Roadha Mihaaru
ފުރަތަމަ ދުވަހު ނަބީހާ އަށް މުހިއްމު މޮޅެއް

މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް: ފުރަތަމަ ދުވަހު ނަބީހާ އަށް މުހިއްމު މޮޅެއް

06 ޖޫން 2023

މާލޭގައި އިއްޔެ ފެށި މިއަހަރުގެ ލި-ލިންގް މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް ބެޑްމިންޓަން މުބާރާތުގެ އަންހެން ސިންގަލްސްގައި ރާއްޖޭގެ އާމިނަތު ނަބީހާ އަބްދުއްރައްޒާގު، ކޮލިފައިންގެ ދެވަނަ ބުރަށް ދަތުރު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މާލޭގައި އިއްޔެ ފެށި މިއަހަރުގެ ލި-ލިންގް މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް ބެޑްމިންޓަން މުބާރާތުގެ އަންހެން ސިންގަލްސްގައި ރާއްޖޭގެ އާމިނަތު ނަބީހާ އަބްދުއްރައްޒާގު، ކޮލިފައިންގެ ދެވަނަ ބުރަށް ދަތުރު ކޮށްފި އެވެ.

ކޮލިފައިންގެ ގަދަ 32 ކުޅުންތެރިންގެ ބުރަށް ނަބީހާ ދަތުރު ކުރީ، އިއްޔެ ކުޅުނު ފުރަތަމަ ބުރުގެ މެޗުގައި އިންޑިއާގެ އަކްޝަޔާ އަރުގަމް އާ ވާދަކޮށް 21-13، 21،14 އިން މޮޅުވެގެންނެވެ. ދެވަނަ ބުރުގައި ނަބީހާ ވާދަކުރާނި މިޔަންމާގެ ތާޓް ޓާ ތުޒާރާ ދެކޮޅަށެވެ.

މީގެ އިތުރުން މުހައްމަދު ޝުބާ ޝަރީފް ވެސް ވަނީ ކޮލިފައިންގެ ދެވަނަ ބުރުގެ ފުރުސަތު ހޯދައިފަ އެވެ. ޝުބާ ދެވަނަ ބުރުގައި ނުކުންނާނީ އިންޑޮނޭޝިއާގެ ޔޫލިއާ ޔޯސެފީން ސުސަންޓޯ އާ ދެކޮޅަށެވެ.

އަންހެން ސިންގަލްސް ބައިގެ ފުރަތަމަ ބުރުގައި ދެން ވާދަކުރި ފާތިމަތު ނަބާހާ އަބްދުއްރައްޒާގު ބަލިވީ އިންޑިއާގެ ސާކްޝީ ގަހްލަވަޓް އަތުން ސީދާ ދެ ސެޓުންނެވެ. އާމިނަތު ޝަހުރުނާޒް މޫސާ ސީދާ ދެ ސެޓުން ތުރުކީގެ ނެސްލިހާން ޔިގިތު އަތުން ބަލިވެފައި ވާއިރު، އިންޑިއާގެ ރިސްހާ ޑުބޭ އަތުން ރާއްޖޭގެ ނީލާ ނަޖީބު ބަލިވީ، ފުރަތަމަ ސެޓު ނީލާ ކާމިޔާބު ކޮށްފައި ވަނިކޮށް 2-1 ސެޓުންނެވެ. އަދި އައިޝަތު ޒޯޔާ ހުސެއިން ވެސް ވަނީ އިންޑިއާގެ ކުޝީ ތައްކަރު އަތުން ސީދާ ދެ ސެޓުން ބަލިވެފަ އެވެ.

ކުޅިވަރު އެކުވެނީގައި އިއްޔެ ފެށި މުބާރާތުގައި ޖުމްލަ 33 ގައުމަކުން 304 ބެޑްމިންޓަން ކުޅުންތެރިން ބައިވެރިވެފައި ވެއެވެ. މާދަމާއާ ހަމައަށް މުބާރާތުގައި ހިމެނޭ ފަސް އިވެންޓުގެ ޕްރިލިމިނަރީ ކޮލިފައިން ބުރުތައް ކުރިއަށް ގެންދާނެ އެވެ. އެއަށް ފަހު ބުރާސްފަތި ދުވަހު ކުއާޓާ ފައިނަލްގެ މެޗުތަކާއި ހުކުރު ދުވަހު ސެމީ ފައިނަލްގެ މެޗުތައް ބޭއްވުމަށް ފަހު، ފައިނަލް މެޗުތައް ކުޅޭނީ ހޮނިހިރު ދުވަހު އެވެ.

ފިރިހެން ސިންގަލްސްގެ ކޮލިފައިންގެ ފުރަތަމަ ދެ ބުރުގެ މެޗުތައް އިއްޔެ ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މި ބައިގައި މޮޅެއް ހޯދުނު ރާއްޖޭގެ ކުޅުންތެރިއަކީ ރިޝްވާން ޝިޔާމް އެވެ. އޭނާ ވަނީ ފުރަތަމަ ބުރުގައި ސްރީލަންކާގެ ޗަމަތު ދާސް އަތުން 21-19، 21-11 އިން މޮޅުވެފަ އެވެ. ނަމަވެސް ދެވަނަ ބުރުގައި އިޒްރޭލުގެ ޑެނީލް ޑުބޯވެންކޯ އަތުން ވަނީ ސީދާ ދެ ސެޓުން ބަލިވެފަ އެވެ.

މި ބައިގައި ވާދަކުރި އިބްރާހިމް އަލީ ހައިޝަމް ވަނީ ކޮލިފައިންގެ ދެ ބުރު ކާމިޔާބުކޮށް ސިންގަލްސްގެ ގަދަ 64 ކުޅުންތެރިން ވާދަކުރާ ބުރުން ޖާގަ ހޯދައިފަ އެވެ. އޭނާ މުބާރާތުގެ ގަދަ 64 ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ، އިންޑިއާގެ އަރްޔާ ބިވްޕާޓަކީ އާ ވާދަކުރަން އޮތް މެޗުން، އިންޑިއާ ކުޅުންތެރިޔާ ވޯކްއޯވާ ކޮށްގެންނެވެ. ނަމަވެސް ގަދަ 64 ކުޅުންތެރިން ވާދަކުރާ ބުރުގައި އޭނާ ކުޅެން އޮތީ ވެސް އަރްޔާ ބިވްޕާޓަކީ އާ ދެކޮޅަށެވެ.

ގަދަ 64 ކުޅުންތެރިން ވާދަކުރާ ބުރުގައި ރާއްޖެއިން ދެން ވާދަކުރާނީ ހުސައިން ޒަޔާން ޝަހީދު ޒަކީ އާއި އަހުމަދު ނިބާލް އެވެ. އިންޑިއާގެ ދްރޫވް ކުމާރާ ދެކޮޅަށް ހުސެއިން ޒަޔާން ޝަހީދު ނުކުންނައިރު ނިބާލް ނުކުންނާނީ އިންޑިއާގެ ޝްރެޔަންޝް ޖެއިސްވާލާ ދެކޮޅަށެވެ.

ފިރިހެން ސިންގަލްސްގައި ވާދަކުރި މުހައްމަދު އަޖުފާން ރަޝީދު ވަނީ އިންޑިއާގެ ޗަރަން ނައިކް ކެލާވަތު އަތުން ސީދާ ދެ ސެޓުން ބަލިވެފަ އެވެ. އަބްދުއްސަމަދު މުހައްމަދު ސާލިމް، އިންޑިއާގެ ޔަޝް ޔޯގީ އަތުން ސީދާ ދެ ސެޓުން ބަލިވެފައި ވާއިރު އަބްދުއްްލަތީފް ގާސިމް ލިޔާހު ސީދާ ދެ ސެޓުން ބަލިވީ ޔޫއޭއީގެ ސޯމީ ރޮމްދާނީ އަތުންނެވެ.

މީގެ އިތުރުން ބުރުނާއީގެ ކާ ކިޓް ކާން އަތުން އަޒުހާރު މުހައްމަދު އައްޔޫބު ސީދާ ދެ ސެޓުން ބަލި ވެފަ އެވެ. މުހައްމަދު މާއިލު ފަތުހުﷲ އިސްމާއިލް ބަލިވީ މެލޭޝިއާގެ ޓޭން ކިއާން ވެއި އަތުން ސީދާ ދެ ސެޓުންނެވެ. އަދި ހަސަން ޒަޔާން ވަނީ ޔޫއޭއީގެ މުހައްމަދު މުނައްވަރު އަތުން ސީދާ ދެ ސެޓުން ބަލިވެފަ އެވެ.

މި ބައިގައި ވާދަކުރި ދިވެހި އިތުރު ކުޅުންތެރިންނަށް ބަލައިލާއިރު، އަހުމަދު ތޯއިފް މުހައްމަދު ވަނީ ފިލިޕީންސްގެ ވެލާސްކޯ މާކް އެންތަނީ އަތުން ސީދާ ދެ ސެޓުން ބަލިވެފަ އެވެ. ހަސަން ހިޝާމް މުހައްމަދު ސީދާ ދެ ސެޓުން ބަލިވީ މެލޭޝިއާގެ ޓެން މުން ޑިކް އަތުންނެވެ.

ފިރިހެން ޑަބަލްސް އިވެންޓް ވެސް އިއްޔެ ވަނީ ފަށައިފަ އެވެ. މި އިވެންޓުގައި ވާދަކުރި ރާއްޖޭގެ ހަތަރު ޕެއާ ވެސް ވަނީ ސީދާ ދެ ސެޓުން ބަލިވެފަ އެވެ. އަބްދުއްސަމަދު މުހައްމަދު ސާލިމް އާއި ހަސަން ޒަޔާންގެ ޕެއާ ބަލިވީ އިންޑިއާގެ ސޫރަޖު ގޯލާ އާއި ޕްރުތުވީ ކްރިޝްނަމުރުތީ ރޯއީ އަތުންނެވެ. ތައިލެންޑުގެ އަޓިރުޗް އޫންވައްތަނަންކޫލް އާއި ޕުއްޓިމެތު ސެމްކުންތާ އަތުން މުހައްމަދު އަދީމް އާދަމް އާއި ހާމިދު ބިން ހޫދު ދަލިވި އިރު، ނިބާލް އާއި އަޖުފާންގެ ޕެއާ ބަލިވީ އިންޑިއާގެ ޗަޔަނިތު ޖޯޝީ އާއި އަބިނަވް ތާކޫރު އަތުންނެވެ. އިބްރާހިމް އަލީ ހައިޝަމް އާއި ނަސީހު ޝަރަފުއްދީން ބަލިވީ ބަހްރޭނުގެ މުހައްމަދު މުއާނިސް އާއި ޔޫއޭއީގެ މުހައްމަދު މުނައްވަރު އަތުންނެވެ.