Roadha Mihaaru
އިނގިރޭސިންނާއި ޖަރުމަން އޮތީ ޔޫކްރޭނާ އެކުގައި

އިނގިރޭސިންނާއި ޖަރުމަން އޮތީ ޔޫކްރޭނާ އެކުގައި: ރަސްގެފާނު ޗާލްސް

30 މާޗް 2023

އިނގިރޭސި ވިލާތާއި ޖަރުމަން ވިލާތް އޮތީ ޔޫކްރޭނާ އެކުގައި ފިސާރި ސާބިތުކަމާ އެކުގައި ކަމަށް، އިނގިރޭސި ރަސްގެފާނު ޗާލްސް ތިން ވަނަ އިއްޔެ ވިދާޅުވެއްޖެ އެވެ.

އިނގިރޭސި ވިލާތާއި ޖަރުމަން ވިލާތް އޮތީ ޔޫކްރޭނާ އެކުގައި ފިސާރި ސާބިތުކަމާ އެކުގައި ކަމަށް، އިނގިރޭސި ރަސްގެފާނު ޗާލްސް ތިން ވަނަ އިއްޔެ ވިދާޅުވެއްޖެ އެވެ.

ޗާލްސް މި މޭރުމުން ވާހަކަ ދެއްކެވީ، އިނގިރޭސި ތަޚުތާ ހަވާލުވެވަޑައިގަތުމަށް ފަހު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ޖަރުމަން ވިލާތަށް ވަޑައިގެން، އެ ގައުމުގެ ރައީސް ފްރެންކް-ވޯލްޓާ ސްޓެއިންމިއާ ދެއްވި ރަސްމީ ޖާފަތުގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި އިނގިރޭސި ވިލާތާއި ޖަރުމަން ވިލާތްވެސް އޮތީ ދެ ގައުމު ހިއްސާކުރާ ޑިމޮކްރެސީގެ އަގުތައް ހިމާޔަތްކޮށް އިތުރަށް ތަރައްގީކުރުމަށް ފުރިހަމައަށް އަޒުމް ކަނޑައަޅައިގެންނެވެ.

ރަސްގެފާނު ވިދާޅުވި ގޮތުގައި އެއްވެސް ހަމައަކުން ބަލައިނުގަނެވޭނެ ހަނގުރާމައެއް ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ފަށައިގެން ކުރިއަށް ގެންދާއިރު، އިނގިރޭސި ވިލާތާއި ޖަރުމަން ވިލާތް ޔޫކްރޭނާ އެކުގައި އޮންނަނީ، އެ ގައުމުގެ މިނިވަންކަމާއި ސިޔާދަތުގެ ދިފާއުގަ އެވެ.

މާޗް 29، 2023؛ އިނގިރޭސި ރަސްގެފާނު ޗާލްސް ޖަރުމަން ވިލާތަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ޖަރުމަން ވިލާތުގެ ރިއާސީ ގަނޑުވަރު ބެލްވްޔޫގެ ބަގީޗާގެ ތެރޭގައި އެ ގައުމުގެ ރައީސް ފްރެންކް-ވޯލްޓާ ސްޓެއިންމިއާ އެކު ގަހެއް އިންދަވަނީ. --އޭއެފްޕީ

މާޗް 29، 2023؛ އިނގިރޭސި ރަސްގެފާނު ޗާލްސް ޖަރުމަން ވިލާތަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ޖަރުމަން ވިލާތުގެ ރިއާސީ ގަނޑުވަރު ބެލްވްޔޫގެ ބަގީޗާގެ ތެރޭގައި އެ ގައުމުގެ ރައީސް ފްރެންކް-ވޯލްޓާ ސްޓެއިންމިއާ އެކު ގަހެއް އިންދަވަނީ. --އޭއެފްޕީ

އިނގިރޭސި ވަލީ އަހުދުގެ މަގާމުގައި ހުންނެވި ދުވަސްވަރު ވެސް، ޗާލްސް ވަނީ 40 އަށް ވުރެ ގިނަ ފަހަރު ޖަރުމަން ވިލާތަށް ވަޑައިގެންފަ އެވެ. އަދި މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، އިނގިރޭސި ރަސްކަމާ ހަވާލުވެވަޑައިގެން ފަހުން، ޖަރުމަން ވިލާތަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

އުމުރުން 74 އަހަރުގެ ޗާލްސްގެ މި ދަތުރުފުޅަކީ، ވިލާތުގެ އިއްތިހާދުން އިނގިރޭސި ވިލާތް ވަކިވުމަށް މީގެ ހަ އަހަރު ކުރިން ނިންމުމާ ގުޅިގެން، އެ އިއްތިހާދުގެ ގައުމުތަކާއި އިނގިރޭސި ވިލާތާ ދެމެދު ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައި، އެ ގުޅުން ބަދަހިކުރެއްވުމަށް ވަރަށް މުހިންމު ދަތުރުފުޅެކެވެ. ޖަރުމަން ވިލާތާއި އިނގިރޭސި ވިލާތާ ދެމެދު އޮތް ގުޅުމުގެ އަގު ވަޒަންކުރައްވަމުން، ޗާލްސް ވިދާޅުވީ އެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރެވެން އޮތް ހުރިހ ކަމެއް ކުރައްވާނެ ކަމަށެވެ.

ވިލާތުގެ އިއްތިހާދުން ވަކިވުމުގެ އިޖުރާއާތްތައް ފުރިހަމަ ކުރުމުގެ މަސައްކަތް އިނގިރޭސި ވިލާތުން ފެށީ، 2017 ވަނަ އަހަރުގެ މާޗް 29 ވަނަ ދުވަހު އެވެ. އިނގިރޭސި ރަސްގެފާނުގެ ހައިސިއްޔަތުން ޗާލްސް ޖަރުމަނަށް ފުރަތަމަ ދަތުރުފުޅު މި ކުރެއްވީ އެ މަސައްކަތަށް ބަރާބަރު ހަ އަހަރު ފުރުނު ދުވަހު އެވެ.

މާޗް 29، 2023؛ (ވ-ކ) ޖަރުމަން ވިލާތުގެ ރައީސް ފްރެންކް-ވޯލްޓާ ސްޓެއިންމިއާ، އިނގިރޭސި ރަސްގެފާނު ޗާލްސް އާއި އަނބިކަނބަލުން ރާނީ ކެމީލާ އަދި ޖަރުމަން ވިލާތުގެ ރައީސްގެ އަނބިކަނބަލުން އެލްކް ބޫދެންބެންދާ ފޮޓޯއަކަށް ހުއްޓިވަޑައިގެން. --އޭއެފްޕީ

މާޗް 29، 2023؛ (ވ-ކ) ޖަރުމަން ވިލާތުގެ ރައީސް ފްރެންކް-ވޯލްޓާ ސްޓެއިންމިއާ، އިނގިރޭސި ރަސްގެފާނު ޗާލްސް އާއި އަނބިކަނބަލުން ރާނީ ކެމީލާ އަދި ޖަރުމަން ވިލާތުގެ ރައީސްގެ އަނބިކަނބަލުން އެލްކް ބޫދެންބެންދާ ފޮޓޯއަކަށް ހުއްޓިވަޑައިގެން. --އޭއެފްޕީ

އެކަމަށް އިޝާރާތް ކުރައްވައި ޖަރުމަން ވިލާތުގެ ރައީސް ފްރެންކް-ވޯލްޓާ ސްޓެއިންމިއާ ވިދާޅުވީ "އޭގެ ބަރާބަރު ހަ އަހަރު ފަހުން އަހަރެމެން މި ފަށަނީ (ދެ ގައުމުގެ ގުޅުމުގެ) މުޅިން އައު ބާބެއް" ކަމަށެވެ.

"ބަދަލުވެފައިވާ ހާލަތާ އެކުގައި އަހަރެމެންގެ ވިސްނުން މިހާރު އަމާޒުކޮށްފައި ހުރީ ކުރިމަގަށް. ނަމަވެސް ދެ ގައުމު އެކުގައި. އަހަރެމެންގެ ރަހުމަތްތެރިކަން ވަރަށް މުހިންމު އަދި އެހާމެ ވަރުގަދަ،" ޖަރުމަންގެ ރައީސް ވިދާޅުވި އެވެ.

ޗާލްސްގެ މި ދަތުރުފުޅުގައި ޖަރުމަން ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި މިއަދު ތަގުރީރު ކުރައްވާނެ އެވެ. މިއީ އިނގިރޭސި ރާނީއެއް ނުވަތަ ރަސްގެފާނެއް، ޖަރުމަންގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރައްވާ ފުރަތަމަ ފަހަރެވެ. ނަމަވެސް އިނގިރޭސި ވަލީ އަހުދުގެ ހައިސިއްޔަތުން، 2020 ވަނަ އަހަރު ޗާލްސް ވަނީ، ދެ ވަނަ ބޮޑު ހަނގުރާމައިގެ ހަނދާނީ ހަފްލާއެއްގައި، ޖަރުމަންގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރައްވައިފަ އެވެ.

މިހާރު ދެ ގައުމުގެ މެދުގައި ގާތް ރަހުމަތްތެރިކަން އޮތަސް، ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމަ އާއި ދެ ވަނަ ބޮޑު ހަނގުރާމައިގައި ވެސް އިނގިރޭސި ވިލާތާއި ޖަރުމަން ވިލާތަކީ، އެއް ބަޔަކު އަނެއް ބަޔަކާ ދެކޮޅަށް ހަނގުރާމަ ކުރި ދުޝްމަން ދެ ގައުމެވެ.