Roadha Mihaaru
ކުޑަހުވަދޫގައި މޯޗަރީއެއް ހުޅުވައިފި

ކުޑަހުވަދޫގައި މޯޗަރީއެއް ހުޅުވައިފި

27 މާޗް 2024

ދ. ކުޑަހުވަދޫގައި މޯޗަރީއެއް އިއްޔެ ހުޅުވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދ. ކުޑަހުވަދޫގައި މޯޗަރީއެއް އިއްޔެ ހުޅުވައިފި އެވެ.

މާލެ ފަޔަވައި ރަށެއްގެ ހުޅުވި މިއީ ދެވަނަ މޯޗަރީ އެވެ. ދެން މޯޗަރީއެއް ހުންނަނީ ލ. ހިތަދޫގަ އެވެ.

ކުޑަހުވަދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި މޯޗަރީ ހުޅުވައިދެއްވީ ސިޓީ، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފެވެ.

އެ މޯޗަރީގައި އެއްފަހަރާ ތިން މީހުންގެ ހަށިގަނޑު ފިނި ކުރެވޭނެ އެވެ. އެތަން ހަދާފައި ވަނީ ހިނަވާ ގެއަކާ ވެސް އެކުގަ އެވެ.

ދ. ކުޑަހުވަދޫގައި މޯޗަރީއެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ކުޑަހުވަދޫ ކައުންސިލް

ދ. ކުޑަހުވަދޫގައި މޯޗަރީއެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ކުޑަހުވަދޫ ކައުންސިލް

އެއާޕޯޓެއް އޮތް ކުޑަހުވަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ފިކުރީ ވިދާޅުވީ ރިސޯޓުތަކުގައި މަރުވާ ޓޫރިސްޓުންގެ ހަށިގަނޑު ވައިގެމަގުން މާލެ ގެނައުމަށް ވަރަށް ގިނައިން އެ ރަށަށް ގެންދާ ކަމަށެވެ. އަދި އެ ހަށިގަނޑުތައް ކުނިވުމުގެ ކުރިން މާލެ ގެނައުމަށް ބޮޑެތި ތަކުލީފުތައް އުފުލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް ފަހަރަށް މިކޮޅަށް ގެނެސް އައިސް އަޅާފައި އެބަ ބާއްވާ ގިނައިރުތަކެއް ވަންދެން ފްލައިޓެއް ހަމަޖެހެންދެން. އަހަރަކު މިހެން ތިން ހަތަރު ޓޫރިސްޓުން ގެނޭ. ކައިރި އެހެން އަތޮޅުތަކުގެ ރިސޯޓުތަކުން ވެސް ގެނޭ،" އޭނާ ވިދާޅުވި އެވެ.

އެ ރަށުގައި މޯޗަރީއެއް ހެދުމަށް ކައުންސިލުން ނިންމީ އެ ތަކުލީފަށް ލުޔެއް ހޯދައިދިނުމަށެވެ.

ދ. ކުޑަހުވަދޫގައި ހުޅުވި މޯޗަރީގައި ހުންނަ މޯޗަރީ ކެބިނެޓް ނުވަތަ ފްރީޒާ.-- ފޮޓޯ: ކުޑަހުވަދޫ ކައުންސިލް

ދ. ކުޑަހުވަދޫގައި ހުޅުވި މޯޗަރީގައި ހުންނަ މޯޗަރީ ކެބިނެޓް ނުވަތަ ފްރީޒާ.-- ފޮޓޯ: ކުޑަހުވަދޫ ކައުންސިލް

އެ މޯޗަރީގެ އިމާރާތަށް ކައުންސިލުން 350،000ރ. ހަރަދުކުރި އެވެ. އަދި ހަށިގަނޑުތައް ފިނިކުރަން ބާއްވާ މޯޗަރީ ކެބިނެޓް ނުވަތަ ފްރީޒާ ހަދިޔާކުރީ ބްރައިޓް ބްރަދާސް ޕްރައިވެޓް ލިމިޑެޓުންނެވެ.

މޯޗަރީގެ އަގުތައް ވެސް ކަނޑައަޅާފައި ވަނީ މާލެއާ އެއް އަގެއްގައި ކަމަށް ފިކުރީ ވިދާޅުވި އެވެ.

ފިކުރީ ވިދާޅުވި ގޮތުގައި، ރަށުގައި އާންމު ހިދުމަތްތައް ގާއިމްކުރުމަށް ކައުންސިލުން ހާއްސަ އިސްކަމެއް ދެ އެވެ. އަދި އެ ރަށު ކައުންސިލުން ގެންގުޅޭ ސިޔާސަތުގެ ދަށުން ރަށުން ވިޔަފާރީގެ ބޭނުމަށް ބިންތައް ކުއްޔަށް ދެނީ ސީއެސްއާރުގެ ދަށުން ރަށަށް ފައިދާވާނެ ކޮންމެވެސް ކަމެއް ކޮށްދޭން ޝަރުތުކޮށްފަ އެވެ.

"ބްރައިޓް ބްރަދާސްއަކީ މި ރަށުގައި ޕެޓްރޯލް ވިއްކާ ބައެއް. އެ ކުންފުންޏަށް ކުއްޔަށް ދީފައި އޮންނަ ބިމުގެ މުއްދަތު އާކުރި އިރު، އެ ކުންފުންޏަށް އަޅުގަނޑުމެން ލާޒިމްކުރީ ސީއެސްއާރު ކަމެއްގެ ގޮތުގައި ރަށަށް މުހިންމު ކަމެއް ކޮށްދޭން. މި މޯޗަރީ އަކީ އަޅުގަނޑުމެންނަށް މުހިންމު ކަންތައްތަކުގެ ތެރެއިން އެ ބޭފުޅުން ނެގި ކަންތައް،" އޭނާ ވިދާޅުވި އެވެ.

ދ. ކުޑަހުވަދޫގެ މޯޗަރީ މިނިސްޓަރު އާދަމް ޝަރީފް ހުޅުވައިދެއްވަނީ.-- ފޮޓޯ: ކުޑަހުވަދޫ ކައުންސިލް

ދ. ކުޑަހުވަދޫގެ މޯޗަރީ މިނިސްޓަރު އާދަމް ޝަރީފް ހުޅުވައިދެއްވަނީ.-- ފޮޓޯ: ކުޑަހުވަދޫ ކައުންސިލް

މި މޯޗަރީ ބެލެހެއްޓުމުގެ މަސައްކަތް ކުރާނީ ކުޑަހުވަދޫ ކައުންސިލުންނެވެ.

މާލޭ ސިޓީ ކައުންސިލުން ބަލަހައްޓާ ގަލޮޅު މޯޗަރީގައި އެއް ފަހަރާ 12 މީހުންގެ ހަށިގަނޑު ފިނި ކުރެވެ އެވެ. އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ވެސް މަރުވާ މީހުންގެ ހަށިގަނޑު ފިނިކުރެވޭނެ ނިޒާމެއް ހުރެ އެވެ.