Roadha Mihaaru
އުކުޅަހަށް ރާ ވިއްކާކަމުގެ ތުހުމަތާއެކު އިހްތިޖާޖްކުރަނީ

އުކުޅަހަށް ރާ ވިއްކާ ކަމުގެ ތުހުމަތާ އެކު އިހްތިޖާޖުކޮށް، ކައުންސިލަށް ބޮއްކުރައެއް ވައްދައިފި

11 މެއި 2023

އއ. އުކުޅަސް ފަޅުގައި އަޅާފައި އޮތް ސަފާރީއަކުން އެ ރަށަށް ރާ ވިއްކާ ކަމުގެ ތުހުމަތުކޮށް ރޭ ދަންވަރުން ފެށިގެން އިހްތިޖާޖްކޮށް، ކައުންސިލް އިދާރާ ތެރެއަށް މިއަދު ބޮއްކުރައެއް ވައްދައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އއ. އުކުޅަސް ފަޅުގައި އަޅާފައި އޮތް ސަފާރީއަކުން އެ ރަށަށް ރާ ވިއްކާ ކަމުގެ ތުހުމަތުކޮށް ރޭ ދަންވަރުން ފެށިގެން އިހްތިޖާޖްކޮށް، ކައުންސިލް އިދާރާ ތެރެއަށް މިއަދު ބޮއްކުރައެއް ވައްދައިފި އެވެ.

ގެސްޓް ހައުސް ވިޔަފާރި ފުޅާކޮށް ހިންގަމުން އަންނަ އުކުޅަހުގައި ރާ ވިއްކާ ކަމުގެ ތުހުމަތު ބައެއް މީހުން ކުރިން ވެސް ކުރި އެވެ. ކައުންސިލަށް ވެސް އެކަން ހުށަހެޅި އެވެ.

މި ފަހުން މައްސަލަ ގޯސްވީ ސަފާރީއަކުން ރަށަށް ރާ ވިއްކަމުންދާތީ އެކަން ހުއްޓުވައިދޭން އެދުމުން ވެސް ކައުންސިލުން އެކަށީގެންވާ އަޅާލުމެއް ނުލިބުނު ކަމަށް ތުހުމަތުކޮށެވެ. ނުރުހުންފާޅުކުރާ މީހުން ތުހުމަތުކުރާ ގޮތުގައި އެކަން ކުރަނީ ކައުންސިލަށް އެނގި ހުއްދަ ވެސް ލިބިގެންނެވެ.

މި މައްސަލާގައި ގިނަ ބަޔަކު ރޭ ދަންވަރު ކައުންސިލް އިދާރާ ތެރޭގައި އަޑުއުފުލި އެވެ. މައްސަލަ ހައްލުނުކުރަނީސް އެތަނުން ނުނިކުންނާނެ ކަމަށް ބުނުމަށް ފަހު، ހެނދުނު ވަނީ ކައުންސިލް އިދާރާއަށް ބޮއްކުރައެއް ވައްދައިފަ އެވެ. އޭގެތެރޭގައި ފުޅިތަކެއް ބަހައްޓައި ކައުންސިލުން އަމަލުކުރާ ގޮތާ މެދު ހިތްހަމަނުޖެހުން އޮތް ކަމުގެ މެސެޖް ވަނީ ދީފަ އެވެ.

އުކުޅަހު ބަނދަރުގައި ސަފާރީ އެޅުމުގެ ހުއްދަ ކައުންސިލުން ދިނީ، އެނގިފައިވާ ގޮތުގައި، މި މަހުގެ ދެވަނަ ދުވަހެވެ. އެ ހުއްދަދިނީ ސަފާރީ މަރާމާތުކުރަން ބޭނުންވެގެން ކައުންސިލަށް ހުށަހެޅުމުންނެވެ.

އެ ސަފާރީން ރަށަށް ރާ ވިއްކާ ކަމުގެ ތުހުމަތުކުރަން ފެށުމުން، ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހޯމަދުވަހު ފުލުހުން ވަނީ ސަފާރީ ބަލައި ފާސްކޮށްފަ އެވެ. އެކަމަކު މި މައްސަލާގައި ފުލުހުން ވާހަކައެއް ނުދެއްކި އެވެ.

އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް ވެސް ވަނީ މި މައްސަލާގައި ވާހަކަ ދައްކަވަން ދެކޮޅު ހަދައިފަ އެވެ.

އޭނާ ވިދާޅުވީ އުކުޅަހާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުން ދޮގު ހަބަރު ފަތުރާތީ އެއްވެސް ކޮމެންޓެއް ދޭން ބޭނުން ނުވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ރަށުގެ ރައްޔިތުން ކައުންސިލް އިދާރާ ކައިރިއަށް އެއްވެ ދަނީ މުޒާހަރާ ކުރަމުންނެވެ.

އުކުޅަހު ކައުންސިލަށް އެ ރަށު ރައްޔިތުން ވަދެ އިހުތިޖާޖުކުރަނީ: އެ މީހުން ޑިމާންޑްކުރަނީ އެ ސަފާރީ ފަޅުތެރެއިން ނެރުމަށް.

އުކުޅަހު ކައުންސިލަށް އެ ރަށު ރައްޔިތުން ވަދެ އިހުތިޖާޖުކުރަނީ: އެ މީހުން ޑިމާންޑްކުރަނީ އެ ސަފާރީ ފަޅުތެރެއިން ނެރުމަށް.

އެނގިފައިވާ ގޮތުގައި، ފަޅު ތެރެއިން ސަފާރި ނެރުމަށް ރައްޔިތުން އެދެމުންދާތީ ކައުންސިލުން ވަނީ ފުލުހުންގެ އެހީތެރިކަމަށް އެދިފަ އެވެ. ގިނަ އަދަދެއްގެ ޓޫރިސްޓުން އުޅޭ އެ ރަށުގައި އިހްތިޖާޖްކުރަމުންދާތީ ފުލުހުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.