Roadha Mihaaru
ލޯކްލް ޓޫރިޒަމް އާ ހަރުފަތަކަށް ގެންދަން އެންއެޗްގޭމް!

ރާއްޖޭގެ ގެސްޓްހައުސްތަކާއި ހޮޓެލްތައް އިޝްތިހާރު ކުރުމަށް އެންއެޗްގޭމް، އާ ހަރުފަތަކަށް!

06 ޑިސެމްބަރ 2022

ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްގޭމް) ރިބްރޭންޑްކޮށް، އާ ޕްލޭންތަކާއި ސްޓްރެޓެޖީއަކާއެކު ރާއްޖޭގައި ހިންގާ ލޯކަލް ގެސްޓް ހައުސްތަކާއި ހޮޓެލްތައް އަދި ހޯމްސްޓޭ އިޝްތިހާރު ކުރުމަށް ރާވާފައިވާ ގިނަ ކަންތައްތަކެއް ހިއްސާކޮށްފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްގޭމް) ރިބްރޭންޑްކޮށް، އާ ޕްލޭންތަކާއި ސްޓްރެޓެޖީއަކާއެކު ރާއްޖޭގައި ހިންގާ ލޯކަލް ގެސްޓް ހައުސްތަކާއި ހޮޓެލްތައް އަދި ހޯމްސްޓޭ އިޝްތިހާރު ކުރުމަށް ރާވާފައިވާ ގިނަ ކަންތައްތަކެއް ހިއްސާކޮށްފި އެވެ.

ކުރިން ގެސްޓް ހައުސް އެސޯސިއޭޝަން (ގޭމް) ގެ ނަމުގައި ހިންގަމުން އައި އެ އެސޯސިއޭޝަން ރަސްމީކޮށް ރިބްރޭންޑްކޮށް، ރާއްޖޭގައި ހިންގާ ހޮޓެލްތައް ވެސް އެ އެސޯސިއޭޝަންގެ ދަށުން ތަމްސީލު ކުރަން ނިންމައި، އެންއެޗްގޭމްގެ ނަމަށް ބަދަލުކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު ތިން ވަނަ ދުވަހު ބޭއްވި އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގަ އެވެ.

މިއަދު ހޮޓެލްޖެންގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. މައުސޫމް އަދި އެންއެޗްގޭމްގެ ރައީސްގެ އިތުރުން އެހްން ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ --ފޮޓޯ: ފަޔާޒް މޫސާ

މިއަދު ހޮޓެލްޖެންގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. މައުސޫމް އަދި އެންއެޗްގޭމްގެ ރައީސްގެ އިތުރުން އެހްން ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ --ފޮޓޯ: ފަޔާޒް މޫސާ

އެންއެޗްގޭމުން މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ ފަހުން ގެނައި ބަދަލުތަކާއެކު ހާސިލްކުރަން ވިސްނާފައިވާ ލަނޑުދަނޑިތައް ޖަލްސާގެ ބައިވެރިންނާ ހިއްސާކޮށްފަ އެވެ.

އެ އެސޯސިއޭޝަންގެ މައިގަނޑު އަމާޒަކީ އާންމުކޮށް ރާއްޖެ މަޝްހޫރުވެފައިވާ ރީތި ގޮނޑުދޮށްތަކާއި ދޮންވެލި ތުނޑިތަކުގެ އިތުރުން ދިވެހިންގެ ތަރިކަ އާއި ސަގާފީ އެކި ކަހަލަ ކަންކަމާއި ރަށްފުށުގެ ދިރިއުޅުން ޕްރޮމޯޓް ކުރުމެވެ.

އޭގެ ތެރޭގައި، ސަގާފީ ކެއުމާއި ލިޔެލާ ޖެހުން ފަދަ ހުނަރުތަކާއި މީހުން ދިރިއުޅޭ ރަށްރަށުގެ ތަފާތު ކަން ޓޫރިސްޓުންނަށް އިޝްތިހާރު ކުރުން ހިމެނެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަނީ "އައި އެމް މޯލްޑިވްސް" ގެ ނަމުގައި އަންނަ އަހަރު ނެރެން ރާވާފައިވާ މެގެޒިން އަދި "އައިއެމްޑޮޓްއެމްވީ" ވެބްސައިޓް ޖަލްސާގެ ބައިވެރިންނަށް ދައްކާލައިފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގެ ބައެއް ބައިވެރިން؛ އެ ރަސްމިއްޔާތުގައި ވަނީ އެންއެޗްގޭމްގެ އާ ޕްލޭންތައް ހިއްސާކޮށްފައި ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިއަދުގެ ރަސްމިއްޔާތުގެ ބައެއް ބައިވެރިން؛ އެ ރަސްމިއްޔާތުގައި ވަނީ އެންއެޗްގޭމްގެ އާ ޕްލޭންތައް ހިއްސާކޮށްފައި ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ މެގެޒިންގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ ރާއްޖޭގައި ހިންގާ ގެސްޓް ހައުސްތަކާއި ހޮޓެލްތައް އަދި ހޯމްސްޓޭއާ ގުޅޭ މައުލޫމާތުތަކާއި އިޝްތިހާރުތަކެވެ. އަންނަ އަހަރު 6،000 އަށް ވުރެ ގިނަ ކޮޕީ އަދި ޑިޖިޓަލް ކޮޕީއަކާއެކު ރަސްްމީކޮށް މެގެޒިން ނެރުމަށް ވަނީ ހަމަޖެހިފަ އެވެ.

ވެބްސައިޓްގައި ތަންކޮޅެއް ފުޅާކޮށް ޕްރޮމޯޝަންގެބައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި، ރާއްޖެ އަންނަ ޓޫރިސްޓުން ލޯކަލް ޓޫރިޒަމް އިހްތިޔާރު ކުރާ ނަމަ، އެ ފަރާތްތަކަށް ވެބްސައިޓްގެ ޒަރިއްޔާއިން އެކަމަށް މަގުފަހިކޮށްދޭނެ ކަމަށް އެންއެޗްގޭމް އިން ބުނެ އެވެ.

މި އަހަރާ އަންނަ އަހަރަށް ރާވާފައިވާ އެހެން ބައެއް ކަންތައްތަކުގެ ތެރޭގައި، 10 އަތޮޅު ފެންވަރުގެ ޕްރޮމޯޝަން ހަރަކާތްތަކެއް ހިމެނެ އެވެ. އެގޮތުން، ކޮންމެ އަތޮޅެއްގެ ސަގާފަތާއި، ކެއުމާއި، އަދި ރަށުގެ ދިރިއުޅުން ޕްރޮމޯޓް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ކ. މާފުށި: ލޯކަލް ޓޫރިޒަމާއެކު އެންއެޗްގޭމްގެ އަމާޒަކީ މުޅި ރާއްޖެ އިޝްތިހާރު ކުރުން ---ފޮޓޯ؛ ނިޝާން އަލީ | މިހާރު

ކ. މާފުށި: ލޯކަލް ޓޫރިޒަމާއެކު އެންއެޗްގޭމްގެ އަމާޒަކީ މުޅި ރާއްޖެ އިޝްތިހާރު ކުރުން ---ފޮޓޯ؛ ނިޝާން އަލީ | މިހާރު

ލޯކަލް އަދި ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް އިޝްތިހާރުކުރުމަށްޓަކައި ބައިނަލްއަގްވާމީ ތިން އެކްސްޕޯގައި ވެސް ބައިވެރިވުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގައި ވެސް ޕްރޮމޯޝަންގެ ދެ ހަރަކާތް ހިންގުމަށް ހޯސްޓު ކުރަން ވަނީ ހަމަޖެހިފަ އެވެ. އަދި އެމްއެމްޕީއާރްސީއާ ގުޅިގެން ވެސް ބައެއް ކަހަލަ ޕްރޮމޯޝަން ހަރަކާތްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ.

އެންއެޗްގޭމްގެ 2022/23 ގެ އާ ބްރޭންޑް އަދި މާކެޓިން ޕްލޭންގެ ކަންކަމަށް މިހާތަނަށް 12،000 ޑޮލަރު (185،040 ރުފިޔާ) އަށް ވުރެގިނަ ފައިސާ ހަރަދުކޮށްފައިވާނެ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

މިއަދުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ. މިނިސްޓްރުގެ އިތުރުން، އެމްއެމްޕީއާރްސީގެ ރައީސް ތޮއްޔިބް މުހައްމަދާއި، އެންއެޗްގޭމްގެ އިސްވެރިންނާއި، އެ އެސޯސިއޭޝަންގެ ޕާޓްނަރުންނާއި އެސޯސިއޭޓުން ވެސް ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޑރ. އަބްދުﷲ މައުސޫމް ވާހަކަ ދައްކަވަނީ ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިއަދުގެ ރަސްމިއްޔާތުގައި ޑރ. އަބްދުﷲ މައުސޫމް ވާހަކަ ދައްކަވަނީ ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޑރ. މައުސޫމާއި ތޮއްޔިބު ވެސް ވަނީ އެންއެޗްޖީއެމްގެ އާ ޕްލޭނަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވާފަ އެވެ. އަދި ފަހުގެ ޑިޒައިންތަކާއި، ގްރެފިކްސް އަދި ޖުމްލަކޮށް ރިބްރޭންޑުކޮށްފައިވާ ގޮތް ފާހަގަކޮށް އެބޭފުޅުން ވަނީ ތައުރީފްކުރައްވާފަ އެވެ،

އެންއެޗްގޭމްގެ ނައިބް ރައީސް އަބްދުﷲ ސަމީއު ވިދާޅުވި ގޮތުގައި، އެ އެސޯސިއޭޝަން ރިބްރޭންޑުކުރަން ނިންމީ ރާއްޖޭގެ ހޮޓެލްތައް ތަމްސީލުކުރާނެ ހާއްސަ އެސޯސިއޭޝަނެއް ނެތުމުންނެވެ.

ތަޖުރިބާކާރު ޓީމަކާއެކު އާ ހަރުފަތަކަށް ރާއްޖޭގެ ޓޫރިޒަމް ގެންދިއުމަށް މިސްރާބުޖަހާފައިވާ އެންއެޗްގޭމްގެ ދަށުން މިހާރު ވެސް ރާއްޖޭގެ 20 އަތޮޅަކުން 13556 އެނދާއެކު ރަޖިސްޓްރީ ކޮށްފައިވާ 808 ގެސްޓްހައުސް ހިމެނޭ ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ.