Roadha Mihaaru
ރާއްޖެއަށް ދަތުރު ކުރި ގޯއެއާގެ އޮޕަރޭޝަން ހުއްޓާލައިފި

ރާއްޖެއަށް ދަތުރުކުރި ގޯ އެއާގެ އޮޕަރޭޝަންތައް ބޭންކްރަޕްސީވެ، ހުއްޓާލައިފި

07 ޖޫން 2023

ރާއްޖެ އަށް ދަތުރުކުރި އިންޑިއާގެ ގޯއެއާގެ އޮޕަރޭޝަންތައް ހުއްޓާލައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖެ އަށް ދަތުރުކުރި އިންޑިއާގެ ގޯއެއާގެ އޮޕަރޭޝަންތައް ހުއްޓާލައިފި އެވެ.

އެ އެއާލައިންގެ ވެބްސައިޓުގައިވާ ގޮތުން އަންނަ ހުކުރުދުވަހާ ހަމައަށް އޮފަރޭޝަންތައް ވަނީ ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ. ޓިކެޓް ވިއްކުން ވެސް މިދިޔަ މަހުގެ ކުރީ ކޮޅުން ފެށިގެން ވަނީ ހުއްޓާލައިފަ އެވެ.

ގޯ އެއާގެ ރާއްޖޭގެ ދަތުރުތައް ވެސް މިދިޔަ އޭޕްރީލް މަހުން ފެށިގެން ހުއްޓާލައިފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ. އިންޑިއާގެ ބަޖެޓް އެއާލައިން، ގޯ އެއާ އިން އައީ މުމްބާއީ އާއި ނިއު ދިއްލީ އާއި ބެންގަލޫރާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ކުރަމުންނެވެ.

ގޯ އެއާގެ ދަތުރުތައް ހުއްޓާލުމާ އެކު، މި ވަގުތު ނިއުދިއްލީ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ވަނީ ހުއްޓިފަ އެވެ.

ގޯ އެއާ ގެ އޮޕަރޭޝަން ހުއްޓާލީ އެ ކުންފުނީގެ ދަރަނި ނުދެއްކި، ހިންގުމަށް ދަތިތައް ކުރިމަތިވުމުންނެވެ. ދަރަނި 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. އެ މައްސަލައާ ގުޅިގެން އެ ކުންފުނިން މިހާރު ވަނީ ބޭކްރަޕްސީ ވެސް އިއުލާނުކޮށްފަ އެވެ.

ބޭންކްރަޕްސީ ފައިލް ކުރި ނަމަވެސް، އެ މައްސަލަ ހައްލުކޮށް، ވީ އެންމެ އަވަހަކަށް ކުންފުނީގެ އޮޕަރޭޝަން ފަށާނެ ކަމަށް ވެސް ގޯ އެއާ އިން މީޑިއާގައި ބުނެފައި ވެ އެވެ.

ގޯ އެއާއިން އެންމެ ފުރަތަމަ ދަތުރުތައް ފެށީ 2005 ވަނަ އަހަރުގަ އެވެ. ބަނގުރޫޓުވުމުގެ ކުރިން އެ ކުންފުނިން ދިޔައީ އިންޑިއާގެ އެތެރޭގެ 26 މަންޒިލަކަށާއި ބައިނަލްއަގްވާމީ ހަތް މަންޒިލަކަށް ދަތުރުތައް ކުރަމުންނެވެ.