Roadha Mihaaru
ބެންޒެމާގެ މަގާމަށް ރެއާލުން ކޭން އަށް ފާރަލަނީ

ބެންޒެމާގެ މަގާމު ފޫބައްދަން ރެެއާލުން ކޭން އަށް ފާރަލަނީ

06 ޖޫން 2023

މެޑްރިޑް (ޖޫން 6) - ކަރީމް ބެންޒެމާ ރެއާލް މެޑްރިޑް ދޫކޮށް، ސައުދީ އަރަބިއާގެ އަލް އިއްތިހާދަށް ބަދަލުވާން ނިންމުމާ އެކު، އޭނާގެ މަގާމު ފޫބައްދަން، ޓޮޓެންހަމް ހޮޓްސްޕާސްގެ ފޯވާޑް ހެރީ ކޭން އަށް ފާރަލާން ފަށައިފި އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

މެޑްރިޑް (ޖޫން 6) - ކަރީމް ބެންޒެމާ ރެއާލް މެޑްރިޑް ދޫކޮށް، ސައުދީ އަރަބިއާގެ އަލް އިއްތިހާދަށް ބަދަލުވާން ނިންމުމާ އެކު، އޭނާގެ މަގާމު ފޫބައްދަން، ޓޮޓެންހަމް ހޮޓްސްޕާސްގެ ފޯވާޑް ހެރީ ކޭން އަށް ފާރަލާން ފަށައިފި އެވެ.

އިންގްލެންޑްގެ ކެޕްޓަން ކޭން، 29، އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުމުގައި އަދި ބާކީ އެއް އަހަރު ދުވަހުގެ މުއްދަތެއް އެބައޮތެވެ. އެކަމަކު އަންނަ ސީޒަނުގައި ޔޫރަޕްގެ ފުޓްބޯޅައިން ޓޮޓެންހަމަށް ޖާގަ ނުލިބުމާ އެކު ކޭން ކްލަބް ބަދަލުކުރާނެ ކަމަށް ބެލެވެ އެވެ.

ރެއާލްގެ އިތުރުން ޔޫރަޕްގެ ބޮޑެތި އެހެން ކްލަބްތަކުން ވެސް ކޭން ގެންދަން ޝައުގުވެރިވެ އެވެ. އޭގެތެރޭގައި ޖަރުމަނުގެ ބެޔާން މިއުނިކާއި މެންޗެސްޓާ ޔުނައިޓެޑް ހިމެނެ އެވެ.

ކޭން ގެންދިއުމުގެ ރޭހަށް ކްލަބްތައް ތައްޔާރުވާއިރު އޭނާ ވިއްކާލަން ޓޮޓެންހަމުން ކިޔާ އަގު އުޅެނީ 130 މިލިއަން ޑޮލަރުން މަތީގަ އެވެ.

ޓޮޓެންހަމް އަށް ކުޅުނު 435 މެޗުގައި ކޭން ވަނީ 280 ގޯލު ޖަހައިފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި އެލެން ޝިއެރާގެ ރެކޯޑާ ހަމަކުރަން ކޭން އަށް ބޭނުންވަނީ 47 ގޯލެވެ. ޕްރިމިއާ ލީގުގައި ކޭން 213 ގޯލު ޖަހާފައިވާއިރު ޝިއެރާ އެއް ވަނައިގައި އޮތީ 260 ގޯލާ އެކު އެވެ.

ރެއާލްގައި 14 އަހަރު ހޭދަކުރުމަށް ފަހު ބެންޒެމާ ކުއްލިއަކަށް އެ ކްލަބް ދޫކޮށްލުމާ އެކު، އެތަން ފޫބައްދަން ރެއާލުން ބޭނުންވަނީ ދުނިޔޭގެ ފެންވަރުގެ ފޯވާޑެކެވެ. ބެންޒެމާގެ އިތުރުން އެ ކްލަބް ދޫކޮށްލި ކުޅުންތެރިންގެ ތެރޭގައި އެޑެން ހަޒާޑާއި މާކޯ އަސެންސިއޯ އަދި ފޯވާޑް މަރިއާނޯ ޑިއާޒް ހިމެނެ އެވެ.

ކޭންގެ އިތުރުން މި ސީޒަނުގައި ނަޕޯލީ އިން ވިދާލި ވިކްޓަ އޮސިމެން އާއި އިންޓަ މިލާންގެ ލަޓާރޯ މާޓީނޭޒްގެ އިތުރުން ޗެލްސީގެ ކައި ހަވާޓްޒް އަދި ޔުވެންޓަސްގެ ޑޫސަން ވްލަހޮވިޗަކީ ވެސް ރެއާލުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ލިސްޓުގައި ތިބި ކުޅުންތެރިންނެވެ.

އަންނަ ސީޒަނުގައި ރެއާލްގައި ހުންނާނެކަމުގެ ޔަގީންކަން ދީފައިވާ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ ރެއާލްގެ އެޓޭކް ވަރުގަދަކުރަން ކުޅުންތެރިން ގެންނާނެ ކަމަށެވެ. އަދި، ބެންޒެމާގެ ބަދަލުގައި އޭނާ ބޭނުންވަނީ ގިނަ ގޯލުތަކެއް ޖަހާނެ ކުޅުންތެރިއެއް ކަމަށް އަންޗެލޮޓީ ބުނެފައި ވެ އެވެ.