Roadha Mihaaru
މަކަރު ހަދައި ލަނޑު ދިނަސް ކޮންޓްރެކްޓަރަށް ހިމާޔަތް!

މަކަރު ހަދައި ލަނޑު ދިނަސް ކޮންޓްރެކްޓަރަށް ހިމާޔަތް!

08 މެއި 2023

މީގެ އަހަރުތަކެއް ކުރިން ސީލައިފް ކުންފުނިން ހުޅުމާލޭގައި ފްލެޓް އެޅުމުގެ ނަމުގައި އާންމުންގެ އަތުން އެތައް މިލިއަން ރުފިޔާއެއް ނެގި އެވެ. ޕްރޮޖެކްޓް ފަށައި ވެސް ނުގަނެވި އެކަން ނިމި ދިޔައީ އެންމެ ފަހުން ޕްރޮޖެކްޓް ހަވާލުކުރި އެޗްޑީސީން ޒިންމާ ނަގައި، ލަނޑު ލިބުނު އާންމުންނަށް ގޮތެއް ހޯދައިދޭން އެއްބަސްވެގެންނެވެ. އެ ޕްރޮޖެކްޓުގެ މައްސަލަގަނޑުގެ ކޮޅެއް މެދެއް އަދިވެސް ސާފު ނުވެ އޮއްވައި އަމިއްލަ އެހެން ބައެއް ކުންފުނިތަކުން ހުޅުމާލޭގައި ހިންގާ ހައުސިން ޕްރޮޖެކްޓްތަކާ މެދު ހަމަ މި ތުހުމަތު ދިޔައީ ކުރަމުންނެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މީގެ އަހަރުތަކެއް ކުރިން ސީލައިފް ކުންފުނިން ހުޅުމާލޭގައި ފްލެޓް އެޅުމުގެ ނަމުގައި އާންމުންގެ އަތުން އެތައް މިލިއަން ރުފިޔާއެއް ނެގި އެވެ. ޕްރޮޖެކްޓް ފަށައި ވެސް ނުގަނެވި އެކަން ނިމި ދިޔައީ އެންމެ ފަހުން ޕްރޮޖެކްޓް ހަވާލުކުރި އެޗްޑީސީން ޒިންމާ ނަގައި، ލަނޑު ލިބުނު އާންމުންނަށް ގޮތެއް ހޯދައިދޭން އެއްބަސްވެގެންނެވެ. އެ ޕްރޮޖެކްޓުގެ މައްސަލަގަނޑުގެ ކޮޅެއް މެދެއް އަދިވެސް ސާފު ނުވެ އޮއްވައި އަމިއްލަ އެހެން ބައެއް ކުންފުނިތަކުން ހުޅުމާލޭގައި ހިންގާ ހައުސިން ޕްރޮޖެކްޓްތަކާ މެދު ހަމަ މި ތުހުމަތު ދިޔައީ ކުރަމުންނެވެ.

މަސައްކަތް ނިމޭނެއިރެއް ނޭނގުނަސް ކަސްޓަމަރުން އަތުން ފައިސާ ނަގައި ނިންމައި އެ މީހުންގެ ބޮލުގައި މިލިއަނުގެ ލޯނުތައް އެޅި ދަރަނިވެރި ކޮށްފައި އެޗްޑީސީން ކޮންޓްރެކްޓަރުންގެ ހައްގު އިސްކޮށް އެ މީހުންނަށް މުއްދަތު އިތުރުކޮށްދެމުން ގެންދެ އެވެ. އެކަން ތަކުރާރުކޮށް ހިނގަމުން ދަނިކޮށް، މިހާރު ފެންމަތިވެގެން މި އުޅެނީ ކޭ-ޕާކް ރެސިޑެންސް މަޝްރޫއުގެ ޝަކުވާތަކާއި ބޮޑެތި ތުހުމަތުތަކެވެ.

ކޭޕާކް ރެސިޑެންސްގައި ހަދަމުން އަންނަ އެޕާޓްމަންޓެއްގެ އެތެރެ. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު

ކޭޕާކް ރެސިޑެންސްގައި ހަދަމުން އަންނަ އެޕާޓްމަންޓެއްގެ އެތެރެ. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު

ކޭޕާކް މަޝްރޫއަށް ހަތް އަހަރުވީ އިރު ވެސް ތަން ނުނިމި އޮއްވައި މި ފެންމަތިވީ އެތަނުގައި 110 އެޕާޓްމަންޓް ހުއްޓަސް އެ އަށް ވުރެ މާ ގިނައިން މީހުންނަށް ފްލެޓް ވިއްކައި އަދި ސައްހަ ނޫން އެތައް މުއާމަލާތެއް ހިންގާފައިވާ ކަމުގެ ނުރައްކާ ތުހުމަތެވެ.

ކޮރެއާ ކުންފުންޏެއް ކަމަށްވާ ހަންބޯ ޓެކްއާ އެކު އެޗްޑީސީން އެ ޕްރޮޖެކްޓް ހިންގަން ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް ޕްރޮޖެކްޓް ހިންގަމުން އައީ ހަންބޯ ކޮމްޕެނީ ނަމުގައި ޗައިނާ މީހެއްގެ 95 ޕަސެންޓް ހިއްސާ އާއި ރާއްޖޭން ހަސަން މަމްދޫހް (މަންޑޭ) އަށް ފަސް ޕަސެންޓް ހިއްސާއާ އެކު ހެދި ކުންފުންޏަކަށް ކޮރެއާ ކުންފުނީގެ އެޖެންޓުކަން ދީގެންނެވެ. މިއީ މިކަން ކުރެވޭނެ ގޮތްތޯ ވެސް ގާނޫނީ ގޮތުން ސުވާލުތައް އެބަހުއްޓެވެ. ލޯކަލް އެޖެންޓުކަން ދިން ކުންފުނީގެ 95 ޕަސެންޓް ހިއްސާވާ މީހާ އަކީ ކޮންޓްރެކްޓަރެވެ.

ކުންފުނިން ފްލެޓް އެޅި އަދަދަށް ވުރެ އެތައް ގުނައެއް އިތުރަށް ވިއްކައި، އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ނެގި ބޮޑު ސްކޭމެއް ހިންގިއިރު މި ފަހަރު ވެސް އެޗްޑީސީ އަށް ރޭކާލާނެ ގޮތެއް ނުވި އެވެ! ތުހުމަތު ކުރަމުން ދިޔައިރު ވެސް އެނގޭ ކަމަކަށް ނުވި އެވެ. ބެލޭނެ ގޮތެއް ނޯންނަ ކަމަށް އެ ކުންފުނިން ދައްކާ ބަހަނާ މަތީގައި ބަލަހައްޓައިގެން ތިބީ އެވެ.

ލަނޑު ލިބުނު މި މީހުންގެ ހައްގު ހޯދައިދޭން އަނެއްކާވެސް ދައުލަތަށް މަޖުބޫރުވީ އެވެ. ސީލައިފުގެ އޮޅުވާލުމާއި މަކަރު ހެދުމަކީ އެޗްޑީސީން މާލީ ބުރަ އުފުލަން ޖެހުނު ޒިންމާއެއް ކަމުގައި ދެކުނު ގޮތަށް، ކޭޕާކުން ލަނޑުދިން އެންމެންނަށް ވެސް އެހެން ބަައަކަށް ލިބެން އޮތް ހައްގުގެ ތެރެއިން ފްލެޓް ދިނުން ނޫން ހައްލެއް އެޗްޑީސީއަށް މިފަހަރު ދައްކާނެ ހެއްޔެވެ؟

ލަނޑުދިން ކުންފުނި ސަލާމަތްވާން، އެޗްޑީސީ އަށް ތުހުމަތު އިނގިލި ދިއްކުރަން އެތައް ބަހަނާއެއް އޮންނާނީ ހޯދައިފަ އެވެ.

ގާބިލް ނޫން ކުންފުނިތަކަށް ބޮޑެތި ޕްރޮޖެކްޓްތައް

ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން މިހާތަނަށް ޕްރޮޖެކްޓްތައް ހިންގަމުން އައީ، ޕްރޮޖެކްޓަށް ބޭނުންވާ ގާތްގަނޑަކަށް 90 ޕަސެންޓް ފައިސާ، ފްލެޓް ގަންނަ މީހުންގެ އަތުން ހޯދައިގެންނެވެ. އެ ފައިސާ ގިނަ ފަހަރަށް ހޯދާފައި ވެސް ހުރީ، ޕްރޮޖެކްޓް ފެށުމުގެ މާކުރިންނެވެ.

މިސާލަކަށް 500 މިލިއަން ރުފިޔާ ހޭދަކުރާ ޕްރޮޖެކްޓެއް އެބަދޭ އަތުގައި 10 މިލިއަން ރުފިޔާ ވެސް ނުހުންނަށް ޕާޓީތަކަށް. މިއީ ދުނިޔޭގެ އެއްވެސް ތަނެއްގައި ކަންކުރާ އުސޫލެއް ނޫން. ޕްރޮޖެކްޓް ފަށާއިރު ކުންފުނީގައި ނުވަތަ ބޭންކް ލޯނު މެދުވެރިކޮށް އެ ޕްރޮޖެކްޓްގެ އަދަދަށް ފައިސާ ހުންނަން ޖެހޭނެ. -- ޖަނާ

މި އުސޫލަށް އާބަންކޯ އިން ބަދަލު ގެނައީ ސީލައިފް މައްސަލައިގެ ފަހުންނެވެ. މިހާރު ހުޅުމާލޭގައި ރިއަލް އެސްޓޭޓް ޕްރޮޖެކްޓެއް ހިންގާ ނަމަ، އާންމުންނަށް ފްލެޓް ވިއްކަން ފެށޭނީ ޕްރޮޖެކްޓްގެ 20 ޕަސެންޓް ނިންމުމަށް ފަހު އެވެ. އެކަމަކު މިއީ ހަމައެކަނި ލިޔެކިޔުމުގައި އޮންނަ ގޮތެވެ. ތަނުގެ ބިންގާ ވެސް ނާޅަނީސް ފައިސާ ނަގައި ނިންމާލާކަން އެއީ އެންމެންނަށް އެނގޭ ކަމެކެވެ. މިހެން އެޑްވާންސްކޮށް ފައިސާ ދިނުމުން ނޫނީ ތަން ގަންނަން ނުލިބޭތީ، ކިތަންބޮޑު ރިސްކެއް ނަގާފައި ވެސް އާންމުން ވެސް ފައިސާ ދެނީ ޕްރޮޖެކްޓް ހިންގާ ފަރާތަށް ދީފައި އޮންނަ ބާރުތަކާ ހެދި އެ ނޫން ގޮތެއް ނެތީމަ އެވެ. މިކަން ހުއްޓުވަން، އާބަންކޯ މެދުވެރިގެން ނޫނީ ފައިސާގެ ކަންކަން ނުކުރެވޭނެ ގޮތެއް ހެދުމަކީ ހައްލު ކަމަށް ގިނަ ބަޔަކު ބުންޏަސް އެކަން ވެސް އޮތީ ނުވެ އެވެ.

ހަންބޯ ކުންފުނިން ހުޅުމާލޭގައި ހަދަމުން އަންނަ ކޭޕާކް އެޕާޓްމަންޓެއްގެ ބެލްކަނީ: ކޭޕާކްގެ މައްސަލާގައި މަންޑޭއަށް ވައްކަމުގެ ތުހުމަތުކޮށް ޖިނައީ ތަހުގީގުކުރަން މައި ހިއްސާދާރު ޕޮލިހަށް ވަނީ ހުށަހަޅައިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހަންބޯ ކުންފުނިން ހުޅުމާލޭގައި ހަދަމުން އަންނަ ކޭޕާކް އެޕާޓްމަންޓެއްގެ ބެލްކަނީ: ކޭޕާކްގެ މައްސަލާގައި މަންޑޭއަށް ވައްކަމުގެ ތުހުމަތުކޮށް ޖިނައީ ތަހުގީގުކުރަން މައި ހިއްސާދާރު ޕޮލިހަށް ވަނީ ހުށަހަޅައިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިހެން ގަނޑުކޮށް ފައިސާ ނަގައިގެން ނޫނީ ޕްރޮޖެކްޓް ހިންގަން ދަތީ ކަމަށް ބުނެ ކޮންޓްރެކްޓަރުން ބުނާ ބުނުމަށް އެކަން ދޫކޮށްލާފައި އޮންނަނީ އެވެ.

ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގެ ތަޖުރިބާކަރު މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު ވިދާޅުވީ، ރާއްޖޭގައި މިފަދަ މައްސަލަތައް ޖެހޭ އެންމެ ބޮޑު އެއް ސަބަކަކީ ގާބިލް ނޫން ކުންފުނިތަކަށް މަސައްކަތް ހަވާލު ކުރުން ކަމަށެވެ.

"މިސާލަކަށް 500 މިލިއަން ރުފިޔާ ހޭދަކުރާ ޕްރޮޖެކްޓެއް އެބަދޭ އަތުގައި 10 މިލިއަން ރުފިޔާ ވެސް ނުހުންނަށް ޕާޓީތަކަށް. މިއީ ދުނިޔޭގެ އެއްވެސް ތަނެއްގައި ކަންކުރާ އުސޫލެއް ނޫން. ޕްރޮޖެކްޓް ފަށާއިރު ކުންފުނީގައި ނުވަތަ ބޭންކް ލޯނު މެދުވެރިކޮށް އެ ޕްރޮޖެކްޓްގެ އަދަދަށް ފައިސާ ހުންނަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

ޖަނާ ވިދާޅުވީ ބޮޑެތި އޮޅުވާލުންތައް ހުއްޓުވަން މިކަމަށް އިދާރާތަކުން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށެވެ. އާ ކުންފުނިތަކަށް ވެސް ޕްރޮޖެކްޓް ހަވާލު ކުރާ އިރު، އެކުންފުނީގެ ހާލަތު ވަޒަންކޮށް ބެލޭނެ ވަރަށް ހަރުދަނާ ނިޒާމެއް އޮންނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ޖަނާ ވިދާޅުވީ ފްލެޓް ވިއްކާއިރު، އޮންލައިން ސިސްޓަމެއް މެދުވެރިކޮށް، ނުވަތަ ކިއުއާރް ކޯޑަކުން ސްކޭން ކޮށްގެން ވެސް އެ މަޝްރޫއަކުން ވިއްކާފައި ހުންނަ ފްލެޓްތަކުގެ ތަފްސީލު އާންމުންނަށް ބަލައިލެވޭ ގޮތަށް ބައެއް ގައުމުތަކުގައި ހުންނަ ކަމަށެވެ. އޭނާ ވިދާޅުވީ، ފްލެޓް ވިއްކާ އިރު، ވަކި ޕްލެޓްފޯމެއް މެދުވެރިކޮށް، އެމީހަކު ގަންނަ ފްލެޓްތަކުގެ ތަފްސީލު އެނގޭނެ ފަދަ ގަވައިދުތަކެއް އެކުލަވާލަން ޖެހޭ ކަމަށެވެ.

ހަރުދަނާ އުސޫލެއް ނެތް، ފިޔަވަޅެއް ނޭޅޭ

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ރިއަލް އެސްޓޭޓް ވިޔަފާރިކުރާ ކުންފުންޏެއްގެ ވެރިޔަކު ވިދާޅުވީ ދިމާވަމުން މިދާ މައްސަލަތާ މެދު އާބަންކޯ އިން ފިޔަވަޅުތައް އެޅުން މާ ލަހީ ކަމަށެވެ. އޭނާ ވިދާޅުވީ، ޕްރޮޖެކްޓްތަކަށް ދިހަ ވަރަކަށް އަހަރު ވެގެންދާ އިރު ވެސް އެކަށީގެންވާ ރަނގަޅު ސަބަބެއް ނެތި، އަދި ހަމަޖެހޭ އުސޫލެއް ނެތި މުއްދަތު އިތުރު ކޮށްލަކޮށްލާ ތިބުމަކީ، ޕްރޮޖެކްޓް އެވޯޑުކުރާ ފަރާތުން ކޮށްގެންވާނެ ކަމެއް ނޫން ކަަމަށެވެ.

އާބަންކޯގެ މައި އޮފީސް: ހައުސިން މަޝްރޫއުތަކުގައި ޖެހޭ މައްސަލަތައް ހައްލުކުރަން ފިޔަވަޅުތައް ހަރުދަނާކުރަންޖެހޭ. -- ފޮޓޯ މިހާރު

އާބަންކޯގެ މައި އޮފީސް: ހައުސިން މަޝްރޫއުތަކުގައި ޖެހޭ މައްސަލަތައް ހައްލުކުރަން ފިޔަވަޅުތައް ހަރުދަނާކުރަންޖެހޭ. -- ފޮޓޯ މިހާރު

"މުއްދަތު އިތުރުކުރުން އާންމު ކަމަކަށް ވެއްޖެ. އެފަދަ އާދަތަކަށް ހަރުކުރުން ހުއްޓާލަން އެބަ ޖެހޭ. މިހާރު މިފަދަ ކަންކަން ވެސް މާ ފަސޭހައިން ކުރެވެނީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަދަ ހީލަތްތެރި އޮޅުވާލުންތައް މަދުކުރަން، ރިއަލް އެސްޓޭޓް ޕްރޮޖެކްޓް ހިންގުމާ ގުޅޭ ގަވައިދުތައް ހަރުކަށި ކުރަން ޖެހޭ ކަމަށެވެ.

ރިއަލްއެސްޓޭޓް ކުންފުންޏެއްގެ ވެރިޔަކު ވިދާޅުވީ މިފަދަ ޕްރޮޖެކްޓްތައް ހިންގާއިރު ސަރުކާރުގެ ކުންފުނިތަކުގެ އިސް މީހުންނާ ގުޅުވައިގެން ދައްކާ ކޮރަޕްޝަންގެ ވާހަކަތަކަށް ވެސް އަޅާނުލައި ތިބެގެން ނުވާނެ ކަމަށާއި ކަންކަން މިހާ ހިސާބަށް މި ދަނީ އެ ތުހުމަތުތަކުގައި ހަގީގަތްތަކެއް އެކުލެވޭތީ ކަމަށް ބަލަންޖެހޭ ކަމަށެވެ.

"މިސާލަކަށް ބޯޑު މެންބަރުންނަށް ނޫނީ، ޓޮޕް މެނޭޖްމެންޓުގެ މީހުންނަށް، ދެތިން ލައްކަ ނޫނީ، މިލިއަނުން ރުފިޔާ ދެންޏާ، ބޭނުން ކޮންމެ ކަމެއް ވެސް ވާނޭ މީހުން ބުނޭ. ޕްރޮޖެކްޓްގެ މުއްދަތު ވެސް ހަމަ އިތުރު ކުރަންވީ. އެ ހެޔޮ އެގްރީމެންޓާ ހިލާފަށް އެތައް ކަމެއް ހިންގިއަސް،" އޭނާ ވިދާޅުވި އެވެ.

މައްސަލަ ޖެހިގެން އުޅޭ ކޭޕާކް ރެސިޑެންސްގެ މަސައްކަތެއް ކުރަނީ: މި މަޝްރޫއު ފެށި ހިސާބުން ވެސް ސުވާލު އުފެދޭ އެތައް ކަމެއް ހިނގާފައިވޭ. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު

މައްސަލަ ޖެހިގެން އުޅޭ ކޭޕާކް ރެސިޑެންސްގެ މަސައްކަތެއް ކުރަނީ: މި މަޝްރޫއު ފެށި ހިސާބުން ވެސް ސުވާލު އުފެދޭ އެތައް ކަމެއް ހިނގާފައިވޭ. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު

އޭނާ ވިދާޅުވީ މިހެން ތުހުމަތު ނުކުރެވޭ ވަރަށް އިތުބާރު ހޯދުމަށް އުސޫލުތައް ބަދަލުކޮށް ހަރުދަނާކުރަންޖެހޭ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން އާބަންކޯއާ ސުވާލު ކުރުމުން ޖަވާބެއް ނުލިބުނެވެ.

އެކަމަކު ކޭޕާކްގެ އޮޅުވާލުން ފަޅާއެރުމުގެ ކުރިން، އަމިއްލަ ފަރާތްތަކުން އަޅާ ފްލެޓްތަކާ ގުޅޭ ގޮތުން މިދިޔަ މާޗް މަހު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު ވިދާޅުވީ، އެ ކުންފުނިން އަބަދުވެސް ބަލަނީ ހަވާލުކުރާ ޕްރޮޖެކްޓްތައް ލަސްނުވެ ކުރިއަށް ގެންދާނެ މަގުތައް ހޯދަން ކަމަށެވެ. ވޭތުވެދިޔަ ދުވަސްތަކުގައި އެ ކުންފުނިން ޑިވަލޮޕަރުންގެ ފައިނޭންސްގައި ހިންގަން ހަވާލުކުރި ގިނަ ރިއަލް އެސްޓޭޓު ޕްރޮޖެކްޓްތައް ކާމިޔާބު ކަމަށާއި މައްސަލަ ޖެހުނީ މަދު ޕްރޮޖެކްޓްތަކެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އާތިފު ވިދާޅުވި ގޮތުގައި މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ނުގެންދާ، ބައެއް ފަރާތްތަކާ އެކު ހެދުނު އެއްބަސްވުންތައް މީގެ ކުރިން ބާތިލު ކޮށްފައިވާނެ އެވެ. ނަމަވެސް މަސައްކަތް ފަށާފައިވާ ޕާޓީތަކާ އެކު ހަދާފައިވާ އެގްރީމަންޓް ބާތިލުކޮށްފި ނަމަ، ހުރިހާ ފަރާތްތަކަށް ވެސް އޭގެ ގެއްލުން ކުރިމަތިވާނެ ކަމަށެވެ.

އެހެންވެ، އެފަދަ ފަރާތްތަކާ އެކު މަސައްކަތް ކުރަނީ، ޕްރޮޖެކްޓް އަވަސް ވާނެ ހައްލުތަކެއް ހޯދަން ކަމަށް އޭނާ ވިދާޅުވި އެވެ.

އާތިފު ވިދާޅުވީ، އޭރު އެންމެ ބޮޑަށް ލަސްވެފައިވަނީ ކޭ-ޕާކާއި ޖައުޒާ ޕްރޮޖެކްޓް ކަމަށާއި އެހެން ނަމަވެސް އޭގެ މަސައްކަތް ވެސް ނުހުއްޓި އެބަ ކުރިއަށްދާ ކަމަށެވެ.

"ކޭޕާކުގަ ވެސް މިހާރު 80 ޕަސެންޓު މަސައްކަތް ނިމިފައި. ފިނިޝިން މަސައްކަތް ކުރަމުން ދަނީ. އެފަރާތަށް މަސައްކަތް ކުރާ ފަރާތްތަކަށް [ލޭބަރުން] ގެނައުމުގަ ދަތިތަކެއް ހުރީ. އެ ޑިލޭގައި އެތަނުން ފްލެޓް ގަނެފަ ހުރި ފަރާތްތަކަށް ކޭޕާކާއި އެކު ހެދުނު އެގްރީމެންޓްގެ ދަށުން ބަދަލު ހޯދުމުގެ ރައިޓު އޮންނާނެ،" އޭނާ ވިދާޅުވި އެވެ.

ކޭޕާކް ޕްރޮޖެކްޓް ހަވާލުކުރި ހިސާބުން ވެސް ސުވާލު އުފެދޭ އެތައް ކަމެއް ހިނގަމުން އައިސް މިހާރު މި އޮތީ ސީލައިފް މައްސަލަ ގޮތަށް، މި ސްކޭމްގައި ލަނޑު ލިބުނު މީހުންނަށް ގޮތެއް ހޯދައިދޭންޖެހޭ ވާހަކަ ފެށިފަ އެވެ.

އަނެއްކާވެސް ސަރުކާރުން މިކަމާ ހަވާލުވެ ކޮންޓްރެކްޓަރު ހިމާޔަތްކޮށްފައި ނިންމާލާނީ ހެއްޔެވެ؟