Roadha Mihaaru
އޯވަންއޯއިން ފުރަތަމަފަހަރަށް ބައިބަލާ ތަށި އުފުލާލައިފި

ޓީނޭޖް ބަލިކޮށް ކްލަބް އޯވަންއޯއިން ފުރަތަމަ ފަހަރަށް ބައިބަލާގެ ޗެމްޕިއަންކަން ހޯދައިފި

16 މެއި 2022

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1443 ގެ ފައިނަލުގައި ގަދަ ހިފުމަކަށް ގޮސް ކްލަބް ޓީނޭޖް ބަލިކޮށްގެން ކްލަބް އޯވަންއޯ ފުރަތަމަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1443 ގެ ފައިނަލުގައި ގަދަ ހިފުމަކަށް ގޮސް ކްލަބް ޓީނޭޖް ބަލިކޮށްގެން ކްލަބް އޯވަންއޯ ފުރަތަމަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި އެވެ.

މުބާރާތުގެ ސެމީ ފައިނަލާއި ފައިނަލް މެޗު ހެންވޭރު ދޮންގަނޑު ބީޗްވޮލީ ކޯޓުގައި ރޭ ކުޅެން އޮތް ނަމަވެސް މިރެއަށް ލަސްކުރީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. އޯވަންއޯ ފައިނަލަށް ދަތުރުކުރީ މިރޭ ކުޅުނު ސެމީ ފައިނަލުގައި ޓީސީ ސްޕޯޓްސް ކުލަބް ބަލި ކޮށްފަ އެވެ. ޓީނޭޖުން ވަނީ ކްލަބް އީގަލްސް ބަލި ކޮށްފަ އެވެ.

ޓީނޭޖުން ވަނީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އެތެރޭން ކުޅެ ފުރަތަމަ ގޭމް 10-5 ކާމިޔާބުކޮށްފަ އެވެ. އަދި ދެވަނަ ގޭމް ނިމެން ދެ ސިކުންތަށް ވެފައި ވަނިކޮށް ޓީނޭޖުން ވަނީ 8-8 އިން ސްކޯ އެއްވަރު ކޮށްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީނޭޖުގެ އަސްލަމް ވަހީދެވެ.

ވަރުގަދަ ބީޖީ ސްޕޯޓްސް ކަޓުވާލައި ސެމީ ފައިނަލުން ޖާގަ ހޯދި އޯވަންއޯ ވަނީ ސެމީ ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުގެ ދެ ގޭމް ވެސް ކާމިޔާބު ކޮށްފަ އެވެ.

ފުރަތަމަ ގޭމުގައި އެތެރެއިން ކުޅެ އޯވަންއޯ ވަނީ 22 ސިކުންތު ބާކީ އޮއްވައި ޓީސީގެ ހުރިހާ ކުޅުންތެރިން ހިފަހައްޓައިފަ އެވެ. އަދި ބޭރުން ކުޅުނު ގޭމު އޯވަންއޯ ގެންދިޔައީ ބާކީ ދެ މިނިޓާއި ދެ ސިކުންތު އޮއްވައި އަހުމަދު ނާފިއު އަރައި ދެ ކުޅުންތެރިން ނުބައިކޮށް ނަތީޖާ އަނބުރާލައިގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަބްދުލް ޝުކޫރެވެ.

ފައިނަލް މެޗުގައި ޓީނޭޖަށް ގުރު ދިމާ ވުމުން ނިންމީ އެތެރެއިން ކުޅޭށެވެ. ގޭމް ނިމެން 34 ސިކުންތަށް ވެފައި ވަނިކޮށް، މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮނުވު އަލީ ވިޖުހާން (ވިޖޫ) ދެ ކުޅުންތެރިން ނުބައިކުރުމާއެކު ދެ ޓީމުގެ ފަރަގު އެއް ޕޮއިންޓަށް؛ 8-7 އަށް ކުޑަ ވި އެވެ. އަދި ޓީނޭޖަށް ޕޮއިންޓެއް ނުދީ އޯވަންއޯ އިން ނަތީޖާ އަނބުރާލީ އަހުމަދު މުހައްމަދު (އަންމަޑޭ) ވަދެ އޭނާގެ ކޮއްކޮ އިބްރާހިމް މުހައްމަދު (އިބުޓީ) ގޮވައިގެން ގޮހެވެ.

ދެވަނަ ގޭމުގައި ބޭރުން އެރީ ޓީނޭޖެވެ. ޓީނޭޖުން މި ގޭމް ގެންދިޔައީ 18 ސިކުންތަށް ވެފައި ވަނިކޮށް އަންމަޑޭ ނުބައި ކޮށްލައިގެންނެވެ. މި ގޭމުގެ ބާކީ އެއް މިނިޓާއި ތޭވީސް ސިކުންތަށް ވެފައި ވަނިކޮށް ޓީނޭޖުން ނަތީޖާ އެއްވަރު ކުރި އެވެ. އަދި އަންމަޑޭ ނުބައިކޮށް ނަތީޖާ އަނބުރާލައި ގަދަހިފުމަކަށް ދިޔައީ މި ގޭމް ނިމެން 18 ސިކުންތަށް ވެފައި ވަނިކޮށެވެ.

ގަދަ ހިފުމުގައި ގުރު ދިމާވީ އޯވަންއޯ އަށެވެ. އޯވަންއޯ އިން ފުރަތަމަ ދިޔަ ނާފިއު ދިމާކުރީ އެތެރެއިން ކުޅޭށެވެ. އޭނާ ވަނީ ގަދަ ހިފުމުގައި 15 ސިކުންތު ވަންދެން ޓީނޭޖުން ބޭރުން އެރި ކުޅުންތެރިޔާ ރިންގު އެތެރޭގައި ހިފަހައްޓާލައިފަ އެވެ. ޓީނޭޖްގެ ކުޅުންތެރިޔާ ބޭރަށް ދާން މަސައްކަތް ކުރި ނަމަވެސް ވަގުތު ހަމަވިއިރު އޭނާ އަށް ރިންގުން ބޭރުގައި އަތެއް ނުލެވުނެވެ.

ދެވަނަ ހިފުމުގައި އޯވަންއޯގެ އަންމަޑޭ އެރީ ބޭރުންނެވެ. އެތެރޭން ކުޅުނު ޓީނޭޖުގެ އަލީ ވިދާހު (ދާދު) އެވެ. އެތެރޭން ކުޅުނު ދާދު، އަންމަޑޭ ހިފެހެއްޓި ނަމަވެސް އަންމަޑޭ ވަނީ ބާކީ ހަ ސިކުންތު އޮއްވައި ރިންގުން ބޭރަށް ނުކުމެފަ އެވެ.

ތިންވަނަ ފަހަރަށް މިސްޓަ ބައިބަލާގެ މަގާމް އަސްލަމަށް

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ؛ މިސްޓަ ބައިބަލާ އަށް ހޮވުނީ ޓީނޭޖުގެ އަސްލަމް އެވެ. މިއީ އަސްލަމް މިސްޓަ ބައިބަލާގެ މަގާމް ހޯދި ތިންވަނަ ފަހަރެވެ. މިއާ އެކު އޭނާ ވަނީ އެންމެ ގިނަ ފަހަރު މިސްޓަ ބައިބަލާގެ މަގާމް ހޯދާފައިވާ މުހައްމަދު ޝިނާން (ނާނި) ގެ ރެކޯޑާ އަރާ ހަމަ ކޮށްފަ އެވެ. މިސްޓަ ބައިބަލާ އަށް ޓްރޮފީ އާއެކު 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅައިފައި ވެއެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ އީގަލްސްގެ އިބްރާހިމް ޝަމީން (ޝަންމި) އާއި ޓީސީގެ ހަސަން ތައުހީދު (ތައު) ގެ އިތުރުން އޯވަންއޯގެ ވިޖޫ އަދި ޓީނޭޖުގެ އިބުޓީ އާއި ހުމެއިދު ރަޝީދު (ގައްބަރޭ) އެވެ.

މުބާރާތުގެ އެންމެ އުންމީދީ ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ ޓީނޭޖުގެ ދާދު އެވެ. އަދި މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ކްލަބް އީގަލްސް އެވެ. އީގަލްސް އަށް ވަނީ ފެއާޕްލޭ ޓްރޮފީ އާއެކު 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފަ އެވެ.

ރަނަރަޕް ޓީނޭޖަށް ޓްރޮފީ އާއެކު ވަނީ 40،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅައިފަ އެވެ. އަދި ޗެމްޕޕިއަން އޯވަންއޯ އަށް ވަނީ ޓްރޮފީ އާއެކު 100،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފަ އެވެ.