Roadha Mihaaru
މޫދަށް ކުނި އެޅި އަލިމަތާ ރިސޯޓުގެ ޖޫރިމަނާ ކުޑަކޮށްފި

މޫދަށް ކުނި އެޅި އަލިމަތާ ރިސޯޓުގެ ޖޫރިމަނާ ކުޑަކޮށް ދީފި

23 މެއި 2023

ވ. އަލިމަތާ ރިސޯޓުން މޫދަށް ކުނި އެޅި މައްސަލާގައި ކުރި 312،000ރ. ގެ ޖޫރިމަނާ 45،000ރ. އަށް ކުޑަކޮށް ދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވ. އަލިމަތާ ރިސޯޓުން މޫދަށް ކުނި އެޅި މައްސަލާގައި ކުރި 312،000ރ. ގެ ޖޫރިމަނާ 45،000ރ. އަށް ކުޑަކޮށް ދީފި އެވެ.

އީޕީއޭ އިން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނީ އަލިމަތާ ރިސޯޓުން މޫދަށް ކުނި އެޅުމާ ގުޅިން މިދިޔަ އަހަރު ޖުލައި މަހުގެ ތިންވަނަ ދުވަހު އެ އެޖެންސީން ކަނޑައަޅާފައިވާ ޖޫރިމަނާގެ އަދަދު ކުޑަކޮށްދީފައިވާ ކަމަށެވެ. އަދި އެ އަދަދު ކުޑަކޮށްދިނީ އަލިމަތާ ރިސޯޓުން، ތިމާވެއްޓާ ބެހޭ މިނިސްޓްރީގައި ޖޫރިމަނާ އިސްތިއުނާފު ކުރުމުން ކަމަށް އިއުލާނުގައި ބުންޏެވެ.

ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ވަކި ހާލަތްތަކެއްގައި ޖޫރިމަނާ އިސްތިއުނާފު ކުރުމުގެ ބާރު ތިމާވެއްޓާ ބެހޭ މިނިސްޓަރަށް ލިބެ އެވެ.

މިނިސްޓްރީން ޖޫރިމަނާ އިސްތިއުނާފު ކޮށްދިނީ އަލިމަތާ ރިސޯޓުން 2-3 މަސްދުވަހުގެ މުއްދަތަކަށް ގަވާއިދާ ހިލާފަށް ކަނޑަށް ކުނި އެޅިކަން ކަށަވަރުވާ ކޮށްދޭ ފަދަ ލިޔެކިޔުމެއް ނެތުމުންނާއި ކުނި މެނޭޖުކުރުމާ ބެހޭ ގަވާއިދާ ހިލާފުވެގެން ޖޫރިމަނާކުރި ފުރަތަމަ ފަހަރު ކަމަށް ބަލައިފައި ކަމަށް އީޕީއޭ އިން ބުންޏެވެ.

ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ ދައްކަން އެ ރިސޯޓަށް އީޕީއޭއިން މިހާރު ވަނީ އަންގައިފަ އެވެ. އަދި އެ ރިސޯޓުގައި އުފެދޭ ކާބޯތަކެތިން އުފެދޭ ކުންޏާއި އަމިއްލައަށް ނެތިފަނާވެދާ ކުންޏާ މެދު އަމަލުކުރާ ގޮތަކީ ކޮބައިކަމާއި ކުނި މެނޭޖުކުރުމުގެ ޕްލޭނެއް ވެސް ކަނޑައެޅި މުއްދަތުގެ ތެރޭގައި އީޕީއޭއަށް ހުށަހަޅަން އެންގި އެވެ.

ވ. އަތޮޅުގެ ބައެއް ރިސޯޓުތަކުން މޫދަށް ކުނި އަޅާ މައްސަލަ ބޮޑު، އެކަން ތަހުގީގު ކޮށްދިނުމަށް ކަމާ ބެހޭ އިދާރާތަކަށް މިދިޔަ އަހަރު އޭޕްރީލުގައި މައްސަލަ ހުށަހެޅީ އެ އަތޮޅު ކައުންސިލުންނެވެ.

މީގެ 15 އަހަރު ކުރިން އަމަލުކުރަން ފެށި ޓޫރިޒަމް މިނިސްޓްރީގެ ގަވައިދަކުން ވަނީ ރިސޯޓުތަކުން ބާކީވާ ކާއެއްޗިއްސާއި އަމިއްލައަށް ހަލާކުވެގެންދާނެ ތަކެތި މޫދަށް އެޅުމުގެ ހުއްދަ ދީފަ އެވެ. އެކަމަކު، ރިސޯޓުތަކުން މޫދަށް ކުނި އުކާލާ މައްސަލަ ބޮޑުވެފައި ވަނިކޮށް އެ މިނިސްޓްރީން އާއްމުކުރި އިސްލާހުގައި ވަނީ ކުރީގެ ގަވައިދަށް އިސްލާހެއް ގެނެސް، މޫދަށް ކުނި އެޅުން މަނާކޮށްފަ އެވެ.

މިދިޔަ އަމަލުކުރަން ފެށި ކުނި މެނޭޖުކުރުމާ ބެހޭ ގަވާއިދުގެ ދަށުން ވެސް މިހާރު އެއީ މަނާކަމެކެވެ.