Roadha Mihaaru
އަލީ ހައްޔަރުކޮށްގެން ގެނައުމުގެ މަސައްކަތް ފަށައިފި

ކޯޓު އަމުރު އިނގިރޭސި ބަހުން ހޯދައި އަލީ ވަހީދު ގެނައުމުގެ މަސައްކަތް ފަށައިފި

27 ޖެނުއަރީ 2022

ޖިންސީ ފުރައްސާރައިގެ ދައުވާ އިން ފިއްލެވުމަށް ރާއްޖެ އިން ބޭރުގައި ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކުރުމުގެ އަމުރުގެ އިނގިރޭސި ތަރުޖަމާއެއް ހޯދައި އޭނާ ރާއްޖެ ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޖިންސީ ފުރައްސާރައިގެ ދައުވާ އިން ފިއްލެވުމަށް ރާއްޖެ އިން ބޭރުގައި ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކުރުމުގެ އަމުރުގެ އިނގިރޭސި ތަރުޖަމާއެއް ހޯދައި އޭނާ ރާއްޖެ ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

މިނިސްޓަރަކަށް ހުންނެވި އިރު އެތަނުގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގައި ގިނަ ދައުވާތަކެއް އަލީގެ މައްޗަށް ވަނީ އުފުލައިފަ އެވެ. މި ދައުވާތަކުގެ ޝަރީއަތް ފެށުމާ އެކު ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓް ދޫކޮށްލީ ބޭސްފަރުވާއަށް ކަމަށް ބުނެ މުއްދަތެއް ނެތް ގޮތަށެވެ.

އޭގެ ފަހުން އޭނާ ރާއްޖެ ވަޑައެއް ނުގަންނަވަ އެވެ. އޭނާގެ މައްޗަށް ކޯޓުގައި ހިނގަމުންދާ ޝަރީއަތަށް ކޯޓަށް ހާޒިރު ނުވެ، ކޯޓުގެ ހުރުމަތް ކަނޑާލާފައި ވާތީ ސުޕްރީމް ކޯޓުން ޖަލު ހުކުމެއް ވެސް ވަނީ އިއްވައިފަ އެވެ.

އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ އަލީ ވަހީދު ހައްޔަރުކޮށްގެން ރާއްޖެ ގެނެވޭނެ މަގެއް ފުލުހުންނަށް މިހާތަނަށް އޮތީ ނުހޯދި އެވެ. އެންމެ ފަހުން ބުނެފައި ވަނީ އަލީ ވަހީދު ނުގެނެވިފައި ވަނީ އިނގިރޭސި ބަހުން އަމުރު ނުދީގެން ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ "މިހާރު" އަށް ވިދާޅުވީ އަލީ ވަހީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ނެރެފައިވާ އަމުރުގެ އިނގިރޭސި ތަރުޖަމާ ލިބުމާ އެކު، އޭނާ ރާއްޖެ އަށް ގެނައުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

އަލީ ވަހީދު ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރުނީ މިދިޔަ އަހަރު ނޮވެމްބަރު 29 ގަ އެވެ.

ބޭސްފަރުވާ އަށް ފޮނުވާލުމުން އިނގިރޭސިވިލާތުގައި ފިއްލަވައިގެން އުޅުއްވާ އަލީ ވަހީދުގެ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު، އޭނާ ހައްޔަރުކޮށްގެން ގެންނަން ފުލުހުންގެ މައްޗަށް އަމުރު ނެރުނީ، ޝަރީއަތަށް ހާޒިނުވާ މައްސަލައިގަ އެވެ.

އަލީ ވަހީދު ކޯޓަށް ހާޒިރުނުވެއްޖެ ނަމަ، ބޭސްފަރުވާ އަށް ފުރުވާލުމުގައި ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ އަށް ފިޔަވަޅު އަޅަން ވެސް ކްރިމިނަލް ކޯޓުން ނިންމި އެވެ. އެކަމަކު، އެ ކަމަށް ދިން މުއްދަތު ހަމަވެގެންދިޔައިރު ވެސް އަދިވެސް، އަސްހަދުއާ މެދު ފިޔަވަޅު އެޅުމުގެ އަޑު އެހުމެއް ނުބާއްވަ އެވެ.

އަލީ ވަހީދުގެ މައްޗަށް ރޭޕްކުރުމުގެ ކުށުގެ ދައުވާ ހިމެނޭ ގޮތުން ޖުމްލަ ހަތް ދައުވާއެއް އުފުލާފައިވެ އެވެ. އޭނާ ވަނީ މި ދައުވާތަކަށް އިންކާރު ކުރައްވައިފަ އެވެ.