Roadha Mihaaru
އަލީ ވަހީދުގެ ލަންޑަން ކުލަބަށް ތާރީހީ ކާމިޔާބެއް

އަލީ ވަހީދުގެ ލަންޑަން ކުލަބަށް ތާރީހީ ކާމިޔާބެއް

14 މެއި 2023

ރާއްޖޭގެ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އިނގިރޭސި ވިލާތުގައި ކޯޗު ކޮށްދެމުން އަންނަ ސްޕޯޓިން ލަންޑަނަށް ވިމްބެލްޑަން އެންޑް ޑިސްޓްރިކްޓް ސެންޗެނަރީ ބީ ކަޕް ފައިނަލް ކާމިޔާބު ކޮށްދީ، ތާރީހީ ތައްޓެއް އިއްޔެ ހޯދައިދީފި އެވެ.

ރާއްޖޭގެ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އިނގިރޭސި ވިލާތުގައި ކޯޗު ކޮށްދެމުން އަންނަ ސްޕޯޓިން ލަންޑަނަށް ވިމްބެލްޑަން އެންޑް ޑިސްޓްރިކްޓް ސެންޗެނަރީ ބީ ކަޕް ފައިނަލް ކާމިޔާބު ކޮށްދީ، ތާރީހީ ތައްޓެއް އިއްޔެ ހޯދައިދީފި އެވެ.

އެ މުބާރާތުގެ ފައިނަލުން ސްޕޯޓިން ލަންޑަން މޮޅުވީ ރޭނެސް ޕާކް ޔުނައިޓެޑާ ވާދަކޮށް 1-0 އިން މެޗު ކާމިޔާބު ކޮށްގެންނެވެ. އަލީ ވަހީދުގެ ކޯޗު ކަމުގެ ދަށުން ކުޅުނު ސްޕޯޓިން ލަނޑަނުން މެޗުގައި ޖެހި ހަމައެކަނި ގޯލް ކާމިޔާބު ކުރީ ފުރަތަމަ ހާފުގެ ފަހު ވަގުތުކޮޅުގެ ތެރޭގަ އެވެ.

އަލީ ވަހީދު ސްޕޯޓިން ލަންޑަންގެ ކޯޗުކަމާ ހަވާލު ވެފައި ވަނީ ޖުލައި 2021 އިގަ އެވެ. މިއީ އެ އަހަރު ވުޖޫދުވި ސްޕޯޓިން ލަންޑަނުން ކާމިޔާބު ކުރި ފުރަތަމަ ރަސްމީ މުބާރާތެވެ. އަލީ ވަހީދުގެ ކޯޗުކަމުގެ ދަށުން ސްޕޯޓިން ލަންޑަން ވަނީ މީގެ ކުރިން ޑިސްޓްރިކްޓް ލެވެލްގެ ދެ މުބާރާތެއްގެ ފައިނަލްގައި ކުޅެ ރިހި މެޑަލް ހޯދައިފަ އެވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ އެ މުބާރާތުން ހޯދި ރިހި މެޑަލް ވެސް ހިމެނެ އެވެ.

އަލީ ވަހީދު މުބާރާތުގެ ޗެމްޕިއަން ތަށި ހިފައިގެން، މެޗު ބަލަން ދިޔަ އިނގިރޭސިވިލާތުގައި ދިރިއުޅޭ ބައެއް ދިވެހިންނާ އެކު.-- ފޮޓޯ: ވަގުތު

އަލީ ވަހީދު މުބާރާތުގެ ޗެމްޕިއަން ތަށި ހިފައިގެން، މެޗު ބަލަން ދިޔަ އިނގިރޭސިވިލާތުގައި ދިރިއުޅޭ ބައެއް ދިވެހިންނާ އެކު.-- ފޮޓޯ: ވަގުތު

ސްޕޯޓިން ލަންޑަނުން މި އަހަރުގެ މުބާރާތް ކާމިޔާބު ކުރީ މި ސީޒަނުގައި ވިމްބެލްޑަން އެންޑް ޑިސްޓްރިކްޓް ލީގާއި ކަޕް މުބާރާތުގައި ބަލި ނުވުމުގެ ރެކޯޑަކާ އެކު އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މިއަދާ ހަމައަށް އެ ލީގު ކުޅޭ ޓީމުތަކުގެ ތެރެއިން ބަލި ނުވެ އޮތް ހަމައެކަނި ޓީމަކީ ސްޕޯޓިން ލަންޑަނެވެ.

"ހަމްދު ކުރަން. ހެޔޮދުއާކޮށް، ހިތްވަރު ދެއްވި ހުރިހާ ދިވެހިންނަށް ޝުކުރު އަދާކުރަން. ދިވެހިންނަށް ވާނެ،" ކާމިޔާބީ އަށް ފަހު އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވެ އެވެ.

ޖިންސީ ފުރައްސާރައިގެ ތުހުމަތުގެ ދައުވާ އުފުލާފައި ވަނިކޮށް، އިނގިރޭސި ވިލާތަށް ދިރިއުޅުން ބަދަލު ކޮށްފައިވާ އަލީ ވަހީދަކީ ސިޔާސީ ދާއިރާ އަށް ނުކުތުމުގެ ކުރިން ވެސް ފުޓުބޯޅައާ ގާތް މީހެކެވެ. ކުޅިވަރުގެ އާންމު ނަމުން ނަމަ "ބަލަކް"، ސްކޫލް ދައުރުން ފެށިގެން ފުޓްބޯޅައިގެ ތެރޭގައި އުޅުމަށް ފަހު، ސިޔާސީ ދާއިރާ އަށް ނުކުތުމުގެ ކުރިން ވަނީ ނިއު ރޭޑިއަންޓްގެ މެނޭޖަރެއްގެ ގޮތުގައި ދުވަސްކޮޅަކު މަސައްކަތް ކޮށްފަ އެވެ.

ސިޔާސީ ދާއިރާގައި އުޅެމުން އަލީ ވަހީދު ވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަން އަދާކުރުމުގެ އިތުރުން ނިއު ރޭޑިއަންޓްގެ ޗެއާމަންގެ މަގާމުގައި ކާމިޔާބު ހަތަރު އަހަރުގެ ދައުރެއް ފުރިހަމަ ކޮށްފަ އެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި "ސިޔާސީ ކުށްވެރިއެއް" ގެ ގޮތުގައި އިނގިރޭސި ވިލާތަށް އަމިއްލަ އަށް އަރުވާލެވިގެން ހުރި ދުވަސްވަރު އިނގިރޭސި އެފްއޭގެ ކޯޗިން ލައިސަންސެއް އަލީ ވަހީދު ހޯދި އެވެ. މިހާތަނަށް އޭނާ ވަނީ އިނގިރޭސި ފުޓުބޯޅަ ކޯޗިންގެ ފަސް ލެވެލްގެ ތެރެއިން ދެ ލެވެލް ހާސިލް ކޮށްފަ އެވެ. އޭނާ މިހާރު އަންނަނީ އިނގިރޭސި ވިލާތުން ޔުއެފާ ބީ ލައިސަންސް ހާސިލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.