Roadha Mihaaru
ހިޔާ ޓަވަރުތަކުން ކަރަންޓު ކެނޑިއްޖެ

ހިޔާ ޓަވަރުތަކާއި ހުޅުމާލޭގެ އެކި ތަންތަނުން ކަރަންޓު ކެނޑިއްޖެ

31 މެއި 2023

ހުޅުމާލޭގައި ހުންނަ ހިޔާ ޓަވަރުތަކާއި އެ އަވަށުގެ އެކި ހިސާބުތަކުން މިއަދު ކަރަންޓު ކެނޑިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހުޅުމާލޭގައި ހުންނަ ހިޔާ ޓަވަރުތަކާއި އެ އަވަށުގެ އެކި ހިސާބުތަކުން މިއަދު ކަރަންޓު ކެނޑިއްޖެ އެވެ.

މާލެ ސަރަހައްދަށް ކަރަންޓުގެ ހިދުމަތް ދޭ ސްޓެލްކޯ އިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހުޅުމާލެ 2 ގެ ހިޔާ ޓަވަރުތަކާއި އެހެން ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.

ސްޓެލްކޯ އިން ބުނީ، ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ ވިނަރެސް ފްލެޓްތަކާ ދިމާލުން ކޮންނަނިކޮށް، ޑިސްޓްރުބިއުޝަން މަައި ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަމަށެވެ. އެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ހުޅުމާލެ 2 ގެ ބޮޑު ސަރަހައްދަކަށް މިހާރު އަލުން ކަރަންޓު ދީފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑުން: ހިދުމަތް މެދުކެނޑުނީ ވިނަރެސް ފްލެޓްތަކާ ދިމާލުން ކޮންނަނިކޮށް، ޑިސްޓްރުބިއުޝަން މި މަައި ކޭބަލަށް ގެއްލުން ލިބިގެން.-- ފޮޓޯ: ސްޓެލްކޯ

ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑުން: ހިދުމަތް މެދުކެނޑުނީ ވިނަރެސް ފްލެޓްތަކާ ދިމާލުން ކޮންނަނިކޮށް، ޑިސްޓްރުބިއުޝަން މި މަައި ކޭބަލަށް ގެއްލުން ލިބިގެން.-- ފޮޓޯ: ސްޓެލްކޯ

ނަމަވެސް، ގެއްލުން ލިބިފައިވާ ކޭބަލް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު، އެ ކޭބަލާ ގުޅިފައިވާ ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމަށް ދެ ގަޑިއިރެއްހާއިރު ހޭދަވެދާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

"ދިމާވާނެ ދަތިތަކަށް މާފަށް އެދެން،" އެ ކުންފުނިން ބުންޏެވެ.

ހިޔާ ފްލެޓުގައި ދިރިއުޅޭ މީހުންގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ހިޔާ ޔޫނިއަނުން ބުނީ ކަރަންޓުގެ ހިދުމަތް މެދުކެނޑުމާ ގުޅިގެން މި ވަގުތު ކޮންމެ ޓަވަރެއްގައި ބޭނުންކުރެވޭނީ އިމަޖެންސީގައި ބޭނުންކުރެވޭ އެއް ލިފްޓު ކަމަށެވެ.

ހިޔާގެ އެކި ޓަވަރުތަކުގައި 30،000 އަށް ވުރެ ގިނަ މީހުން މިހާރު އަންނަނީ ދިރިއުޅެމުންނެވެ.