Roadha Mihaaru
ރާ ވިއްކާ ކަމަށް ތުހުމަތުވާ ސަފާރީ ނެރެން އަމުރުކޮށްފި

ރާ ވިއްކާ ކަމަށް ތުހުމަތުވާ ސަފާރީ އުކުޅަސް ފަޅުން ނެރެން 24 ގަޑިއިރު ދީފި

14 މެއި 2023

އއ. އުކުޅަހަށް ބަނގުރާ ވިއްކާ ކަމަށް ތުހުމަތުވާ ސަފާރީ 24 ގަޑިއިރު ތެރޭގައި އެ ރަށުގެ ފަޅުތެރެއިން ނެރެން އަމުރުކޮށްފި އެވެ.

އއ. އުކުޅަހަށް ބަނގުރާ ވިއްކާ ކަމަށް ތުހުމަތުވާ ސަފާރީ 24 ގަޑިއިރު ތެރޭގައި އެ ރަށުގެ ފަޅުތެރެއިން ނެރެން އަމުރުކޮށްފި އެވެ.

އުކުޅަހު މެޖިސްޓްރޭޓް ކޯޓުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ސަފާރީ ނެރެން ރޭ އަމުރުކުރީ ކައުންސިލުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ގެސްޓް ހައުސްގެ ވިޔަފާރިފުޅާ ދާއިރާއެއްގައި ހިންގާ އުކުޅަހުގެ އާއްމުންތަކެއް ވަނީ އެ ސަފާރީން ރާ ވިއްކާ ކަމަށް ބުނެ މިދިޔަ ހަފުތާގައި މުޒާހަރާ ވެސް ކޮށްފަ އެވެ.

އުކުޅަހު ބަނދަރުގައި ސަފާރީ އެޅުމުގެ ހުއްދަ ކައުންސިލުން ދިނީ، އެނގިފައިވާ ގޮތުގައި، މި މަހުގެ ދެވަނަ ދުވަހެވެ. އެ ހުއްދަދިނީ ސަފާރީ މަރާމާތުކުރަން ބޭނުންވެގެން ކައުންސިލަށް ހުށަހެޅުމުންނެވެ.

ކައުންސިލް އިދާރާ ތެރޭގައި ބަޔަކު އިހްތިޖާޖްކުރަނީ

ކައުންސިލް އިދާރާ ތެރޭގައި ބަޔަކު އިހްތިޖާޖްކުރަނީ

ރައްޔިތުންގެ ތެރެއިން ބަޔަކު ހިތްހަމަނުޖެހުނީ، އެ ސަފާރީން ރަށަށް ރާ ވިއްކާކަމަށް ތުހުމަތުވެ، އެކަން ހައްލުކުރަން އެދުމުން ކައުންސިލުން އަޅާނުލީ ކަމަށް ތުހުމަތުކޮށެވެ. އެ މައްސަލާގައި މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު ވެސް ކައުންސިލްގެ ތެރޭގައި ބަޔަކު މުޒާހަރާކުރި އެވެ.

އަނެއް ދުވަހު ހެނދުނު ވަނީ، ކައުންސިލް އިދާރާއަށް ބޮއްކުރައެއް ވައްދައިފަ އެވެ.

ރާ ވިއްކާ މައްސަލާގައި އިހްތިޖާޖުކޮށް ކައުންސިލް އިދާރާގެ ތެރެއަށް ބޮއްކުރައެއް ވައްދާފައި.

ރާ ވިއްކާ މައްސަލާގައި އިހްތިޖާޖުކޮށް ކައުންސިލް އިދާރާގެ ތެރެއަށް ބޮއްކުރައެއް ވައްދާފައި.

އެ ސަފާރީން ރަށަށް ރާ ވިއްކާ ކަމުގެ ތުހުމަތުކުރަން ފެށުމުން، ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހޯމަދުވަހު ފުލުހުން ސަފާރީ ބަލައި ފާސްކުރި އެވެ. އެކަމަކު މި މައްސަލާގައި މީޑިއާއަށް ކޮމެންޓެއް ނުކުރި އެވެ.

ގެސްޓް ހައުސް ވިޔަފާރި ހިންގަން ހުއްދަ ދިނަސް މީހުން ދިރިއުޅޭ ރަށްތަކުގައި ރާ ވިއްކުން މަނަލެވެ.