Roadha Mihaaru
ގްރޫޕްތަކުން މީހުން ހައްޖަށް ގެންދިއުމަށް ބޮޑު އަގެއް!

ގްރޫޕްތަކުން މީހުން ހައްޖަށް ގެންދިއުމަށް ބޮޑު އަގު ކިޔަނީ!

27 އެޕްރީލް 2023

އެކި ގްރޫޕްތަކުގެ ހަވާލުގައި މި އަހަރު މީހުން ހައްޖަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ވަރަށް ވުރެ ބޮޑުކޮށް އަގު ކިޔާ ކަމުގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެކި ގްރޫޕްތަކުގެ ހަވާލުގައި މި އަހަރު މީހުން ހައްޖަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ވަރަށް ވުރެ ބޮޑުކޮށް އަގު ކިޔާ ކަމުގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

މި އަހަރު ރާއްޖެ އިން، އަގު ހެޔޮކޮށް ހައްޖަށް މީހުން ގެންދިއުމަށް ތިން ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވެ އެވެ. އެއީ؛

• އަލްހަރަމައިން ހައްޖު އެންޑް އުމްރާ (75،250ރ.)

• ސިސިލްފަރު ހައްޖު އެންޑް އުމްރާ (75،465ރ.)

• އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް (75،000ރ.)

ރާއްޖެއަށް 1،000 ހައްޖު ކޯޓާ ކަށަވަރުވެފައި އޮތަސް، އެ އިން ކޮންމެ ކުންފުންޏަކަށް ދޫކުރީ 90 ޖާގަ އެވެ. ބާކީ ޖާގަތައް ދޫކުރަނީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ހައްޖު ކޯޕަރޭޝަނަށެވެ.

ބައެއް މީހުން "މިހާރު" އަށް ބުނި ގޮތުގައި، ގްރޫޕުތަކަށް ގުޅުމުން މިހާރު ޖާގަ ފުލް ކަމަށް ބުނެ އެވެ. އަދި އިތުރު އެއްވެސް ގޮތެއް އޮތްތޯ އެހުމުން ބޮޑު އަގެއް ކިޔަ އެވެ. ބައެއް ގްރޫޕުތަކުން 100،000 އަށް ވުރެ ބޮޑެތި އަގުތައް ކިޔާފައިވާ ކަމަށް ބައެއް މީހުން ބުންޏެވެ.

"އަޅުގަނޑު އެ ތަނުން ގުރޫޕަކަށް ގުޅީމާ ބުނީ ސަރުކާރުން ހުއްދަ ދިން އަގަކަށް ނުގެންދެވޭނެއޭ. އެއްލައްކަ އަށް ވުރެ މަތި ވާނެއޭ އަގު. އެ އަގަށް އޯކޭ ނަމަ ފައިސާ ދައްކަންވީއޭ،" ހައްޖަށް މީހަކު ގެންދަން ވެގެން ގުރޫޕަކަށް ގުޅި މީހަކު "މިހާރު" އަށް ބުންޏެވެ.

އޭނާ ބުނިގޮތުގައި، އެ ގުރޫޕުން ނަން ނޯޓް ކޮށްދެނީ ވެސް 1،00،000ރ. އަށް ވުރެ މަތިން ފައިސާ ދެއްކޭނެ ކަމުގެ ޔަގީންކަން ދިނުމުންނެވެ.

މި ގޮތަށް ބައެއް މީހުންނަށް ދިމާވެފައިވާ ކަމުގެ ވާހަކަތައް އާންމުކޮށް މިހާރު ދެއްކެވެ އެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ އަލީ ޒައިދު ކުރެއްވި ޓުވީޓެއްގައި ވެސް އެ މައްސަލަ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ، މޭޒު ދަށުން ބައެއް ހައްޖު ގުރޫޕްތަކުން 150،00ރ. ނަގާ ކަމުގެ ވާހަކަ އަޑުއައްސަވާފައިވާ ކަމަށެވެ.

"މި ފައިސާ ހަލާލެއް ނުވާނެ. ބިޑް ކާމިޔާބު ކުރާކަށް މަޖުބޫރު ކަމެއް ނެތް. އަގުހެޔޮކޮށް ނުވަންޏާ ކުރިމަތި ނުލާނީ. ދޮގު ހަދާކަށް ނުޖެހޭ،" އަދާލަތު ޕާޓީގެ ކުރީގެ މެމްބަރު ޒައިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވޭނީ ހައްޖުވެރިން ނަން ނޯޓު ކުރުމާއި ފައިސާ ބަލައިގަތުން އިސްލާމިކް މިނިސްޓްރީގެ ދަަށަށް ބަދަލު ކޮށްގެން ކަމަށެވެ.

"މިނިސްޓްރީ ތްރޫކޮށް، ގްރޫޕްތަކަށް ޕޭ ކުރެވޭނެ ނިޒާމެއް ގާއިމް ވެގެން. އޭރުން މިނިސްޓްރީ އިން ގްރޫޕްތަކަށް މިހުން ހަވާލްކުރާނީ،" ޒައިދު ވިދާޅުވި އެވެ.

"މިހާރު" އިން ގްރޫޕްތަކަށް ގުޅުމުން ބުނީ މިހާރު ޖާގަތައް އެއްކޮށް ފުލްވެފައިވާ ކަމަށެވެ. ޖާގަތައް ދެނީ މިނިސްޓްރީން ކަނޑައަޅާފައިވާ އަގަށް ކަމަށާއި ޖާގަ ބޭނުންވެގެން ކިއުގައި ވެސް ގިނަ ބަޔަކު އެބަތިބި ކަމަށް ބުންޏެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، މިނިސްޓްރީން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑު އަގެއް ގްރޫޕުތަކުން ނަގާ ކަމުގެ ޝަކުވާ ލިބިފައި ނުވާ ކަމަށެވެ.

އެއް އަހަރަށް ހުއްދަ ދޫކުރި މި ކުންފުނިތަކުން އަމަލުކުރަން ޖެހޭ އުސޫލުތަކެއް އެބަހުއްޓެވެ. ހުއްދަ ދީފައިވާ އަގަށް ވުރެން އިތުރަށް ފައިސާ ނެގުމާއި ކުންފުނިތަކަށް ފައިސާ ދެއްކުމާއި ހުއްދަ ދީފައިވާ ކޯޓާއަށް ވުރެން އިތުރަށް މީހުން ގެންދަން ފައިސާ ނެގުމަކީ ވެސް މަނާކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

ހައްޖަށް މީހުން ގެންދަން ބޭނުންވާ ކުންފުނިތަކަށް ކުރިން ހުޅުވާލިއިރު އިސްލާމިކް މިނިސްޓްރީން ވަކި އަގެއް ކަނޑައެއް ނާޅަ އެވެ. އެކަމަކު ބިޑްތައް ބާތިލްކޮށް އަލުން ހުޅުވާލި އިރު، އަގުގެ ގޮތުގައި ހުށަހެޅޭނީ 75،000-95،000ރ.އާ ދެމެދުގެ އަގެއް ކަމަށް އިއުލާނުގައި ވެ އެވެ.

ރާއްޖެ އަށް މި އަހަރަށް ކަނޑައަޅާފައިވާ ކޯޓާގެ އަދަދު، 2،500 އަށް އިތުރުކޮށްދޭން ސަރުކާރުން ސައުދީ އަރަބިއްޔާގައި އެދިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ހައްޖު ދުވަހަކީ ޖޫން 27 އެވެ.