Roadha Mihaaru
ގަދަ 16 އާ ހަމައިން ރާއްޖެއަށް ކުރިއަކަށް ނުދެވުނު

މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް: ގަދަ 16 އާ ހަމައިން ރާއްޖެއަށް ކުރިއަކަށް ނުދެވުނު

08 ޖޫން 2023

މިހާރު ކުރިއަށްދާ ލި-ލިންގް މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް ބެޑްމިންޓަން މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އެތުލީޓުންނަށް މުބާރާތް ނިމިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މިހާރު ކުރިއަށްދާ ލި-ލިންގް މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް ބެޑްމިންޓަން މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އެތުލީޓުންނަށް މުބާރާތް ނިމިއްޖެ އެވެ.

ކުޅިވަރު އެކުވެނީގައި މިދިޔަ ހޯމަ ދުވަހުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތުގެ ފުރަތަމަ ދުވަހު އާމިނަތު ނަބީހާ އަބްދުއްރައްޒާގް ވަނީ އަންހެން ސިންގަލްސްގައި އިންޑިއާގެ އަކްޝަޔާ އަރުގަމް އާ ވާދަކޮށް ސީދާ ދެ ސެޓުން މޮޅުވެގެން ދެވަނަ ބުރަށް ދަތުރު ކޮށްފަ އެވެ. ނަމަވެސް އިއްޔެ ކުޅުނު ދެވަނަ ބުރުގެ މެޗުގައި މިޔަންމާގެ ތާޓް ޓާ ތުޒާރާ ވާދަކޮށް ވަނީ ސީދާ ދެ ސެޓުން ބަލިވެފަ އެވެ.

ނަބީހާއާ ވާދަކޮށް ތާޓް ޓާ ތުޒާރާ ސެޓްތައް ގެންދިޔައީ 21-5، 21-9 އިންނެވެ. އޭނާ އަކީ ބީޑަބްލިއުއެފް ދުނިޔޭގެ ރޭންކިންގެ 57 ވަނައިގައި އޮތް ކުޅުންތެރިއެކެވެ. ނަބީހާ އޮތީ ސިންގަލްސް ރޭންކިންގެ 228 ވަނައިގަ އެވެ.

މި ބުރުގައި ރާއްޖޭގެ ޝުބާ މުހައްމަދު ޝަރީފް ވެސް ވާދަ ކުރި އެވެ. މިވަގުތު ރޭންކިންގެ 92 ވަނައިގައި އޮތް އިންޑޮނޭޝިއާގެ ޔޫލިއާ ޔޯސެފީން ސުސަންޓޯ އަތުން އުމުރުން 17 އަހަރުގެ ޝުބާ ބަލިވީ 21-5، 21-8 އިންނެވެ.

ރާއްޖޭގެ އެއްވަނަ މިކްސްޑް ޑަބަލްސް ޕެއާ، ފާތިމަތު ނަބާހާ އަބްދުއްރައްޒާގާއި ހުސެއިން ޒަޔާން ޝަހީދު ޒަކީގެ ޕެއާ ވެސް ވަނީ މުބާރާޓުގެ ގަދަ 16 ގައި އިއްޔެ އިންޑިއާގެ ދީޕް ރާމްބިޔާ އާއި އަނާގާ އަރަވިންދަ ޕާއިއާ ވާދަކޮށް 21-15، 21-19 އިން ބަލިވެފަ އެވެ.

ނަބާހާ އާއި ޒަޔާން އަކީ ދުނިޔޭގެ މިކްސްޑް ޑަބަލްސް ރޭންކިންގައި ވެސް ކުރީގައި އުޅޭ ޕެއާ އެކެވެ. އެންމެ ފަހުގެ ރޭންކިންގައި މި ޕެއާ ވަނީ ރޭންކިންގެ 92 ވަނައަށް ޖެހިލައިފަ އެވެ. ނަމަވެސް އިންޑިއާގެ ޕެއާ އޮތީ ރޭންކިންގެ 490 ވަނައިގަ އެވެ.

އަންހެން ޑަބަލްސް އިވެންޓުގެ ގަދަ 16 ގައި ވެސް ރާއްޖޭގެ ދެ ޕެއާ ވާދަކޮށްފައި ވެއެވެ. ނަބާހާ އާއި ނަބީހާގެ ޕެއާ ވާދަކުރީ ދުނިޔޭގެ ރޭންކިންގެ 232 ވަނައިގައި އޮތް އިންޑިއާގެ އަޝްރިތާ ކަންޑުލާ އާއި އަނާގާ އަރަވިންދަ ޕާއީއާ ދެކޮޅަށެވެ. އިންޑިއާގެ ޕެއާ މި މެޗު ކާމިޔާބު ކުރީ 21-18، 21-8 އިންނެވެ. ނަބާހާ އާއި ނަބީހާ އަކީ ދުނިޔޭގެ ރޭންކިންގެ 96 ވަނައިގައި އޮތް ޕެއާ އެކެވެ.

އަންހެން ޑަބަލްސްގެ މި ބުރުގައި ދެން ވާދަކުރީ ޝުބާ އާއި އައިޝަތު ޒޯޔާ ހުސެއިން އެވެ. ރާއްޖޭގެ މި ޕެއާ ބަލިވީ އިންޑިއާގެ ނިއްކީ ރަޕްރިއާ އާއި ނިޝޫ ރަޕްރިއާގެ ޕެއާ އަތުން 21-9، 21-10 އިންނެވެ.