Roadha Mihaaru
ޕްރިންސް ހެރީ ބައިވެރިކުރީ ނަމެއްގައި

ޕްރިންސް ހެރީ ބައިވެރިކުރީ ނަމެއްގައި

07 މެއި 2023

އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް ތިނެއް، ރަސްކަމުގެ ތަޚުތުގައި ރަސްމީކޮށް ވެޑުވުމަށް އިއްޔެ ލަންޑަންގައި ބޭއްވި ރަސްމިއްޔާތުގައި، ޗާލްސްގެ ހަގު ދަރިކަލުން ޕްރިންސް ހެރީ ބައިވެރި ކުރި ގޮތުން، އިނގިރޭސި ޝާހީ އާއިލާއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް ތިނެއް، ރަސްކަމުގެ ތަޚުތުގައި ރަސްމީކޮށް ވެޑުވުމަށް އިއްޔެ ލަންޑަންގައި ބޭއްވި ރަސްމިއްޔާތުގައި، ޗާލްސްގެ ހަގު ދަރިކަލުން ޕްރިންސް ހެރީ ބައިވެރި ކުރި ގޮތުން، އިނގިރޭސި ޝާހީ އާއިލާއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

މި ކަމުގައި އެންމެ ބޮޑަށް ފާޑިޔުން އަމާޒުކުރި އެއް ބަޔަކީ، އިނގިރޭސި ވިލާތުގައި ރަސްކަމެއް އޮތުމާ ދެކޮޅަށް އަޑު އުފުލަމުން އަންނަ އެ ގައުމުގެ ޒުވާނުންނެވެ. އެމީހުން ބުނާ ގޮތުގައި، ޕްރިންސް ހެރީއާ މެދު ރަސްގެފާނު ޗާލްސް އަމަލުކުރެއްވި ގޮތުންވެސް، ރަސްކަމުގެ ދަރުބާރުގެ ތެރޭގައި މީހުންގެ މެދުގައި ތަފާތުކުރުން އޮންނަ މިންވަރާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ދެކޮޅު މިންވަރު ހާމަވެ އެވެ.

އެންމެ ފުރަތަމަ ކަމަކީ، ބައްޕާފުޅު ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ހެރީ އަށް ދައުވަތު ދެއްވި އިރު، އޭނާގެ އަނބިކަނބަލުން މޭގަން އާއި ދަރިކަލުން އާޗީއަށާއި ދަރިކަނބަލުން ލިލީބިޓް އަށް ދައުވަތު ނުދެއްވުމެވެ.

ވެސްޓްމިންސްޓާ ފައްޅީގައި އޮތް ޚާއްސަ ރަސްމިއްޔާތުގައި ހެރީ އިށީނދެވަޑައިގެން އިންނެވީ ވެސް، އިއްޒަތްތެރިން ތިއްބަވާ ބައިގެ ތިން ވަނަ ގޮނޑިބަރީގަ އެވެ. ހެރީ އަކީ ރަސްގެފާނު ޗާލްސްގެ ހަގު ދަރިކަލުންނަށް ވިޔަސް، އިއްޔެގެ ރަސްމިއްޔާތުގައި ހެރީ އަށް އެއްވެސް ޒިންމާއެއް އަދި މަސްއޫލިއްޔަތެއް ވެސް ނެތި، އޭނާ އިންނެވީ ހަމައެކަނި "ކުޅި ބަލާ މީހެއް"ގެ ގޮތުގަ އެވެ.

އޭގެ އިތުރުން، އިއްޔެގެ ރަސްމިއްޔާތަށް ދައުވަތު ދެއްވި ނަމަވެސް، ބައްޕާފުޅު ޗާލްސް އާއި ބޭބެފުޅުން ޕްރިންސް ވިލިއަމްސްއާ ބައްދަލު ކުރެއްވުމުގެ ފުރުސަތެއް ވެސް، ހެރީއަކަށް ނެތެވެ. ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތަށް ފަހު، އިއްޔެ އޮތް އެންމެ ޚާއްސަ އަނެއް ކަމަކީ، ޝާހީ އާއިލާގެ މެމްބަރުން، ވެސްޓްމިންސްޓާ ފައްޅިން ބަކިންހަމް ގަނޑުވަރަށް، އާންމުންގެ ކުރިމަތިން ޝާހީ އަސްގާޑިޔާކޮޅުގައި ވަޑައިގަތުމެވެ.

އެ ހަރަކާތުގައި ބައިވެރިވުން ވެސް އޮތީ ހެރީ އަށް މަނާކޮށްފަ އެވެ. އަދި ބަކިންހަމް ގަނޑުވަރުގެ ރަސްމީ ބެލްކަންޏަށް ޝާހީ އާއިލާގެ ބޭފުޅުން ނުކުމެވަޑައިގެން، އެއްވެފައި ތިބި އާންމުންނަށް ފެނިލުމުގެ ހަރަކާތުގައި ބައިވެރިވުމަށް ވެސް، ހެރީއަށް ދައުވަތެއް ނުދެއްވަ އެވެ.

އެހެންކަމުން، ވެސްޓްމިންސްޓާ އެބީގައި އޮތް ރަސްމިއްޔާތަށް ފަހު، ކާރުގައި ހެރީ ވަޑައިގަތީ ހީތުރޯ އެއާޕޯޓަށެވެ. ހީތުރޯ އިން ފުރާވަޑައިގެން، އެމެރިކާގެ ލޮސް އެންޖަލްސް އަށް ވަޑައިގަތީ ދޮށީ ދަރިކަލުން އާޗީގެ ހަތަރު ވަނަ އަހަރީ ދުވަސް ފާހަގަކުރެއްވުމަށެވެ.

މީޑިއާތަކާއި އާންމުންގެ ގިނަ ބަޔަކު އިންތިޒާރުކޮށްގެން ތިބީ، ޕްރިންސް ހެރީ އާއި އިނގިރޭސި ޝާހީ އާއިލާއާ ދެމެދު އޮތް ދުރުކަން، އިއްޔެގެ ރަސްމިއްޔާތުން ކޮންމެވެސް ވަރަކަށް ފިލައިގެން ގޮސް، ޝާހީ އާއިލާގެ ގުޅުން ބަދަހިވާނެ ކަމަށެވެ. ނަމަވެސް، ޝާހީ އާއިލާއާ ބެހޭ ގޮތުން، ޕްރިންސް ހެރީ އާންމު ކުރައްވާފައިވާ ފާޑުކިޔުންތަކުގެ ސަބަބުން، ޝާހީ އާއިލާ އާއި ހެރީއާ ދެމެދު ލާފައިވާ ރެނދު އިތުރަށް ބޮޑުވެފައިވާ ކަން ފާހަގަވި އެވެ.

ޕްރިންސް ހެރީ ވިދާޅުވެފައިވާ ގޮތުގައި، ޝާހީ އާއިލާ އާއި އޭނާއާ ދެމެދު އެންމެ ބޮޑަށް މައްސަލަ ޖެހެން ފެށީ، މެގީއާ ކާވެނިބައްލަވައިގަންނަވަން ނިންމެވުމުންނެވެ. އެކަމާ ބެހޭ ގޮތުން، ބޭބޭފުޅު ވިލިއަމްއާ އެކުގައި ދެކެވުނު ވާހަކަތަކެއްގެ ސަބަބުން ވިލިއަމް ކޯފާވެވަޑައިގެން، ހެރީގެ ގައިގައި ޖައްސަވައި ބިންމައްޗަށް ވައްޓަވައިލެއްވި ކަމަށް ހެރީ ވިދާޅުވި އެވެ.