Roadha Mihaaru
ޑަކްސަންގެ މަރަށްފަހު ކުޅުނުމެޗުން ވެލެންސިއާއަށް މޮޅެއް

ޑަކްސަންގެ މަރަށްފަހު ކުޅުނު މެޗުން މޮޅެވެ ވެލެންސިއާ އަށް ހަމަޖެހުމެއް

04 މާޗް 2022

ކްލަބް ވެލެންސިއާ އަށް ކުޅެމުން ދިޔަ ލަންކާގެ ގައުމީ ޓީމުގެ ޑިފެންޑަރު ޑަކްސަން މިދިޔަ ހަފުތާގައި މަރުވިފަހުން، އެޓީމު ކުޅުނު ފުރަތަމަ މެޗުގައި މިއަދު ޓީސީ ސްޕޯޓްސްގެ މައްޗަށް 1-0 ން ކާމިޔާބު ހޯދައިފި އެވެ.

ކްލަބް ވެލެންސިއާ އަށް ކުޅެމުން ދިޔަ ލަންކާގެ ގައުމީ ޓީމުގެ ޑިފެންޑަރު ޑަކްސަން މިދިޔަ ހަފުތާގައި މަރުވިފަހުން، އެޓީމު ކުޅުނު ފުރަތަމަ މެޗުގައި މިއަދު ޓީސީ ސްޕޯޓްސްގެ މައްޗަށް 1-0 ން ކާމިޔާބު ހޯދައިފި އެވެ.

މާލޭގައި ޑަކްސަން ދިރިއުޅުނު އެޕާޓްމެންޓްގައި އޭނާ މަރުވެފައި ހުއްޓައި ފެނުނީ، މިދިޔަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ. އެދުވަހު ހަވީރު ދަ ގްރާންޑޭއާ ދެކޮޅަށް ވެލެންސިއާ ކުޅުނު މެޗުގައި ޑަކްސަން އަށް ފުރުސަތު ދީފައި ނުވަނީ އޭރު އޭނާ އަނިޔާގައި ހުރުމުންނެވެ.

އޭރު ވެލެންސިއާގެ ކޯޗިން ޓީމުން ވިސްނައިގެން ތިބީ މިއަދު ކުޅޭ މެޗަށް ޑަކްސަން ފިޓް ކުރުމަށެވެ. އެކަމަކު އޭނާގެ ކުއްލި މަރުވީ، ވެލެންސިއާގެ މުޅި ޓީމަށް ލިބުނު ބޮޑު ޝޮކަކަށެވެ. އޭގެ އިތުރުން އަނިޔާގެ މައްސަލަތައް ވެސް ވެލެންސިއާގައި ގިނަ އެވެ. ޕްރެޒިޑެންޓްސް ކަޕް ފައިނަލްގައި ލިބުނު އަނިޔާއިން ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ރިކަވާ ނުވެ އެވެ. ފޯވާޑް އަބްދުﷲ މިދުހަތު ފަހްމީ (ބިޗަޑް) އާއި އިސްމާއީލް އީސާ ހުރީ އަނިޔާގަ އެވެ. މިޑްފީލްޑަރު އަސްހަދު އަލީ ގެންދަނީ 15 ދުވަހުގެ ޖަލުގެ އަދަބެއް ތަންފީޒު ކުރަމުންނެވެ. ޒުވާން ފޯވާޑް އިސްމާއީލް ޒާން ވެސް ހުރީ އުމްރާ އަށް ގޮހެވެ.

މުހިންމު ކުޅުންތެރިން ޓީމުން ބާކީ ވެފައިވާ ވަގުތުގައި ވެސް ވެލެންސިއާގެ ޓީމު ލީޑް ކުރުމުގައި ސްޕެއިންގެ ފޯވާޑް ބޯހަސް މާޓީންގެ ދައުރު ބޮޑެވެ. ސެންޓޭގެ ބަދަލުގައި ޓީމުގެ ކެޕްޓަންކަން ވެސް ކުރަމުން ދަނީ އޭނާ އެވެ.

ޓީސީން އުފެއްދި ހަމަލާއެއް ދިފާއު ކުރަން ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް މަސައްކަތް ކުރަނީ: ވެލެންސިއާ މެޗު ކާމިޔާބު ކުރީ 1-0 ން --- ފޮޓޯ: އެފްއޭއެމް

ޓީސީން އުފެއްދި ހަމަލާއެއް ދިފާއު ކުރަން ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް މަސައްކަތް ކުރަނީ: ވެލެންސިއާ މެޗު ކާމިޔާބު ކުރީ 1-0 ން --- ފޮޓޯ: އެފްއޭއެމް

މިއަދުގެ މެޗުގައި ވެލެންސިއާ މޮޅުކޮށްދިން ލަނޑު ވެސް ޖެހީ ބޯހަސް އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 14 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީންނެވެ. އެޕެނަލްޓީ އަކީ ޓީސީގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެޓީމުގެ އަހްމަދު މާއިޝް ރަޝީދު، ވެލެންސިއާގެ އަބްދުﷲ ޔާމީން (ޔާން) އަށް ކުރި ފައުލާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ. ޔާން ބޯޅަ ހިފައިގެން ދާން އުޅުމުން އޭޏާ އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި މާއިޝް އަށް ޔާންގެ ފައިގައި ދަތި އެޅުވުނީ އެވެ.

ބޯހަސް ޕެނަލްޓީ ވައްދާލީ ޓީސީގެ ކީޕަރު ސުޖަން ޕެރޭރާ ޑައިވް ކުރި ފަޅި އަށެވެ. ނަމަވެސް ސުޖަން އަތުގައި އެބޯޅައެއް ނުޖެހުނެވެ.

ވެލެންސިއާ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ އެޓީމުން ވަނީ ނުވަ ޕޮއިންޓް ހޯދައިފަ އެވެ. އެޓީމު ބަލިިވީ ކްލަބް ގްރީން ސްޓްރީޓްސް އަތުންނެވެ.