Roadha Mihaaru
ރާނީ އަށް ފަހުގެ އިހްތިރާމް އަދާކުރުން މިއަދު ފެށޭނެ

ރާނީ އަށް ފަހުގެ އިހްތިރާމް އަދާކުރުން މިއަދު ފެށޭނެ

14 ސެޕްޓެމްބަރ 2022

މި މަހުގެ 8 ވަނަ ދުވަހު އަވަހާރަވި، އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު ދޭއް، މިމަހުގެ 19 ވަނަ ދުވަހު ފަސްދާނުލުމުގެ ކުރިން، އެކަމަނާ އަށް އެންމެ ފަހުގެ އިހްތިރާމް އަދާކުރުމަށް ބާއްވާ ހަރަކާތްތައް މިއަދު ފެށޭނެ އެވެ.

މި މަހުގެ 8 ވަނަ ދުވަހު އަވަހާރަވި، އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު ދޭއް، މިމަހުގެ 19 ވަނަ ދުވަހު ފަސްދާނުލުމުގެ ކުރިން، އެކަމަނާ އަށް އެންމެ ފަހުގެ އިހްތިރާމް އަދާކުރުމަށް ބާއްވާ ހަރަކާތްތައް މިއަދު ފެށޭނެ އެވެ.

ސްކޮޓްލޭންޑްގެ ބަލްމޯރަލް ކިއްލާގައި އުޅުއްވަނިކޮށް، ކުއްލި ގޮތަކަށް ހާލުކޮޅު ދެރަވެގެން އަވަހާރަވި ރާނީގެ ހަށިކޮޅު، އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނަށް ރޭގެ ވަގުތެއްގައި ގެނެސް، މިހާރު ބާއްވާފައި އޮތީ، ބަކިންހަމް ގަނޑުވަރުގަ އެވެ. އާންމު ރައްޔިތުންނާއި ގައުމުތަކުގެ މަންދޫބުން ރާނީ އަށް އެންމެ ފަހުގެ އިހްތިރާމް އަދާކުރުމަށްޓަކައި، އެކަމަނާގެ ހަށިކޮޅު ބާއްވާފައި އޮންނާނީ، އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މައި ހޯލު (ވެސްޓްމިންސްޓާ ހޯލް)ގަ އެވެ.

ރާނީގެ ހަށިކޮޅު ބަކިންހަމް ގަނޑުވަރުން ނެރެގެން ވެސްޓްމިންސްޓާ ހޯލަށް ގެންދިއުމުގެ ރަސްމިއްޔާތު ފެށޭނީ އިނގިރޭސި ވިލާތު ގަޑިން މިއަދު މެންދުރު ފަހު 2:22 (ރާއްޖޭ ގަޑިން މިއަދު ހަވީރު 6:22) ހާއިރެވެ. ވެސްޓްމިންސްޓާ ހޯލަށް ރާނީގެ ހަށިކޮޅު ގެންދެވޭނީ ހަވީރު 3:00 ހާއިރެވެ.

ވެސްޓްމިންސްޓާ ހޯލަށް ރާނީގެ ހަށިކޮޅު ވެއްދުމަށް ފަހު، އެކަމަނާ އަށް ހެޔޮ ދުއާ ކުރުމުގެ ގޮތުން 20 މިނެޓްގެ ދީނީ އަޅުކަމެއް ކުރިއަށް ދާނެ އެވެ. ރާނީ އަށް އެންމެ ފަހުގެ އިހްތިރާމް އަދާކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވައިލާނީ، އެ ހަރަކާތަށް ފަހުގަ އެވެ.

ބަކިންހަމް ގަނޑުވަރުން ވެސްޓްމިންސްޓާ ހޯލަށް ރާނީގެ ހަށިކޮޅު ސަންދޯކުގައި ގެންދާއިރު، އެކަމަނާގެ ސަންދޯކުގެ ފަހަތުން، ރާނީގެ ދަރިކަލުން އަދި މިހާރުގެ ރަސްގެފާނު ޗާލްސް އާއި ރަސްގެފާނުގެ ދެ ދަރިކަލުން، އަމީރް ވިލިއަމް އާއި އަމީރު ހެރީ ވެސް ހިންގަވާފައި ވަޑައިގަންނަވާނެ އެވެ. އޭގެ އިތުރުން، ރާނީގެ އަނެއް ތިން ބޭފުޅުން ކަމަށްވާ އަމީރާ އޭން އާއި އަމީރު އެޑްވަޑާއި އަމީރު އެންޑްރޫ ވެސް ހިންގަވާފައި ވަޑައިގަންނަވާނެ އެވެ.

ރާނީ އަށް އެންމެ ފަހުގެ އިހްތިރާމް އަދާކުރުމުގެ ގޮތުން، އެކަމަނާގެ ހަށިކޮޅު ކައިރިއަށް ޒިޔާރަތް ކުރުމަށްޓަކައި، ވެސްޓްމިންސްޓާ ހޯލްގެ ބޭރުގައި އާންމުންގެ އެތައް ހާސް ބަޔަކު، މިހާރު ވެސް ދިގު ކިޔޫތައް ހަދައިގެން އެބަތިއްބެވެ. އާންމުން ރާނީ އަށް ޒިޔާރަތްކުރުން އޮންނާނީ، އިނގިރޭސި ވިލާތު ގަޑިން މިއަދު ހަވީރު 5:00 އިން ފެށިގެން، މިމަހުގެ 19 ވާ ހޯމަ ދުވަހުގެ ހެނދުނު 6:30 އާ ހަމައަށެވެ.

އިނގިރޭސި ވިލާތުގެ ސަގާފަތާ ބެހޭ ވަޒީރު މިޝޭލް ޑޮނެލަން ވިދާޅުވި ގޮތުގައި، ވެސްޓްމިންސްޓާގެ ބޭރުގައި މިހާރު ހަދާފައިވާ ކިޔޫތައް ދެމިފައިވާ މިންވަރަށް ބަލާއިރު، ރާނީގެ މޫނުފުޅު ދުށުމަށްޓަކައި ބައެއް މީހުން 30 ގަޑިއިރަށް ވުރެ ގިނަ ވަގުތު، ކިޔޫގައި ތިބެންޖެހިދާނެ އެވެ.

ރާނީ އަށް އެންމެ ފަހުގެ އިހްތިރާމް އަދާކުރުމަށް އަންނަ މީހުންނަށް އެހީތެރިވުމަށް ހާހަކަށް ވުރެ ގިނަ ފުލުހުން ވަނީ އެ ސަރަހައްދަށް ނެރެފަ އެވެ. އަދި ކިޔޫގައި ތިބޭ މީހުން ބޭނުންކުރުމަށްޓަކައި 500 ވަގުތީ ފާޚާނާ ވަނީ އެ ސަރަހައްދުގައި ތައްޔާރުކޮށްފަ އެވެ.

ރާނީ އެލިޒަބަތުގެ ޖަނާޒާ އޮންނާނީ މި މަހުގެ 19 ވަނަ ދުވަހު މެންދުރު ފަހު، އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަންގަ އެވެ. ރާނީ ފަސްދާނު ލާނީ ވިންޑްސާ ކިއްލާގެ ގޯތިތެރޭގައި ހުންނަ، ރަސްގެފާނު ޖޯޖް ހައެއްގެ ހަނދާނީ ފައްޅީގެ ގޯތިތެރޭގަ އެވެ.