Roadha Mihaaru
އެހެން މީހަކަށް ނުކުރެވުނު ކަމެއް: ގާޑިއޯލާއަށް ވާނެތަ

އެހެން މީހަކަށް ނުކުރެވުނު ކަމެއް: ގާޑިއޯލާ އަށް މިކަން ކުރެވޭނެތަ؟

10 ޖޫން 2023

އިސްތަންބޫލް (ޖޫން 10) - ޔޫއެފާ ޗެމްޕިއަންސް ލީގު، 2009 ގެ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ބާސެލޯނާ އަށް ކާމިޔާބު ހޯދައިދީ އެ މުބާރާތުގެ ތަށި އުފުލާލީ އެންމެ ޒުވާން ކޯޗުގެ ތާރީހީ ރެކޯޑް ޕެޕް ގާޑިއޯލާ ހޯދި އިރު އޭނާގެ އުމުރުން 38 އަހަރާއި 129 ދުވަހެވެ.

އިސްތަންބޫލް (ޖޫން 10) - ޔޫއެފާ ޗެމްޕިއަންސް ލީގު، 2009 ގެ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ބާސެލޯނާ އަށް ކާމިޔާބު ހޯދައިދީ އެ މުބާރާތުގެ ތަށި އުފުލާލީ އެންމެ ޒުވާން ކޯޗުގެ ތާރީހީ ރެކޯޑް ޕެޕް ގާޑިއޯލާ ހޯދި އިރު އޭނާގެ އުމުރުން 38 އަހަރާއި 129 ދުވަހެވެ.

އޭގެ 14 ވަރަކަށް އަހަރު ފަހުން، ގާޑިއޯލާ އަށް މިރޭ ވެސް މިއޮތީ ޗެމްޕިއަންސް ލީގުގައި ތާރީހީ އާ ރެކޯޑެއް ހެދުމުގެ ފުރުސަތެވެ. ތުރުކީގެ އިސްތަންބޫލްގައި، މިރޭ މެންޗެސްޓާ ސިޓީ ގޮވައިގެން އިންޓަ މިލާނާ ދެކޮޅަށް ކުޅޭ މެޗުން، މީގެ ކުރިން އެހެން އެއް ވެސް މީހަކަށް ނުހޯދި އޮތް ކާމިޔާބެއް ހާސިލު ކުރުމުގެ ފުރުސަތު ގާޑިއޯލާ އަށް އެބައޮތެވެ.

ގާޑިއޯލާގެ ފުރަތަމަ ޗެމްޕިއަންސް ލީގުގެ ކާމިޔާބަށް ދެތިން މަހެއް ފަހުން އޭނާ ވެގެން ދިޔައީ ހަ ތަށި ހޯދި ފުރަތަމަ ކޯޗަށެވެ. ޗެމްޕިއަންސް ލީގާއި، ޔޫއެފާ ސުޕަ ކަޕާއި ކްލަބް ވޯލްޑް ކަޕް އަދި ސްޕެނިޝް ލީގާއި ކޮޕަޑެލްރޭގެ ޗެމްޕިއަންކަން ހޯދައި ގާޑިއޯލާ ވަނީ އެއް އަހަރުގައި ހަ ތަށި ހޯދި ފުރަތަމަ ކޯޗުގެ ޝަރަފް ހާސިލުކޮށްފަ އެވެ.

ބާސާއާ އެކު 2009 ގެ ހޯދި ޗެމްޕިއަންސް ލީގުގެ ތައްޓާ އެކު ގާޑިއޯލާ

ބާސާއާ އެކު 2009 ގެ ހޯދި ޗެމްޕިއަންސް ލީގުގެ ތައްޓާ އެކު ގާޑިއޯލާ

އެއް ސީޒަނެއްގައި ތިން ތަށި ދެވަނަ ކްލަބެއްގައި ހޯދި ފުރަތަމަ ކޯޗަށް މިރޭ ގާޑިއޯލާ އަށް ވެވޭނެ އެވެ. ގާޑިއޯލާގެ އިތުރުން އެލެކްސް ފާގަސަން އާއި ހޯޒޭ މޮރީނިއޯ އާއި ހެންސީ ފްލިކް ވަނީ އެއް ފަހަރު އެ ކާމިޔާބު ހޯދައިފަ އެވެ. އެއިން އެއް ވެސް ކޯޗަކަށް ދެވަނަ ކްލަބެއްގައި އެ ކާމިޔާބު ތަކުރާރު ކުރެވިފައެއް ނެތެވެ.

އެހެން މީހަކަށް ހާސިލުނުކުރެވި އޮތް އެ ބޮޑު ކާމިޔާބު ގާޑިއޯލާ އަށް ހޯދި ދާނެ ހެއްޔެވެ؟ އޭނާ ބުނީ ޗެމްޕިއަންސް ލީގާ އެކު އޭނާ އަށް އުފާވެރިކަން ގެނެސް ދީފައިވާ ފަދައިން، އެ މުބާރާތާ ގުޅިފައިވާ ވަރަށް ހިތި ހަނދާންތަކެއް ވެސް އެބަ ހުރި ކަމަށެވެ.

"ޗެމްޕިއަންސް ލީގުން އަހަންނަށް ހިތި ހަނދާންތަކެއް ވެސް ކުރިމަތި ވެއްޖެ،" އެ މުބާރާތުގެ 2010 ގެ ސެމީ ފައިނަލުގައި ބާސެލޯނާ އާ އެކު އިންޓަ މިލާން އަތުން ބަލިވި ކޯޗު ބުންޏެވެ.

"...އެކަމަކު އެ މުބާރާތާ އެކު އަހަރެންނަށް ހީވެސް ނުކުރާ ވަރަށް ވުރެ ގިނަ ކަންތައްތަކެއް ލިބިފައިވޭ."

ކޯޗެއްގެ ގޮތުގައި ގާޑިއޯލާ ވަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް 10 ފަހަރު ދަތުރު ކޮށްފަ އެވެ. އޭގެ ތެރެއިން ފައިނަލާ ހަމައަށް މި ދެވުނީ ހަތަރުވަނަ ފަހަރަށެވެ. ބާސެލޯނާ އާ އެކު މުބާރާތް ތިން ފަހަރު ކާމިޔާބު ކުރި އެވެ. ސިޓީއާ އެކު 2021 ގެ ފައިނަލުގައި ބަލިވީ ޗެލްސީ އަތުންނެވެ.

ޗެމްޕިއަންސް ލީގުގެ ހިތި ތަޖުރިބާތަކާ އެކު ގާޑިއޯލާ ބުނީ އޭނާގެ ކުޅުންތެރިންނަށް މިހާރު އެއަށް ވުރެ ބޮޑު ކާމިޔާބެއް ހޯދުމުގެ ހިތްވަރު ހުންނާނެ ކަމަށެވެ. އިނގިރޭސި ޑޮމެސްޓިކް ފުޓްބޯޅައިގައި އެއް ސީޒަނެއްގައި އެހެން ކޯޗަކަށް ހާސިލު ނުކުރެވި އޮތް ކާމިޔާބެއް ގާޑިއޯލާ ވަނީ 2019 ގައި ސިޓީއާ އެކު ހޯދައިފަ އެވެ. އެ އަހަރުގެ ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ލީގު ކަޕާއި ކޮމިޔުނިޓީ ޝީލްޑް ހޯދި އެވެ.

"ޖެހޭނީ ބޮޑު އަމާޒަކާ އެކު މަސައްކަތް ކުރަން. ކާމިޔާބަށް ބޭނުން ވެގެން ހުއްޓަކަސް ނުފުދޭނެ،" ކޯޗެއްގެ ގޮތުގައި 34 ތަށި ހޯދާފައިވާ ގާޑިއޯލާ ބުންޏެވެ.

މިރޭ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފިނަމަ، ފުޓްބޯޅައިގެ ތާރީހުގައި ވެސް ދެވަނަ އަށް އެންމެ ކާމިޔާބު ކޯޗުގެ ގޮތުގައި 35 ތައްޓާ އެކު ގާޑިއޯލާ އަށް ވެވޭނެ އެވެ. ރޮމޭނިއާގެ ލެޖެންޑްރީ ކޯޗު މާޗިއާ ލުޗެސްކޫ ވެސް ވަނީ 35 ތަށި ހޯދައިފަ އެވެ. އެންމެ ކާމިޔާބުގެ ކޯޗުގެ ގޮތުގައި އޮތީ 49 ތަށި ހޯދި ފަގަސަން އެވެ. އެ އަދަދަށް ފާގަސަން ތަށި ހޯދި 39 އަހަރުގެ ދިގު މުއްދަތަކުންނެވެ.

ޗެމްޕިއަންސް ލީގު ފައިނަލު މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ ދަންވަރު 12 ޖަހާއިރު އެވެ.