Roadha Mihaaru
ކެންޑިޑެސީ ބާތިލްކުރި މައްސަލައިގެ ޝަރީއަތް ފަސްކޮށްފި

ކެންޑިޑެސީ ބާތިލްކުރި މައްސަލައިގެ ޝަރީއަތް ބުރާސްފަތި ދުވަހަށް ފަސްކޮށްފި

24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރަން ކުރިން ކުރިމަތިލި ހުރިހާ ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލްކޮށް، އަލުން ކުރިމަތިލާން އެންގި މައްސަލާގައި އެމްޑީޕީން އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ކުރާ ދައުވާގެ ޝަރީއަތް ފެށުން ބުރާސްފަތި ދުވަހަށް ފަސްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރަން ކުރިން ކުރިމަތިލި ހުރިހާ ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލްކޮށް، އަލުން ކުރިމަތިލާން އެންގި މައްސަލާގައި އެމްޑީޕީން އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ކުރާ ދައުވާގެ ޝަރީއަތް ފެށުން ބުރާސްފަތި ދުވަހަށް ފަސްކޮށްފި އެވެ.

ކައުންސިލް އިންތިޚާބު މިމަހުގެ 14 ގައި ބާއްވަން ނިންމުމުން 900 މީހުން އިންތިޚާބަށް ކުރިމަތިލައި، އެ މީހުންގެ ކެންޑިޑެސީ ކޮމިޝަނުން ގަބޫލުކޮށްފައި ވަނިކޮށް ސިވިލް ކޯޓުގެ ހުކުމަކާ ގުޅިގެން އިތުރު ދެ މަހަށް އިންތިޚާބު ފަސްވުމުން ކޮމިޝަނުން ނިންމީ ކުރިން ކެންޑިޑެސީ ބަލައިގެންފައި ތިބި ހުރިހާ ކެންޑިޑޭޓުން ވެސް އަލުން ކުރިމަތިލާން ޖެހޭ ގޮތަށެވެ. އެކަމާ ދެކޮޅަށް އެމްޑީޕީން ހައި ކޯޓަށް މައްސަލަ ހުށަހެޅީ އެވެ.

އެ މައްސަލައިގެ ޝަރީއަތް މިއަދު މެންދުރު ފަށަން ހަމަޖައްސާފައި ވަނިކޮށް އަންނަ ބުރާސްފަތި ދުވަހަށް އަޑުއެހުން ފާސްކުރީ އިލެކްޝަންސް ކޮމިޝަން ތަމްސީލުކުރާ ބަންޑާރަ ނައިބުގެ އޮފީހުން އެދިގެން ކަމަށް ހައި ކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް ވިދާޅުވި އެވެ. އަޑުއެހުން ފަސްކުރަން ބަންޑާރަ ނައިބުގެ އޮފީހުން އެދުނީ ޖަވާބުދާރީވާން އިތުރު މުއްދަތެއް ބޭނުންވާތީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އިންތިޚާބީ ޝަކުވާއެއްގެ ގޮތުގައި ހުށަހަޅާ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބަލާނީ ހައި ކޯޓުންނެވެ. މިއީ މިފަހަރުގެ ކައުންސިލް އިންތިޚާބާ ގުޅިގެން ހުށަހެޅި ފުރަތަމަ މައްސަލަ އެވެ.

ކައުންސިލް އިންތިޚާބު ދެ މަހަށް ފަސްކުރަން ސިވިލް ކޯޓުން އަމުރުކުރީ ޕީޕީއެމްގެ އެތެރޭގެ މައްސަލަތަކާ ހެދި އިންތިޚާބަށް ތައްޔާރު ނުވެވޭ ކަމަށް ބުނެ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ކޯޓަށް ހުށަހެޅުމުންނެވެ.