Roadha Mihaaru
34 ޓީމާ އެކު މި އަހަރުގެ އީދު ބައިބަލާ ހުޅުމާލޭގައި

34 ޓީމާ އެކު މި އަހަރުގެ އީދު ބައިބަލާ ހުޅުމާލޭގައި

22 އެޕްރީލް 2023

މިއަހަރުގެ ފިތުރު އީދުގެ މުނާސަބަތުގައި ބާއްވާ ބާއްވާ އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444 މުބާރާތް، 34 ޓީމާ އެކު ހުޅުމާލޭގައި ބާއްވަން ބައިބަލާ އެސޯސިއޭޝަނުން ތައްޔާރު ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މިއަހަރުގެ ފިތުރު އީދުގެ މުނާސަބަތުގައި ބާއްވާ ބާއްވާ އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444 މުބާރާތް، 34 ޓީމާ އެކު ހުޅުމާލޭގައި ބާއްވަން ބައިބަލާ އެސޯސިއޭޝަނުން ތައްޔާރު ވެއްޖެ އެވެ.

މިއީ ހުޅުމާލޭގައި ބައިބަލާ މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ކޮންމެ ބޭއްވި 25 މުބާރާތް ވެސް ބާއްވައިފައި ވަނީ މާލޭގަ އެވެ. ހުޅުމާލޭގައި މުބާރާތް ބާއްވަނީ ރާއްޖޭގެ އާބަން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާބަންކޯ)ގެ އެހީތެރިކަމާ އެކު އެވެ.

އާއްމު އުސޫލެއްގެ ގޮތުން ބައިވެރިވާ ޓީމުތަކުން ވަނީ މިއަހަރުގެ މުބާރާތަށް ވެސް ފާއިތުވި ރޯދަ މަހު ފޯރީގައި ފަރިތަކުރުންތައް ބާއްވައިފަ އެވެ. ނޮކައުޓް އުސޫލުން ކުރިއަށް ގެންދާ މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ އެވެ. އަދި ފައިނަލް މެޗުތައް މި މަހުގެ 28 ވަނަ ދުވަހުގެ ރޭ ބާއްވާނެ ކަމަށް އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.

ނޮކައުޓް އުސޫލުން ކުރިއަށް ގެންދާ ބައިބަލާ މުބާރާތުގެ މެޗުތައް ރޭވިފައި ވާގޮތް.

ނޮކައުޓް އުސޫލުން ކުރިއަށް ގެންދާ ބައިބަލާ މުބާރާތުގެ މެޗުތައް ރޭވިފައި ވާގޮތް.

ބައިބަލާގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރު ބީޖީ ސްޕޯޓްސް ކްލަބް އަހަރުތަކަކަށް ފަހު މިދިޔަ އަހަރުގެ މުބާރާތުން ފެނުނު ނަމަވެސް މި އަހަރުގެ މުބާރާތުގައި އެ ޓީމުން ބައިވެރި ވެފައެއް ނުވެ އެވެ. ބީޖީ ސްޕޯޓްސް ކްލަބަކީ ރެކޯޑް 10 ފަހަރު މުބާރާޓް ކާމިޔާބު ކޮށްފައިވާ ޓީމެކެވެ. އެކަމަކު އެ ކްލަބަށް ނިސްބަތްވާ ދެ ޓީމު ކަމަށްވާ ބީޖީ ނެކްސްޓް ޖެނެރޭޝަނާއި ބީޖީ ނިއު ޖެނެރޭޝަން ވަނީ މުބާރާތުގައި ބައިވެރި ކޮށްފަ އެވެ.

މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބު ކޮށްގެން މުޅިން އަލަށް ބައިބަލާ މުބާރާތް ކާމިޔާބު ކުރި ކްލަބް އޯވަންއޯ މި އަހަރު ވެސް ބައިވެރި ވެއެވެ. އޯވަންއޯ ވަނީ މިދިޔަ އަހަރުގެ ކުއާޓާ ފައިނަލުން ބީޖީ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. ފުރަތަމަ މެޗުގައި އޯވަންއޯ ނުކުންނަން ޖެހޭނީ ލޮރެންޒޯ ޕާކާ ދެކޮޅަށެވެ.

އޯވަންއޯ އާ ދެކޮޅަށް މިދިޔަ އަހަރުގެ ފައިނަލް ކުޅުނު ކްލަބް ޓީނޭޖުން ފުރަތަމަ މެޗުގައި ވާދަ ކުރަން ޖެހޭނީ އެ ކްލަބަށް ނިސްބަތްވާ ޓީނޭޖް ޖޫނިއާސް އާ ދެކޮޅަށެވެ. ޓީނޭޖުން ވަނީ ޓީނޭޖް ވެޓެރަންސް ނަމުގައި ވެސް ޓީމެއް ބައިވެރި ކޮށްފަ އެވެ.

މީގެ އިތުރުން ކްލަބް ކާސިންޖީ (ސީކޭ) އާއި ލޮރެންޒޯ ސްޕޯޓްސް ވެސް ވަނީ މިއަހަރުގެ މުބާރާތަށް ވަރުގަދަ ސްކޮޑެއް އެކުލަވާލައިފަ އެވެ. ސީކޭ ފުރަތަމަ މެޗުގައި ކުޑަހެންވޭރު ޔުނައިޓެޑާ ބައްދަލުކުރާ އިރު ލޮރެންޒޯ ސްޕޯޓްސް ނުކުންނާނީ ހުޅުމާލެ ޔުނައިޓެޑާ ދެކޮޅަށެވެ.

މިއަހަރުގެ ބައިބަލާ މުބާރާތުގެ ފުރަތަމަ ރޭގެ މެޗު ޝެޑިއުލް.

މިއަހަރުގެ ބައިބަލާ މުބާރާތުގެ ފުރަތަމަ ރޭގެ މެޗު ޝެޑިއުލް.