Roadha Mihaaru
ގެއެއްގައި މަރުވެ، ކުނިވެފައި އޮތް މީހަކު ފެނިއްޖެ

ޑޮކްޓަރަށް ދައްކަން މާލެ އައި މީހަކު ގެއެއްގެ ތެރޭގައި މަރުވެ، ކުނިވެފައި އޮއްވައި ފެނިއްޖެ

27 ޖެނުއަރީ 2024

މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެހި ފިރިހެނަކު މިރޭ ފެނިއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެހި ފިރިހެނަކު މިރޭ ފެނިއްޖެ އެވެ.

ނިކަގަސް މަގުގައި ހުރި ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނީ އުމުރުން 67 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މީޑިއާއާ ހިއްސާކުރި މައުލޫމާތުތަކުގައިވާ ގޮތުން އެއީ ޑޮކްޓަރަށް ދައްކަން މާލެ އައި މީހެކެވެ. ނަމަވެސް އެ މީހާގެ ޚަބަރެއް ނުވެގެން މިރޭ 8:50 ހާއިރު ރިޕޯޓެއް ލިބިގެން އެ މީހާ މާލޭގައި ހުރި ގެ އަށް ގޮސް ޗެކްކުރީ އެވެ.

އެ މީހާ ދިރިއުޅޭ ކޮޓަރި އަށް ފުލުހުން ވަދެ ބެލިއިރު، ފެނުނީ މަރުވެފައި އޮއްވައި ކަމަށް ފުލުހުން ބުންޏެވެ.

މައުލޫމާތު އެނގޭ ބައެއް މީހުން ބުނީ، އެ ސަރަހައްދުން ކުނިވަހެއް ދުވާތާ 2-3 ދުވަސް ވެއްޖެ އެވެ. އެ މީހާގެ ހަށިގަނޑު ގެންދިޔައީ އައިޖީއެމްއެޗަށް ކަމަށާއި އޭނާ މަރުވެ، ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެ، ހަލާކުވެފައި ކަމަށް ވެސް އެ ސަރަހައްދުގައި ތިބި ބައެއް މީހުން ބުންޏެވެ.

އެ މީހާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.