Roadha Mihaaru
ސަބަލެންކާއާ ސަލާން ނުކުރުމުން ނުރުހުން އަމާޒު ވެއްޖެ

ސަބަލެންކާއާ ސަލާން ނުކުރުމުން ޔޫކްރޭންގެ ކުޅުންތެރިޔާ އަށް ނުރުހުން

29 މެއި 2023

އިއްޔެ ފެށި ފްރެންޗް އޯޕަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގައި ވާދަކުރި ޔޫކްރޭންގެ އަންހެން ޓެނިސް ކުޅުންތެރިޔާ މާތާ ކޮސްޓިޔުކް، ދުނިޔޭގެ ދެވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ އަރިޔާނާ ސަބަލެންކާއާ ސަލާން ނުކުރުމުން ސަޕޯޓަރުންގެ ނުރުހުން އަމާޒު ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އިއްޔެ ފެށި ފްރެންޗް އޯޕަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގައި ވާދަކުރި ޔޫކްރޭންގެ އަންހެން ޓެނިސް ކުޅުންތެރިޔާ މާތާ ކޮސްޓިޔުކް، ދުނިޔޭގެ ދެވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ އަރިޔާނާ ސަބަލެންކާއާ ސަލާން ނުކުރުމުން ސަޕޯޓަރުންގެ ނުރުހުން އަމާޒު ވެއްޖެ އެވެ.

ޔޫކްރޭނާއި ރަޝިއާއާ ދެމެދު ހިންގާ ހަނގުރާމައާ ގުޅިގެން ގިނަ ކުޅުންތެރިންތަކެއް ވަނީ ރަޝިއާ އާއި ބެލަރޫސްގެ ކުޅުންތެރިންނަށް މުބާރާތުގައި ވާދަ ކުރެވޭތީ އެކަމާ ފާޑު ކިޔައިފަ އެވެ. ބެލަރޫސް އަކީ ހަނގުރާމައިގައި ރަޝިއާ އަށް ތާއީދު ކުރާ ގައުމެކެވެ. ނަމަވެސް ކުޅިވަރުގައި ކުޅުންތެރިން ބާކީ ނުކުރަން، ގައުމު ތަމްސީލު ނުވާހެން، މިދިޔަ އަހަރެކޭ އެއްގޮތަށް މިނިވަން ކުޅުންތެރިންގެ ގޮތުގައި ދެ ގައުމުގެ ކުޅުންތެރިންނަށް ވެސް މުބާރާތުގައި ވާދަކުރެވެ އެވެ.

ކޮސްޓިޔުކް އަކީ ޓެނިހުގެ އިސްވެރިން ރަޝިއާ އާއި ބެލަރޫސްގެ ކުޅުންތެރިން މުބާރާތްތަކުގައި ވާދަކުރެވޭ ގޮތަށް ނިންމާފައި ވުމުން އެކަމާ ވަރަށް ބޮޑަށް ފާޑު ކިޔާ ކުޅުންތެރިއެކެވެ. އަންހެން އޯޕަން ބައިގެ ފުރަތަމަ ބުރުގެ މެޗުގައި ޔޫކްރޭނުގެ ކޮސްޓިޔުކް އާއި ބެލަރޫސްގެ ސަބަލެންކާ ބައްދަކުކުރަން ޖެހުމުން، ސަބަލެންކާ އަށް ކޮސްޓިޔުކް ނަފްރަތު ކުރި ކަމަށް ވިއަސް އެ ކަމަށް ފަރުވާލެއް ނެތް ކަމަށް ސަބަލެންކާ ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރު ފެށި މި ހަނގުރާމައާ ގުޅިގެން ތިން ގައުމުގެ ކުޅުންތެރިން ވެސް ވަނީ މެޗުތަކުގައި ސަލާން ނުކުރާނެ ކަމަށް އެއްބަސް ވެފަ އެވެ. އެކަމަކު، ފްރާންސްގެ ރޮލެންޑް ގެރޮސް ސްޓޭޑިއަމްގައި އިއްޔެ ކުޅުނު މެޗުގައި ސަލާން ކުރަން ދެކޮޅު ހެދުމުން މެޗު ބަލަން އެއްވެ ތިބި ސަޕޯޓަރުން ވަނީ ކޮސްޓިޔުކްއާ މެދު ނުރުހުން ފާޅު ކޮށްފަ އެވެ. ކޮސްޓިޔުކް ބުނީ، އޭނާ ގަބޫލުކުރާ ގޮތުގައި ސްޓޭޑިއަމްގައި އޭނާއަށް ނުރުހުން ފާޅުކުރި ސަޕޯޓަރުން އެކަމާ ލަދުގަންނަން ޖެހޭ ކަމަށެވެ.

ސަބަލެންކާއާ ދެކޮޅަށް ކުޅުނު މެޗުގައި ކޮސްޓިޔުކް.-- ފޮޓޯ: އޭއެފްޕީ

ސަބަލެންކާއާ ދެކޮޅަށް ކުޅުނު މެޗުގައި ކޮސްޓިޔުކް.-- ފޮޓޯ: އޭއެފްޕީ

"މިއީ އަހަރެން އުންމީދު ކުރި ކަމެއް ނޫން. އެކަމަކު އަހަރެން އެކަމުގައި ފަރުވާލެއް ނެތް. މިއީ އަހަރެންގެ ނިންމުމެއް ނޫން. އެ މީހުން ލަދުގަންނަން ޖެހޭނެ. ނުރުހުން ފާޅުކުރިއަސް އަހަރެންނަށް އެއްވެސް އަސަރެއް ނުކުރޭ،" ކޮސްޓިޔުކް ބުންޏެވެ.

"އަހަރެން ބޭނުން 10 އަހަރު ވަރު ފަހުން ހަނގުރާމަ ނިމުމުން އެ ސަޕޯޓަރުންގެ އަމަލުތައް ހުންނާނެ ގޮތް ބަލައިލަން. އަހަރެންނަށް ހީވަނީ އޭރުން އެ މީހުންނަށް އެ ކުރެވުނު ކަންކަމާ މެދު އެހާ ރަނގަޅު އިހުސާސްތަކެއް ނުކުރެވޭނެ ހެން."

ކޮސްޓިޔުކް ބުނިގޮތުގައި، ސަބަލެންކާ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއަކަށް ވެފައި އޭނާ އަކީ ދުނިޔޭގައި ގިނަ ބައެއްގެ ސަޕޯޓެއް ވެސް ލިބިފައިވާ ކުޅުންތެރިއެކެވެ. އޭނާ ހިޔާލު ފާޅުކުރުމުން ދުނިޔޭގެ ގިނަ ނޫސްތަކެއްގައި އޭނާގެ ވާހަކަ ގެނެސްދޭނެ ކަން އެނގި ހުރެ، ހަނގުރާމައާ ދެކޮޅަށް ބަހެއް އިވިފައި ނުވުމުން އޭނާ އަށް އިހުތިރާމް ނުކުރާ ކަމަށް ވެސް ކޮސްޓިޔުކް ބުނެފައި ވެ އެވެ.

"އަރިޔާނާ [ސަބަލެންކާ] އަކީ މުޅި ދުނިޔޭގައި ދަތުރު ކުރާ، އޭނާ އަށް ސަޕޯޓް ކުރާ ގިނަ ބަޔަކު ތިބި ކުޅުންތެރިއެއް. އަހަރެން ކަންކަމާ ވާހަކަ ދައްކާއިރު ފެނޭ ނިއުޔޯކް ޓައިމްސް އާއި ވޮޝިންޓަން ޕޯސްޓާއި ސީއެންއެން އަދި ބީބީސީ އިން. މިއީ ދުނިޔޭގެ އެތައް މިލިއަން، ބިލިއަން ބަޔަކު ކިޔާ ނޫސްތަކެއް. އޭނާގެ ޒިންމާއެއް އެއީ [ހަނގުރާމައާ ގުޅިގެން] ހިޔާލު ފާޅު ކުރުން،" ކޮސްޓިޔުކް ބުންޏެވެ.

"އެކަމަކު ދުނިޔޭގެ މުހިއްމު ކަންކަމަށް ސަމާލުކަން ނުދޭތީ އަހަރެންނަށް އޭނާ އަށް އިހުތިރާމް ކުރެވޭކަށް ނެތް."

ޔޫކްރޭންގެ ކޮސްޓިޔުކް އާ ދެކޮޅަށް ކުޅުނު މެޗުގައި ބެލަރޫސްގެ ސަބަލެންކާ.-- ފޮޓޯ: އޭއެފްޕީ

ޔޫކްރޭންގެ ކޮސްޓިޔުކް އާ ދެކޮޅަށް ކުޅުނު މެޗުގައި ބެލަރޫސްގެ ސަބަލެންކާ.-- ފޮޓޯ: އޭއެފްޕީ

މެޗަށް ފަހު ސަބަލެންކާ ބުނީ އޭނާ ހަނގުރާމަ އަށް ތާއީދު ނުކުރާ ކަމަށާއި ނަމަވެސް އެކަމަކީ އޭނާ ފާޅުގައި ހާމަކުރަން ޖެހޭ ހިޔާލެއް ކަމަށް ނުދެކޭ ކަމަށެވެ.

"އަހަރެން ވަރަށް ގިނައިން ބުނެފައި ހުންނާނެ، ދުނިޔޭގެ އެއްވެސް މީހަކު، ރަޝިއާ އާއި ބެލަރޫލްސްގެ އެތުލީޓުން ވެސް ހަނގުރާމަ އަށް ތާއީދެއް ނުކުރަމޭ. ހަމަހޭގައި ތިބޭ ބަޔަކު ހަނގުރާމައަކަށް ތާއީދެއް ނުކުރާނެ،" ސަބަލެންކާ ބުންޏެވެ.

""މި ކަންކަމާ ގުޅޭގޮތުން ފާޅުގައި ބާރަށް ބަސް ބުނުމުގެ މާނައެއް އަހަރެންނަކަށް ނުވިސްނޭ. އެއީ އެކަކާ އެކަކާ އެއްކުރީމަ ވަނީ ދޭކޭ ބުނުން ކަހަލަ ކަމެއް. ޔަގީނުން ވެސް އަހަރެމެން ހަނގުރާމައަށް ތާއީދެއް ނުކުރަން. އަހަރެންނަށް ހަނގުރާމައަށް ބާރު ފޯރުވައި އެކަން ހުއްޓުވަން މަސައްކަތް ކުރެވޭ ނަމަ އެކަމެއް ކުރާނަން. އެކަމަކު ދެރައީ އެއީ އަހަރެންގެ އަތްމަތީގައި އޮތް ކަމެއް ނޫން ކަން."

މުބާރާތުގެ ފުރަތަމަ ބުރުގައި ސަބަލެންކާ އާއި ކޮސްޓިޔުކް ބައްދަލުކުރި މެޗުގެ ސެޓްތައް 6-3 އަދި 6-2 އިން ގެންގޮސްގެން ކާމިޔާބު ކުރީ ސަބަލެންކާ އެވެ. ދެވަނަ ބުރުގެ މެޗުގައި އޭނާ ވާދަ ކުރަން ޖެހެނީ ބެލަރޫސްގެ އައިރީނާ ޝައިމަނޯވިޗާ ދެކޮޅަށެވެ.

މިއަހަރުގެ މުބާރާތުގައި، މިދިޔަ އަހަރުގެ ފިރިހެން ޗެމްޕިއަންކަން ހޯދި ސްޕެއިންގެ ރަފައެލް ނަޑާލް ވާދައެއް ނުކުރެ އެވެ. އަނިޔާގެ ސަބަބުން ނަޑާލް އަށް މުބާރާތުގައި ވާދަ ނުކުރެވޭ އިރު، މިއީ ރެކޯޑް 14 ފަހަރު މުބާރާތް ކާމިޔާބު ކޯށްފައިވާ ނަޑާލް އަށް 19 އަހަރު ތެރޭ އޭނާ އަށް މި މުބާރާތުގައި ވާދަ ނުކުރެވޭ ފުރަތަމަ ފަހަރެވެ.

ކްލޭ ކޯޓުގެ ރަސްގެފާނު ނަޑާލް އަށް ވާދަ ނުކުރެވޭތީ، އޭނާއާ އެންމެ ވާދަވެރި ސާބިއާގެ ނޯވަކް ޖޮކޮވިޗް ބުނީ މިއީ ޓެނިހަށް ލިބިގެން ދިޔަ ބޮޑު ގެއްލުމެއް ކަމަށެވެ. ނަމަވެސް ނަޑާލް އާ ދެކޮޅަށް ޖޮކޮވިޗަށް މާ ގިނަ ކާމިޔާބީއެއް ހޯދިފައި ނުވުމާ އެކު، އޭނާ ނުފެނުމަކީ މުބާރާތް ކާމިޔާބު ކުރުމަށް އޭނާ އަށް ލިބޭ ފުރުސަތެއް ކަމަށް ޑޮކޮވިޗް ފާހަގަ ކުރި އެވެ.

ނަޑާލް އާއި ޖޮކޮވިޗަކީ ދުނިޔޭގެ އެންމެ ގިނަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބު ކޮށްފައިވާ ކުޅުންތެރިންނެވެ. ދެ ކުޅުންތެރިން ވެސް ވަނީ 22 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފަ އެވެ.