Roadha Mihaaru
ރޭގެ މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރެއް ނުކުރޭ

ބައިބަލާ މެޗުގެ ތެރޭގައި ހިންގި މާރާމާރީއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ

11 ޖުލައި 2016

ބައިބަލާ ކުޅުމުގެ ތެރޭގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބައިބަލާ ކުޅުމުގެ ތެރޭގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފިތުރު އީދާ ދިމާކޮށް ބައިބަލާ އެސޯސިއޭޝަނުން ކުރިއަށްގެންދިޔަ މުބާރާތުގައި ރޭ މާރާމާރީ ހިންގީ ކްލަބް ޓީނޭޖާއި ބީޖީ ސްޕޯޓްސްގެ މެޗު ނިމެން ނުވަ ވަރަކަށް ސިކުންތަށް ވެފައި އޮއްވަ އެވެ. އޭރު މޮޅުވެފައި އޮތީ ބީޖީ އެވެ.

ބައިބަލާ އެސޯސިއޭޝަންގެ ރައީސް އަދި ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްއަދު މިއަދު ވިދާޅުވީ މެޗު ތެރޭގައި މާރާމާރީ ހިންގި މީހުންގެ މައްސަލަ ސުލޫކީ ކޮމެޓީން ބަލަމުން އަންނަ ކަމަށާއި އެކަމަށް މިއަދު ގޮތެއް ނިންމާނެ ކަމަށެވެ.

މިރޭ އަލުން މުބާރާތް ކުރިއަށް ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބައިބަލާ މުބާރާތުގައި 40 ވަރަކަށް ޓީމުން ބައިވެރިވި އެވެ. ކޮންމެ ރެއަކު ވެސް ގާތްގަނޑަކަށް އަށް ވަރަކަށް މެޗު ކުޅެ އެވެ. އެގޮތުން ރޭ މާރާމާރީ ހިންގީ ފުރަތަމަ މެޗު ކުޅެނިކޮށެވެ.

ރޭ ކުޅުނު ބައިބަލާ މެޗުގައި ހަމަނުޖެހުން ހިންގަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ރޭ ކުޅުނު ބައިބަލާ މެޗުގައި ހަމަނުޖެހުން ހިންގަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

މާރާމާރީ ހިންގީ ޓީނޭޖު ބަލިވާން ދަނިކޮށް އެ ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުން ދަނޑަށް އަރައި ބީޖީގެ ކުޅުންތެރިން ގައިގައި ތަޅަން ފެށުމުންނެވެ. އޭރު ބީޖީ އޮތީ ފުރަތަމަ ސެޓާއި ފަހު ސެޓުގައި ވެސް 12-7 އިން ކުރީގަ އެވެ.

ރޭ މާރާމާރީ ހިންގިއިރު އެތަނުގައި ހުރި "މިހާރު"ގެ ނޫސްވެރިއަކު ބުނީ މާރާމާރީ ހިންގާ ހިސާބަށް ދިޔައީ މެޗުގެ އެކި ހިސާބުން ހަމަނުޖެހުން ހިނގުމަށް ފަހު ކަމަށެވެ. އެގޮތުން ރެފްރީ ބީޖީ ކޮޅަށް ޖެހިފައިވާ ކަމަށް ބުނެ ޓީނޭޖުގެ އޮފިޝަލުން ވަރަށް ބޮޑަށް ޝަކުވާކުރި އެވެ. އެ ޝަކުވާތަކާ ހެދި އެއް ފަހަރަކު ކުޅުން މެދު ވެސް ކަނޑާލި އެވެ. މީގެ އިތުރުން، މެޗުގެ ވަކި ހިސާބަކުން ރެފްރީ ލޮލަށް ވެލި ޖަހައިގެން ޓީނޭޖުގެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކި އެވެ.

ރޭގެ ހަމަނުޖެހުންތައް ކޮންޓްރޯލްކުރީ އެސްއޯ ފުލުހުން ގޮސްގެންނެވެ.

ބޮޑެތި ކުށްވެރިން ކަމަށް ބަލައި ޓެގު އަޅުވާފައިވާ ބައެއް މީހުންނަށް ބައިބަލާ ކުޅުމުގެ ފުރުސަތު ފުލުހުން ދީފައިވެ އެވެ.

ފުލުހުން ބުނެފައިވަނީ އެ މީހުން ބައިބަލާ ކުޅޭއިރު ވެސް ފައިގައި ޓެގް އަޅުވާފައިވާނެ ކަމަށާއި އެ މީހުންގެ ހަރަކާތްތައް ބަލަން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާނެ ކަމަށެވެ.