Roadha Mihaaru
ވިނީޝިއުސް މައްސަލަ ހޫނުވެ ވެލެންސިއާ އަށް އަދަބުދީފި

ވިނީޝިއުސްއާ ދިމާކުރި މައްސަލަ ހޫނުވެ ވެލެންސިއާ އަށް އަދަބުދީފި

24 މެއި 2023

މެޑްރިޑް (މެއި 24) - ހޮނިހިރު ދުވަހުގެ ރޭ ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑުން ރަށުން ބޭރުގައި ވެލެންސިއާ އަތުން 0-1 އިން ބަލިވި މެޗުގައި، ރެއާލަށް ކުޅޭ ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާއާ، ވެލެންސިއާގެ ސަޕޯޓަރުން ނަސްލީ ގޮތުން ދިމާކުރި މައްސަލާގައި ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ވެލެންސިއާ އަށް އަދަބު ދީފި އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

މެޑްރިޑް (މެއި 24) - ހޮނިހިރު ދުވަހުގެ ރޭ ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑުން ރަށުން ބޭރުގައި ވެލެންސިއާ އަތުން 0-1 އިން ބަލިވި މެޗުގައި، ރެއާލަށް ކުޅޭ ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާއާ، ވެލެންސިއާގެ ސަޕޯޓަރުން ނަސްލީ ގޮތުން ދިމާކުރި މައްސަލާގައި ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ވެލެންސިއާ އަށް އަދަބު ދީފި އެވެ.

އެ މެޗު ތެރެއިން ވެލެންސިއާގެ ސަޕޯޓަރުން ވަނީ "ރާމާމަކުނުގެ އަޑު" ލައްވައި ވަރަށް ފާޅުގައި ވިނީޝިއުސްއާ ނަސްލީ ގޮތުން ދިމާކޮށްފަ އެވެ. އެކަމާ ހިތްހަމަނުޖެހި މެޗުގެ ތެރެއިން، އަތުގެ އިޝާރަތުން ވިނީޝީއުސް ވަނީ އޭނާއާ ދިމާކުރި މީހުންނަށް އިޝާރާތް ކޮށްފަ އެވެ. އެކަމަކު ރެފްރީ އެކަމަށް އެއްވެސް ފިޔަވަޅެއް ނޭޅި އެވެ. އޭގެ ފަހުން މެޗުގެ ފަހުކޮޅު ވެލެންސިއާގެ ކުޅުންތެރިންނާއި ދެމެދު ހިނގި ހަމަނުޖެހުމެއްގައި ވިނީޝިއުސް އަށް ރެފްރީ ރަތް ކާޑު ދެއްކި އެވެ.

މެޗަށް ފަހު ވިނީޝިއުސް ބުނީ ސްޕެއިން ލީގަކީ ނަސްލީ ތަފާތު ކުރުމަށް ހިތްވަރުދޭ ލީގެއް ކަމަށާއި ބްރެޒިލްގައި ސްޕެއިނާ މެދު ސިފަކޮށްފައި އޮންނަނީ ނަސްލީ ތަފާތުކުރާ ގައުމެއްގެ ގޮތުގައި ކަމަށެވެ. ނަސްލީ ތަފާތު ކުރުން އިންތިހާ އަށް އޮތުމުން ސްޕެއިން ދޫކޮށްލަން ފަސް ނުޖެހޭނެކަމަށް ވިނީޝީއުސް ބުންޏެވެ.

މައްސަލަ ވަރަށް ބޮޑަށް ހޫނުވުމުން ސްޕެއިން ފެޑެރޭޝަނުން މިހާރު ވަނީ ވެލެންސިއާ 44،000 ޔޫރޯ [ އެޓީމު ކުރިއަށް ކުޅެން އޮތް ފަސް މެޗުގައި ސްޓޭޑިއަމްގެ އެއްބަޔަށް ސަޕޯޓަރުން ނުވެއްދުމަށް ނިންމައިފަ އެވެ. ބަންދުކުރަން ނިންމީ ވިނީޝިއުސްއާ ދިމާކޮށްލި ފަޅި އަށް ސަޕޯޓަރުން ވަންނަ ދެކުނު ގޭޓެވެ.

އެ މެޗުގައި ވިނީޝިއުސް އަށް ދެއްކި ރަތް ކާޑު ވެސް މިހާރު ވަނީ ކެންސަލް ކޮށްފަ އެވެ. ސްޕެއިން ފެޑެރޭޝަނުން ބުނީ ރަތް ކާޑު ދެއްކީ އެވަގުތު ހިނގާދިޔަ ކަންކަމަށް ބެލުމަށް ފަހު ކަމަށެވެ. އެކަމަކު ބެލިބެލުމުން އެއީ ނަސްލީ ތަފާތު ކުރުމާ ގުޅޭ ކަމެއްކަން ފާހަގަވުމުން ރަތް ކާޑު އަނބުރާ ގެންދަން ނިންމީ އެވެ.

ވިނީޝިއުސްއާ ދިމާކޮށްލި މައްސަލަ ރެއާލް މެޑްރިޑުން މިހާރު ވަނީ ސްޕެނިޝް ޕްރިސިކިއުޓާ އޮފީހަށް ހުށަހަޅައިފަ އެވެ. އަދި، މައްސަލައިގެ ތަހުގީގު ފަށައި ފުލުހުން ވަނީ ތިން މީހަކު ހައްޔަރު ކޮށްފަ އެވެ. ނަސްލީ ތަފާތު ކުރުމުގެ މައްސަލައެއްގައި މިދިޔަ ޖެނުއަރީ މަހު މެޑްރިޑުން ވެސް ހަތަރު މީހަކު ފުލުހުން ހައްޔަރުކުރި އެވެ.

ވިނީޝިއުސް މައްސަލަ ބްރެޒިލްގެ ސަރުކާރުން ވެސް ވަނީ ކުށްވެރި ކޮށްފަ އެވެ. އަދި، އެކަމާ ދެކޮޅަށް ސްޕެއިންގެ ކްލަބްތަކުންނާއި ކުޅުންތެރިން އަންނަނީ ޝުއޫރު ފާޅުކުރަމުންނެވެ. ސްޕެނިޝް ލީގުގައި ރޭ ކުޅުނު ތިން މެޗުގައި ވެސް ވިނީޝިއުސްގެ ދިފާއުގައި، ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް ކުޅުންތެރިން ވަނީ ބެނާ ހިފައިގެން ތިބެ ޝުއޫރު ފާޅުކޮށްފަ އެވެ.