Roadha Mihaaru
ރާއްޖެ-އިންޑިއާގެ ވައިގެ ދަތުރުތައް އިތުރުކުރަނީ

ރާއްޖެ އާއި އިންޑިއާއާ ދެމެދު ވައިގެ ދަތުރުތައް އިތުރުކުރަނީ

07 ސެޕްޓެމްބަރ 2020

ރާއްޖެ އާއި އިންޑިއާއާ ދެމެދު ގާއިމު ކޮށްފައިވާ "އެއާ ޓްރެވެލް ބަބުލް" އާ އެކު، ވައިގެ ދަތުރުތައް އިތުރު ކުރަން ދެ ގައުމުން އެއްބަސްވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖެ އާއި އިންޑިއާއާ ދެމެދު ގާއިމު ކޮށްފައިވާ "އެއާ ޓްރެވެލް ބަބުލް" އާ އެކު، ވައިގެ ދަތުރުތައް އިތުރު ކުރަން ދެ ގައުމުން އެއްބަސްވެއްޖެ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މިއަދު ބުނީ މިދިޔަ މަހުގެ 25 ގައި އެއާ އިންޑިއާ އިން ބޭއްވި މާލެ-ޓްރިވެންޑްރަމް ދަތުރާ އެކު، ދެ ގައުމުގެ ދެމެދުގައި "އެއާ ޓްރެވެލް ބަބުލް" ގާއިމު ކޮށްފައިވާ ކަމަށެވެ.

އިންޑިއާ އިން މީގެ ކުރިން ވެސް ބައެއް ގައުމުތަކާ އެކު "އެއާ ޓްރެވެލް ބަބުލް" ގާއިކޮށްފައިވެ އެވެ. އެކަމަކު، ރާއްޖެ-އިންޑިއާގެ "އެއާ ޓްރެވެލް ބަބުލް" އަކީ ދެކުނު އޭޝިއާގެ ގައުމަކާ އެކު ގާއިމްކުރި މިފަދަ ފުރަތަމަ އެއްބަސްވުމެވެ.

"އެއާ ޓްރެވެލް ބަބުލް" އަކީ ކޮވިޑް-19 ފެތުރޭތީ ގައުމުތަކުގެ މެދުގައި ކުރަމުން އައި ދަތުރުތައް ހުއްޓާލާފައި އޮތުމަށް ފަހު، ހާއްސަ އުސޫލުތަކަކާއި މިންގަނޑުތަކަކާ އެކު ދަތުރުތައް ކުރުމަށް ގާއިމް ކުރާ އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގެ ދަށުން ދަތުރުތައް ކުރާނީ ކޮވިޑުން ރައްކާތެރިވާން ގިނަ ފިޔަވަޅުތަކެއް އަޅައިގެންނެވެ.

އެ އެއްބަސްވުމުގެ ދަށުން، މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން އިންޑިއާގެ އިންޑިގޯ އެއާލައިނުން އަންނަނީ މާލެ އިން ކޮޗިން އަށް ހަފުތާއަކު ދެ ދަތުރު އަޅަމުންނެވެ. ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ޓްރިވެންޑްރަމަަށް ހަފުތާއަކު ދެ ދަތުރުކުރަން ވެސް އެއްބަސްވުމުގެ ދަށުން މިހާރު ވަނީ ތާވަލްކޮށްފަ އެވެ. އެ ދަތުރުތައް ފެށުމުން ރާއްޖެ އާއި އިންޑިއާއާ ދެމެދު ހަފްތާއަކު ފަސް ދަތުރުކުރެވޭނެ އެވެ.

ދެ ގައުމުގެ ދެމެދުގައި "އެއާ ޓްރެވެލް ބަބުލް" ގާއިމު ކުރާނެކަން އިއުލާންކުރީ، އިންޑިއާ ސަރުކާރުގެ ފަރާތުން އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖެއިޝަންކަރާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިދިޔަ މަހުގެ 13 ގައި ބޭއްވި ވާޗުއަލް ބައްދަލުވުމަކަށް ފަހުގަ އެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން އެހެން ގައުމުތަކާއި ރާއްޖޭން އެޅި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ރާއްޖެ އާއި އިންޑިއާއާ ދެމެދު މި ފަށާ ދަތުރުތަކުގެ ސަބަބުން އެ ގައުމުގެ ޓޫރިސްޓުން ރާއްޖެ އައުމަށް މަގު ފަހިވާނެ އެވެ. އިންޑިއާ އިން މިދިޔަ އަހަރު ރާއްޖެ އަށް 167،000 ޓޫރިސްޓުން ޒިޔާރަތްކުރި އެވެ. އެއީ އޭގެ ކުރީ އަހަރާ އަޅައި ބަލާއިރު 100 ޕަސެންޓުގެ ކުރިއެރުމެކެވެ.