Roadha Mihaaru
ނިއުކާސަލް 20 އަހަރަށް ފަހު ޗެމްޕިއަންސް ލީގަށް

ނިއުކާސަލް 20 އަހަރަށް ފަހު ޗެމްޕިއަންސް ލީގަށް

23 މެއި 2023

އިނގިރޭސި ފުޓުބޯޅައިގައި މީގެ ކުރިން އެންމެ ގަދަ ކްލަބް، ނިއުކާސަލް ޔުނައިޓެޑް 20 އަހަރަށް ފަހު، ޔޫރަޕްގެ އެންމެ ޝަރަފްވެރި ކްލަބް ފުޓްބޯޅަ މުބާރާތް، ޔޫއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައި ވެއްޖެ އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

އިނގިރޭސި ފުޓުބޯޅައިގައި މީގެ ކުރިން އެންމެ ގަދަ ކްލަބް، ނިއުކާސަލް ޔުނައިޓެޑް 20 އަހަރަށް ފަހު، ޔޫރަޕްގެ އެންމެ ޝަރަފްވެރި ކްލަބް ފުޓްބޯޅަ މުބާރާތް، ޔޫއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައި ވެއްޖެ އެވެ.

ޕްރިމިއާ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކޮށް، ނިއުކާސަލް ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރީ ރޭ އަމިއްލަ ދަނޑުގައި ލެސްޓާ ސިޓީއާ ވާދަކޮށް 0-0 އިން އެއްވަރު ކޮށްގެންނެވެ. މެޗަށް ނުކުތް އިރު ވެސް ގަދަ ހަތަރެއް ކަށަވަރު ކުރަން ނިއުކާސަލަށް ބޭނުންވީ ޕޮއިންޓެކެވެ.

ލީގުގެ ތިން ވަނައިގައި އޮތް ނިއުކާސަލް އަށް ބާކީ އެއް މެޗު އޮތްއިރު 70 ޕޮއިންޓް ވަނީ ހޯދައިފަ އެވެ. ލީގުގެ ފަސް ވަނައިގައި އޮތް ލިވަޕޫލަށް ބާކީ އެއް މެޗާ އެކު ލިބިފައި ވަނީ 66 ޕޮއިންޓެވެ. އެހެންވެ ލިވަޕޫލަށް ނިއުކާސަލް އަތުލެވުމުގެ ފުރުސަތެއް ނެތެވެ.

ޗެމްޕިއަންސް ލީގުގެ ފަހު ޖާގަ ހޯދުމުގެ އަމިއްލަ ބާރު އޮތީ މެންޗެސްޓާ ޔުނައިޓެޑްގެ އަތުގަ އެވެ. ގަދަ ހަތަރެއް ކަށަވަރު ކުރަން ބާކީ ދެ މެޗުން އެ ޓީމަށް ބޭނުންވަނީ ޕޮއިންޓެކެވެ.

ރޭގެ މެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާ އުފެއްދީ ނިއުކާސަލް އިންނެވެ. އެކަމަކު ކަލުމް ވިލްސަން އާއި މިގުއެލް އަލްމިރޯން އަދި ބްރޫނޯ ގިމަރޭސް އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. މެޗުގެ އިތުރު ވަގުތުގައި ލެސްޓާގެ ޓިމޮތީ ކަސްޓާނިޔާ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ނިއުކާސަލްގެ ގޯލްކީޕަރު ނިކް ޕޯޕް ވަނީ މަތަކޮށްފަ އެވެ.

މެޗަށް ފަހު ނިއުކާސަލްގެ ކޯޗު އެޑީ ހޯވް ބުނީ ސީޒަން ފެށިއިރު، އެ ޓީމުގެ އަމާޒަކަށް ވީ ޗެމްޕިއަންސް ލީގު ނޫން ކަމަށާއި އެކަމަކު އެންމެ ކުރިއަކަށް ދާން އުއްމީދު ކުރި ކަމަށެވެ.

ސައުދީގެ ޕަބްލިކް އިންޗެސްޓްމަންޓް ފަންޑް (ޕީއައިއެފް) މެޖޯރިޓީ ހިއްސާވެ، ނިއުކާސަލް ގަތްކަން އިއުލާންކުރީ އޮކްޓޫބަރު 7، 2021 ގަ އެވެ. ނިއުކާސަލް ގަންނަން ހޭދަކުރި ޖުމްލަ އަގަކީ 408 މިލިއަން ޑޮލަރެވެ. އެ ޑީލާ އެކު، މަހުޖަނުންގެ ކްލަބްތަކުގެ ލިސްޓުން ނިއުކާސަލް ޖާގަ ހޯދި އެވެ.

ކޯޗު އެޑީ ހޯވް ނިއުކާސަލްގެ ކޯޗުކަމާ ހަވާލުވީ އޭގެ ދުވަސްކޮޅެއް ފަހުންނެވެ. އޭރު ނިއުކާސަލް އޮތީ މިދިޔަ ސީޒަނުގެ ރެލިގޭޝަންގަ އެވެ. އެކަމަކު ބައެއް ކުޅުންތެރިން ގެނެސް ނަތީޖާތައް ރަނގަޅުކޮށް، ނިއުކާސަލް މިދިޔަ ސީޒަން ނިންމާލީ 11 ވަނައިގަ އެވެ. މި ސީޒަނުގައި އެ ފޯމު ދަމަހައްޓައި އެ ޓީމު ގަދަ ހަތަރަކުން ޖާގަ ހޯދީ އެވެ.

ނިއުކާސަލް މީގެ ކުރިން ޗެމްޕިއަންސް ލީގުގައި ކުޅުނީ 2003 ވަނަ އަހަރު އެވެ. އެ ފަހަރު ކޮލިފައިން ބުރުން އެ ޓީމު ވަނީ ކަޓައިފަ އެވެ.