Roadha Mihaaru
ބަރުލަމާނީގައި ވަޒީރުންގެ ޖަވާބު ލަހެއް ނުވާނެ: ނަޝީދު

ވަޒީރުންގެ ޖަވާބު ލިބުން ލަސްވާ ޝަކުވާއަށް ނަޝީދު ދެއްކެވީ ބަރުލަމާނީ ހައްލު

30 މެއި 2023

ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ހާޒިރުކޮށް މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ހޯދުން ދިގުލައިގެންދާ މައްސަލަ ބަރުލަމާނީ ނިޒާމެއްގައި ކުރިމަތިނުވާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ހާޒިރުކޮށް މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ހޯދުން ދިގުލައިގެންދާ މައްސަލަ ބަރުލަމާނީ ނިޒާމެއްގައި ކުރިމަތިނުވާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ތ. ވޭމަންޑޫ ސްކޫލުގެ އިމާރާތުގެ މަސައްކަތާ ގުޅޭގޮތުން ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މަޖިލީހުގެ ޖަލްސާއަށް ވަޑައިގެން ޖަވާބު ދެއްވި އެވެ. ނަމަވެސް ނިޒާމީ ނުކުތާއެއް ނަންގަވައި ރިޔާޒް ވިދާޅުވީ ވަޒީރުންނާ ކުރެވޭ ސުވާލުތަކުގެ ޖަވާބު 14 ދުވަހުގެ ތެރޭގައި ލިބިދޭ ގޮތަށް މަޖިލީހުގެ ގަވާއިދުގައި އޮތް ނަމަވެސް، ގިނަ ފަހަރު އެ ޖަވާބު ލިބެން ތިން މަހެއްހާ ދުވަސް ނަގާ ކަމަށެވެ.

"އަޅުގަނޑު އިއްޔެ ވެސް ގުޅިން މަޖިލީހުގެ އިދާރާއަށް އަޅުގަނޑު ފޮނުވާފައި ހުރި ބައެއް ސުވާލުތަކަށް ޖަވާބު ނުލިބިގެން. އަޅުގަނޑަށް [މަޖިލީހުގެ އިދާރާއިން] ދެއްވި ޖަވާބަކީ މިނިސްޓަރަށް ވަގުތު ނުވެގެން ޖަވާބު ނުދެނީ ކަމަށް،" އެކަން ރިޔާސަތުން ހައްލުކޮށްދިނުމަށް އެދިވަޑައިގެން ރިޔާޒް ވިދާޅުވި އެވެ.

މަޖިލީހުގެ އަމީންއާއްމުގެ އަރިހުން އެކަން ސާފުކުރެއްވުމަށް ފަހު، ނަޝީދު ވިދާޅުވީ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ނުލިބި ލަސްވަނީ ހަމައެކަނި ވަޒީރުގެ ސަބަބުން ކަމަށް ލަފާނުކުރެއްވޭ ކަމަށެވެ.

"އަދި މަޖިލީހުގެ ނިޒާމް ޕާލިމަންޓަރީ ނިޒާމަކަށް ނޭނބުރި، މި އުނދަގުލުގައި ތިއްބަވާހާ ދުވަހަކު ހަގީގަތުގައި މިކަން މި ގޮތަށް ހިނގަމުންދާނީ،" ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން އަބަދުވެސް ވަކާލާތު ކުރައްވާ ނަޝީދު ވިދާޅުވި އެވެ.

އަދި ކޮންމެ ދުވަހަކު 10 ވަރަކަށް ވަޒީރުން މަޖިލީހަށް ހާޒިރުކޮށްގެން ވެސް މެމްބަރުން ކުރައްވާފައިވާ ސުވާލުތަކުގެ ބެކްލޮގު ސާފުނުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އޭގެފަހުން ވެސް ނިޒާމީ ނުކުތާއެއް ނަންގަވައި ރިޔާޒް ވިދާޅުވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާ ކުރެއްވި ސުވާލަކަށް ޖަވާބު ނުލިބި ވަރަށް ގިނަ ދުވަސް ވެފައިވަނީ ވަޒީރަށް ވަގުތު ނުވެގެން ކަމަށް މަޖިލީހުގެ އިދާރާއިން މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެއާ އެކު ނަޝީދު ވަނީ ރިޔާޒް ނިޒާމީ ނުކުތާ ބަލައިގެންފަ އެވެ. މަޖިލީހުން އެންގުމުން ވަޒީރުން ހާޒިރުވާންޖެހޭކަން ފާހަގަކުރައްވައި، ނަޝީދު ވަނީ މާލީ ވަޒީރަށް ކުރިމަތިވެފައިވާ ދައްޗަކީ މަގުބޫލު ސަބަބެއްތޯ ސާފުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.