Roadha Mihaaru
ރެއާލް މެޑްރިޑް ކޭން ގަތުމުގެ މަޝްވަރާތަކުގައި

ރެއާލް މެޑްރިޑް ކޭން ގަތުމުގެ މަޝްވަރާތަކުގައި

10 ޖެނުއަރީ 2018

މެޑްރިޑް (ޖެނުއަރީ 10) – އިނގިރޭސި ފޯވާޑް ހެރީ ކޭން ގަތުމަށް ޓޮޓެންހަމް ހޮޓްސްޕާސްއާ އެކު ރެއާލް މެޑްރިޑުން ވާހަކަތައް ބާއްވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މެޑްރިޑް (ޖެނުއަރީ 10) – އިނގިރޭސި ފޯވާޑް ހެރީ ކޭން ގަތުމަށް ޓޮޓެންހަމް ހޮޓްސްޕާސްއާ އެކު ރެއާލް މެޑްރިޑުން ވާހަކަތައް ބާއްވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސްޕެއިނުގެ ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ދެ ކްލަބުގެ މަޝްވަރާތައް މިހާރު އުޅެނީ ވަރަށް އެޑްވާންސް ހިސާބެއްގަ އެވެ. އަދި ރިޕޯޓްކޮށްފައިވާ ގޮތުގައި އުމުރުން 24 އަހަރުގެ ފޯވާޑް ބޭނުންވަނީ ރެއާލް މެޑްރިޑުގެ 10 ނަމްބަރު ޖާޒީ އެވެ. އެ ނަމްބަރަށް މިހާރު ކުޅެނީ ކްރޮއޭޝިއާ މިޑްފީލްޑަރު ލޫކާ މޮޑްރިޗެވެ.

ރެއާލް މެޑްރިޑުގެ ފްރާންސް ފޯވާޑް ކަރިމް ބެންޒެމާގެ ކުޅުން ދަށްވެފައިވާއިރު އޭނާގެ ބަދަލުގައި ރެއާލް މެޑްރިޑުން އާ ފޯވާޑެއް ގެންނާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އަނެއްކޮޅުން މެޑްރިޑުން ސުޕަސްޓާރެއް ނުގެންނަތާ ދުވަސްތަކެއްވެފައިވާތީ އާ ސީޒަނަށް އެފަދަ ކުޅުންތެރިޔެއް ގެންނާނެ ކަމަށް ވެސް ވަރަށް ބޮޑަށް ޔަގީންކުރެވެ އެވެ.

މިދިޔަ އަހަރު ޔޫރަޕުގެ ބޮޑު ފަސް ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް އޮތް ކޭން އަށް މަޝްހޫރު ގިނަ ކުޅުންތެރިން އަންނަނީ ތައުރީފްކުރަމުންނެވެ. އޭނާ ވަނީ ޓޮޓެންހަމް އަށް މިހާތަނަށް 192 މެޗުން 125 ގޯލް ޖަހައިދީފަ އެވެ. އެކަމަކު ތަށި ކާމިޔާބުކުރަން ބޭނުންވާ ނަމަ އޭނާ ބޮޑު ޓީމަކަށް ބަދަލުވާން ޖެހޭ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ ޓްރާންސްފާގެ އަގުތައް މިހާރު ހުރި ހިސާބަށް ބަލާއިރު ޓޮޓެންހަމުން އޭނާ ވިއްކާލާނީ 100 މިލިއަން ޔޫރޯ އަށް ވުރެ ބޮޑު އަގަކަށް ކަމަށް ލަފާކުރެވެ އެވެ. ރެއާލް މެޑްރިޑުން މިހާތަނަށް އެންމެ އަގުބޮޑުކޮށް ގަތް ކުޅުންތެރިޔަކީ ވެސް ޓޮޓެންހަމްގެ ކުޅުންތެރިއެކެވެ. އެއީ 2013 ވަނަ އަހަރު 100 މިލިއަން ޔޫރޯ އަށް ގަތް ގަރެތު ބޭލް އެވެ. އެކަމަކު އަނިޔާގެ ސަބަބުން އޭނާ އަށް މެޑްރިޑަށް އެންމެ ރަނގަޅު ހިދުމަތެއް ނުދެވެ އެވެ.