Roadha Mihaaru
ކުނިއަޅާ މީހުންގެ ނަން އާއްމުކުރަން ފަށައިފި

މަގުމައްޗަށް ކުނި އަޅާ މީހުންގެ ނަން އާންމުކުރަން ފަށައިފި

06 ޖެނުއަރީ 2019

މާލޭގެ މަގުމައްޗަށް ކުނި އަޅާ މީހުން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީން (އީޕީއޭ) އިން ޖޫރިމަނާކޮށް، ނަން އާންމުކުރަން ފަށައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މާލޭގެ މަގުމައްޗަށް ކުނި އަޅާ މީހުން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީން (އީޕީއޭ) އިން ޖޫރިމަނާކޮށް، ނަން އާންމުކުރަން ފަށައިފި އެވެ.

އީޕީއޭ އިން މިއަދު ވަނީ މަގުމައްޗަށް ކުނި އެޅި ދެ މީހެއްގެ ނަން އާއްމުކޮށްފަ އެވެ. ދެވިނަ މަގަށް ކުނިއަޅައިގެން ޖޫރިމަނާ ކުރީ، ބ. ތުޅާދޫ، މޫރިތި ހުޝާމް އަލީ އެވެ. ޗާންދަނީ މަގަށް ކުނިއެޅީ، އިޕީއޭ އިން އާއްމުކޮށްފައިވާ ގޮތުގައި، ހދ. ނޭކުރެންދޫ، ފްލާވާ ހައުސް، ޒުބެއިދާ އަލީ އެވެ.

މިއީ، މަގުމައްޗަށް ކުނިއަޅައިގެން ބައެއްގެ ނަން އާއްމުކުރި ފުރަތަމަ ފަހަރެވެ. އެ ދެ މީހުން ޖޫރިމަނާ ކުރި އަދަދެއް އީޕީއޭ އިން ނުބުނެ އެވެ.

މަގުމައްޗަށް ކުނި އެޅި މީހެއްގެ ނަން އާންމުކުރަން އީޕީއޭ އިން ކުރި ޓްވީޓެއް.

މަގުމައްޗަށް ކުނި އެޅުން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން އީޕީއޭ އިން މިދިޔަ ހަފުތާގައި ވަނީ ކުނި އެޅި މީހެއްގެ ގޭގެ ނަން ވެސް އާއްމުކޮށްފަ އެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ނައީމް ވިދާޅުވެފައިވާ ގޮތުގައި ނަން އާއްމުކޮށްގެން ނަމަވެސް މަގުމައްޗަށް ކުނި އަޅާ މައްސަލަ އަށް ހައްލު ހޯދަން އެތަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގަވާއިދާ ޚިލާފަށް މާލޭގެ މަގުތަކަށް ކުނިއަޅާ މީހުންގެ ނަން އާއްމު ކުރުމުގެ ބާރު އީޕީއޭ އަށް ލިބިފަައި ވެ އެވެ. ގާނޫނުގައިވާ ގޮތުން މަގުމައްޗަށް ކުނިި އަޅައިފި ނަމަ ޖޫރިމަނާގެ ގޮތުގައި ފުރަތަމަ ފަހަރަށް 300ރ. ނެގޭނެ އެވެ. އަދި ކުށްތަކުރާރު ކުރާ ނަމަ އެ އަދަދު އިތުރުކުރުމުގެ އިޚްތިޔާރު ވެސް ލިބެ އެވެ.

ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމެއް ވެސް ފަށައިފަ އެވެ.