08 މެއި 2023
އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގު 2023 ގެ ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބުން 2-0 އިން ކްލަބް ވެލެންސިއާ ބަލިކޮށްފި އެވެ.
އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގު 2023 ގެ ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބުން 2-0 އިން ކްލަބް ވެލެންސިއާ ބަލިކޮށްފި އެވެ.
ވެލެންސިއާ އިން މި މެޗަށް ނެރުނު ފުރަތަމަ އެގާރައިގައި 14 އަހަރުގެ އީތަން އިބްރާހިމް ޒަކީ އާއި މުހައްމަދު އިލާން އިމްރާން ވަނީ ހިމެނިފަ އެވެ. މިއާ އެކު މި ދެ ކުޅުންތެރިން ވެފައި ވަނީ ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު އެންމެ ޒުވާން ދެ ކުޅުންތެރިންނަށެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި، ޒުވާން ސްކޮޑެއް ހިމެނޭ ވެލެންސިއާގެ ޓީމާ ދެކޮޅަށް ޓީސީ އިން ޖެހި ދެ ގޯލު ވެސް ކާމިޔާބު ކޮށްފައި ވަނީ ފުރަތަމަ ހާފުގެ ތެރޭގަ އެވެ.
ޓީސީގެ ފުރަތަމަ ގޯލަކީ 16 ވަނަ މިނިޓުގައި އަބްދުލް ވާހިދު އިބްރާހިމް (ވާޑު) ނަގައިދިން ހުރަހެއް ބޮލުން ޖަހައި މުހައްމަދު މުސްލިހު (މުއްޓި) ކާމިޔާބު ކޮށްދިން ގޯލެކެވެ. އަދި 29 ވަނަ މިނިޓުގައި ދެވަނަ ގޯލު ޖަހައިދިނީ އަހުމަދު މައިޝް ރަޝީދެވެ. އޭނާ މި ގޯލު ޖެހީ އީރާސް އަހުމަދު އީރާސް ފޮނުވާލި ބޯޅަ ގޯލު ހުރަސްވެގެން ދިޔަވަގުތި އެއްފަހަރުން ޖަހައި ކީޕަރު އާދަމް އިމްއާން އަތުގައި ޖައްސައިފަ އެވެ.
ޓީސީ އަށް ލީޑު ނަގައިދިން ގޯލު ޖެހި މުއްޓި، ވެލެންސިއާގެ ޑިފެންޑަރު އެންޑީ ކައިރިން ނައްޓަން މަސައްކަތް ކުރަނީ..-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ޓީސީ އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ލީޑުގައި އޮތް ނަމަވެސް މި ހާފުގައި ވެލެންސިއާ އިން ވަނީ ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް ހޯދައިފަ އެވެ. އެގޮތުން މެޗުގައި ފުރަތަމަ ފުރުސަތު ލިބުނީ ވެސް ވެލެންސިއާ އަށެވެ. އިލާން އަށށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވި އެވެ. މި ހާފުގައި އަބްދުﷲ ޔާމީން (ޔާނު) ދުރުން ފޮނުވާލި ހަމަލާތައް ގޯލާ އަމާޒު ނުވެ ދިޔައިރު، އީތަން އިބްރާހިމް ޒަކީ އަށް ވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ.
ޔާނު ދިން ބޯޅައެއް ހިފައިގެން އީތަން އޭރިއާ ތެރެއަށް ވަން ވަގުތު ކީޕަރު ސުޖަން ޕެރޭރާ ވަނީ ކުރިއަށް އަރައި ބޯޅަ ދިފާއު ކޮށްފަ އެވެ. އަދި ވެލެންސިއާގެ ކެޕްޓަން ހަސަން ސުފިއާން (ސޫފި) މަތިން ދިން ބޯޅައަށް އީތަން ހުސްކޮށް ކުރިއަށް އެރި ނަމަވެސް އޭނާއަށް ބޯޅަ ކޮންޓްރޯލެއް ނުކުރެވުނެވެ. ކައުންޓާ އެޓޭކްތަކުގައި އީތަންގެ އިތުރުން ވާތްފަރާތު އަރިމަތިން ކުޅޭ މުހައްމަދު އައިހަމް އަންވަރު ވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ހޯދަން މަސައްކަތް ކޮށްފަ އެވެ.
ދެވަނަ ހާފުގައި ވެސް ވެލެންސިއާގެ ޒުވާން ޓީމުން ވަނީ ޓީސީގެ ޑިފެންސަށް ނުރައްކާ ކޮށްފަ އެވެ. އީތަން ގެ ހަމަލާއެއް ޑިފެންޑަރު އަހުމަދު މައީޝް މުހައްމަދު ދިފާއުކޮށް ކޯނަރަކަށް ބޯޅަ ބޭރު ކޮށްލިއިރު އަހުމަދު ޒަހާޏް ނަޒީރު ދުރުން ފޮނުވާލި ބޯޅަ ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.
ވެލެންސިއާގެ ފަހަތަށް ކުޅޭ ޒުވާން ކުޅުންތެރިން ކަމަށްވާ މުހައްމަދު އައިހަމް އިބްރާހިމް އާއި ޒާދް މުހައްމަދު ހާލިދު ވެސް ވަނީ އެޓީމުގެ ފަހަތަށް ކުޅޭ ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ އަމްދާން އަލީ (އެންޑީ) އާއި އަހުމަދު ސިޒާން (ސިއްޕެ) އާއެކު ޓީސީގެ ގިނަ އެޓޭކްތަކެއް ހުއްޓުވަން ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ވެލެންސިއާގެ ޔާނު އަށް އެޓީމަށް ސުން ކަނޑުވާލަން ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލު މަތިން ބޭރަށެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނި ކްލަބް އީގަލްސް އާއި ބުރު ސްޕޯޓްސް ކްލަބެވެ.
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ
ވެލެންސިއާ އާއީ ޓީސީގެ ހާލަތު ބަދަލެއް ނުވި
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ދިވެހި ލީގުގެ ދޮރު ދިވެހި ކޯޗުންނަށް ބަންދުވެފައި
މެޗު އެއްވަރުކޮށް ތިންވަނަ މަގާމުގައި ޓީސީ އަށް ލީޑެއް
ޓީސީ މޮޅުވާން ވެލެންސިއާ ފުރުސަތެއް ނުދިން
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
ޑަކްސަންގެ މަރަށްފަހު ކުޅުނުމެޗުން ވެލެންސިއާއަށް މޮޅެއް