން، ޑޮކްޓަރުން ނިންމީ އޭނާ މަރުވީ ކަމަށެވެ.

ސަންދޯކު އަޅާފައި ވަނިކޮށް އަލުން ނޭވާ ލާން ފެށުމާ އެކު، އޭނާ އަށް އިތުރު ފަރުވާ ދެމުން އަންނަނީ ވެސް، އޭނާ މަރުވި ކަމަށް ނިންމި ހޮސްޕިޓަލުގަ އެވެ. މި ހާދިސާއާ ގުޅިގެން، އެކަން ހިނގައި ދިޔަ ގޮތް ބަލައި އިހުމާލުވި މީހުންނަކީ ކޮބައިކަން ދެނެގަތުމަށް، އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާ އިން މިހާރު ވަނީ ފަންނީ މާހިރުންގެ ޓީމެއް އެކުލަވާލައިފަ އެވެ.

މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ އިރު، ހަށިގަނޑުގެ ގުނަވަންތައް ވެސް ހަރަކާތް ކުރާ ކަމަށާއި، ކުރިއަށް ވުރެ ހާލަތު ރަނގަޅު ކަމަށް އާއިލާ އިން ބުނެ އެވެ.

މިދިޔަ އަހަރު ވެސް އިކުއެޑޯގައި ވަނީ މިފަދަ ހާދިސާއެއް ހިނގައިފަ އެވެ. އުމުރުން ތިން އަހަރުގެ އަންހެން ކުއްޖަކު މަރުވެގެން ސަންދޯކު އަޅައި ވަޅުލުމުގެ ކުރިން މޫނު ދެއްކުމަށް ބާއްވާފައި އޮއްވާ، ސަންދޯކުގެ މަތިން ޖަހާފައި އޮތް ބިއްލޫރިގަނޑުގެ ދަށް ފަރާތުން އާވި އުފެދި ފުސްވަމުންދާ ކަން ފާހަގަކުރެވިގެން ބެލިއިރު، އެ ކުއްޖާ ދިޔައީ ނޭވާ ލަމުންނެވެ.

އެ ކުއްޖާ ސަންދޯކުން ނަގައިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވީ އޭގެ އެއް ދުވަސް ފަހުންނެވެ.