Roadha Mihaaru
ސިޓީ ބަލިކުރުން އާސެނަލް އަށް މަޖުބޫރު ވެއްޖެ

ފުލުގައި އޮތް ޓީމުން ލަނޑު ދީފި، ސިޓީ ބަލިކުރުން އާސެނަލް އަށް މަޖުބޫރު ވެއްޖެ

22 އެޕްރީލް 2023

ލަންޑަން (އޭޕްރީލް 22) - އިނގިރޭސި ޕްރިމިއާ ލީގުގެ ފުލުގައި އޮތް ސައުތެމްޓަނުން އެއްވަނައިގައި އޮތް އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗު 3-3 އިން އެއްވަރު ކުރުމުން، އާސެނަލް އަށް ދެން ކުޅެން އޮތް މެޗުން ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ ބަލިކުރުން މަޖުބޫރު ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (އޭޕްރީލް 22) - އިނގިރޭސި ޕްރިމިއާ ލީގުގެ ފުލުގައި އޮތް ސައުތެމްޓަނުން އެއްވަނައިގައި އޮތް އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗު 3-3 އިން އެއްވަރު ކުރުމުން، އާސެނަލް އަށް ދެން ކުޅެން އޮތް މެޗުން ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ ބަލިކުރުން މަޖުބޫރު ވެއްޖެ އެވެ.

މި ނަތީޖާއާ އެކު ލީގުގެ އެއްވަނައިގައި އާސެނަލް މިވަގުތު އޮތީ ސިޓީ އަށްވުރެ ދެ މެޗު އިތުރަށް ކުޅެގެން ފަސް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އާސެނަލް ކުޅުނު 32 މެޗުން 75 ޕޮއިންޓް އެޓީމަށް ލިބިފައިވާއިރު ސިޓީ ކުޅުނު 30 މެޗުން ވަނީ 70 ޕޮއިންޓް ހަމަކޮށްފަ އެވެ.

ސައުތެމްޓަން ވެސް ވަނީ 32 މެޗު ކުޅެފަ އެވެ. އެޓީމު ފުލުގައި އޮތްއިރު ރެލިގޭޝަން ޒޯނުން މައްޗަށް އަރަން ސައުތެމްޓަނަށް މި ވަގުތަށް ދެ މެޗުން މޮޅެއް ބޭނުން ވެއެވެ.

ލީގުގައި އާސެނަލް އާއި ސިޓީ އަށް ދެން އޮތީ ދެ ޓީމުގެ ކުރިމަތިލުމެކެވެ. ލީގު ހޯދުމުގެ ރޭހުގައި ކޮންޓްރޯލް ހޯދަން ބުދަ ދުވަހުގެ ރޭ ސިޓީގެ ދަނޑުގައި ބައްދަލުކުރާ މެޗު ކާމިޔާބު ކުރުން ދެޓީމަށް ވެސް މުހިއްމެވެ.

އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނީ ސިޓީއާ ދެކޮޅަށް ކުޅޭ މެޗަށް އިންތިޒާރު ކުރެވޭ ކަމަށާއި ހާލަތު ބަދަލުވަމުން އަންނައިރު އެފަދަ ވަރުގަދަ މެޗުތަކުން މޮޅުވާން މަޖުބޫރު ކަމަށެވެ.

ސައުތެމްޓަނުން ތިންވަނަ ގޯލު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

ސައުތެމްޓަނުން ތިންވަނަ ގޯލު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

"މި ޒުވާން ޓީމުގެ އަމަލުތައް ކުރީ ވަރަށް ހައިރާން ކުރަނިވި ގޮތަކަށް. އެއީ ވަރުގަދަ ބަޔަކާ ދެކޮޅަށް ކުޅޭއިރު ގިނަ ފުރުސަތު ހޯދައި ވަރަށް ރަނގަޅު ރޫހެއްގައި ކުޅޭނީ. އެއީ ބަލާލަން ވަރަށް ހިތްގައިމު މަންޒަރެއް. އަހަރެން މި ކުޅުންތެރިންކޮޅު ދެކެ ވަަށް ލޯބިވޭ،" އާސެނަލް އާ ހަވާލުވުމުގެ ކުރިން ސިޓީގައި ގާޑިއޯލާގެ އެސިސްޓެންޓެއްގެ ގޮތުގައި ކޯޗިން ފެށީ އާޓެޓާ ބުންޏެވެ.

"އަހަރެމެން ދަށަށް މި ދަނީ، އެކަމަކު އެހެން ބަޔަކަށް ވުރެ ބޮޑަށް މި ކާމިޔާބު ކުރަން ވެސް ބޭނުންވަނީ އަހަރެންގެ ކުޅުންތެރިން. ޗޭންޖިން ރޫމުގައި އެމީހުންގެ ޖޯޝާއި ފޯރި ފެންނާނެ. އެކަމަކު ސާފުވާ އެއް ކަމަކީ އަހަރެމެންގެ ޑިފެންސް ރަނގަޅު ކުރަން ޖެހޭ."

އާސެނަލްގެ ޑިފެންޑަރު ވިލިއަން ސަލީބާ އަށް އަނިޔާ ވުމާ ގުޅިގެން އެޓީމަށް ވަނީ ޑިފެންސުގައި ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. އާސެނަލް އެންމެ ފަހުން ކުޅުނު ތިން މެޗު ވެސް ނިމުނީ އެއްވަރުވެގެން، ބައިކޮޅަށް ހަތް ގޯލު ވަދެފަ އެވެ.

އާސެނަލްގެ ދަނޑުގައި ސައުތެމްޓަނުން ވަނީ ރޭ ކުޅުނު މެޗު ފެށިގެން 28 ވަނަ ސިކުންތުގައި ލަނޑު ޖަހައިފަ އެވެ. އާސެނަލްގެ ގޯލްކީޕަރު އާރޮން ރަމްސްޑޭލް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ލަނޑު ޖަހައިދިނީ ކާލޯސް އަލްކަރާޒް އެވެ.

މިއާ އެކު މި ސީޒަނުގައި އާސެނަލްގެ ދަނޑުގައި އެޓީމު ކޮޅަށް ވަނީ ލީގުގައި އެންމެ އަވަސް ދެ ގޯލު ވަދެފަ އެވެ. މިދިޔަ މަހު ބޯންމަތާ ދެކޮޅަށް ކުޅުނު މެޗުގައި ބޯންމަތުގެ ފިލިޕް ބިލިން ގޯލު ޖެހީ 9.11 ސިކުންތުންނެވެ.

ސައުތެމްޓަނުން ލީޑު ފުޅާ ކުރީ 14 ވަނަ މިނިޓުގައި އާސެނަލް އަށް ކުރިން ކުޅުނު ތިއޯ ވޮލްކޮޓް ޖަހައިދިން ލަނޑުންނެވެ. ނަމަވެސް އޭގެ ހަތަރު މިނިޓު ފަހުން ބުކަޔޯ ސަކާ ގެ އެހީތެރިކަމާ އެކު ގެބްރިއެލް މާޓިނެއްލީ އާސެނަލް އަށް ފަރަގު ކުޑަ ކޮށްދިނެވެ.

ސައުތެމްޓަނުން އަލުން ލީޑު ދެ ގޯލަށް ފުޅާ ކުރީ ދެވަނަ ހާފު ފެށިގެން 21 ވަނަ މިނިޓުގައި ޑޫޖޭ ކަލޭޓާ ކާ ޖަހައިދިން ގޯލުންނެވެ. އެޓީމުން ތިން ޕޮއިންޓު ހޯދުމުގެ އުންމީދުގައި ތިއްބައި އާސެނަލް އެއްވަރު ކުރީ ފުރިހަމަ ވަގުތުގެ ފަހު ތިން މިނިޓުތެރޭ ދެ ގޯލު ޖަހައިގެންނެވެ.

ކެޕްޓަން މާޓިން އޮޑެގާޑް 88 ވަނަ މިނިޓުގައި އާސެނަލްގެ ދެވަނަ ގޯލު ޖަހައި އުންމީދު ހޯދައިދިން އިރު އެއްވަރު ކުރީ 90 ވަނަ މިނިޓުގައި ސަކާ ޖަހައިދިން ގޯލުންނެވެ.