29 އެޕްރީލް 2023
ހުޅުމާލޭގައި މި އަހަރު ބޭއްވި ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ކްލަބް ޓީންއޭޖް ރޭ ހޯދއިފި އެވެ.
ހުޅުމާލޭގައި މި އަހަރު ބޭއްވި ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ކްލަބް ޓީންއޭޖް ރޭ ހޯދއިފި އެވެ.
އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444 ނަމުގައި ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ޓީންއޭޖް ހޯދީ ފައިނަލްގައި ސީދާ ދެ ގޭމުން ހުޅުމާލެ ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ.
އެއީ ޓީންއޭޖުން ބައިބަލާ މުބާރާތް ކާމިޔާބު ކުރި ހަތަރުވަނަ ފަހަރެވެ. މީގެ ކުރިން އެ ޓީމު ޗެމްޕިއަންކަން ހޯދާފައި ވަނީ 2001، 2004 އަދި 2017 ވަނަ އަހަރު އެވެ.
ރޭ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ގޭމުގައި އެތެރެއިން ކުޅުނީ ޓީންއޭޖުންނެވެ. އެތެރޭގެ މެޗު އެ ޓީމު ގެންދިޔައީ 14-5 އިންނެވެ. ހުޅުމާލެ ސްޕޯޓްސް ކްލަބް ކުރީގައި އޮވެގެން ދެވަނަ ގޭމް ނިންމަނިކޮށް ނަތީޖާ އަނބުރާލީ ބޭރުން އެރި ޓީންއޭޖްގެ އަހުމަދު މުހައްމަދު (އަންމަޑޭ) އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ އަންމަޑޭ އެވެ.
ފައިނަލް މެޗުގެ ފުރަތަމަ ގޭމުގެ ތެރެއިން، ޓީނޭޖުން ހުޅުމާލޭ ކުޅުންތެރިއަކު އެތެރޭން ހިފަހައްޓާފައި.-- ފޮޓޯ: އިމޭޖަސް އެމްވީ/ ބައިބަލާ އެސޯސިއޭޝަން
އަންމަޑޭ ފަހު ވަގުތު ފުރަތަމަ އަރައި ނުކުތީ އެއް ކުޅުންތެރިއަކު ގޮވައިގެންނެވެ. ފޭބި ގޮތަށް އަނެއްކާވެސް އަރައި އަންމަޑޭ ވަނީ ތިން ކުޅުންތެރިން ގޮވައިގެން ނުކުމެ، 9-5 އިން އެ ގޭމް ހޯދައިދީ، ޓީންއޭޖަށް ޗެމްޕިއަންކަން ކަށަވަރު ކޮށްދީފަ އެވެ.
އަންމަޑޭ ވަނީ މުބާރާތުގެ ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނިފަ އެވެ. ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނުނީ ޓީންއޭޖްގެ އަސްލަމް ވަހީދާއި ޔުނައިޓެޑް އީސްޓް ކޯސްޓްގެ ހަސަން މާހިރު (ހަންޓޭ) އާއި ވީކޭ ސްޕޯޓްސްގެ މުހައްމަދު ނަޒީހު ހަނީފް އަދި ހުޅުމާލެ ސްޕޯޓްސް ކްލަބްގެ އިބްރާހިމް ނިހާނެވެ.
ގަދަ ފަސް ކުޅލުންތެރިން، ނިހާން (ކ)، ހަންޓޭ (ކ-2)، އަސްލަމް (ކ-4)، އަންމަޑޭ (ވ-2) އަދި ނަޒީހު (ވ)، އެވޯޑް ހަވާލު ކޮށްދެއްވި އާބަންކޯގެ އެމްޑީ އާއެކު.-- ފޮޓޯ: އިމޭޖަސް އެމްވީ/ ބައިބަލާ އެސޯސިއޭޝަން
މި އަހަރުގެ މިސްޓަ ބައިބަލާ އަކަށް ހޮވުނީ ހުޅުމާލެ ސްޕޯޓްސް ކްލަބްގެ ޝިރުހާން މުސްތަފާ އެވެ. މިސްޓަ ބައިބަލާ އަށް ޓްރޮފީއާ އެކު 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނެވެ.
ފެއާޕްލޭ ޓީމަކަށް ހޮވުނީ މަސްއޮޑި ޓައިޓަންސް އެވެ. އެ ޓީމަށް ހަނދާނީ ފިލައާ އެކު 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިން އިރު، ރަނަރަޕް ހުޅުމާލެ ސްޕޯޓްސް ކަލަބަށް ވަނީ 40،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅައިފަ އެވެ. ޗެމްޕިއަން ޓީންއޭޖަށް ވަނީ ޓްރޮފީއާ އެކު 100،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅައިފަ އެވެ.
ޝިރުހާން، މިސްޓަ ބައިބަލާ ޓްރޮފީ އުފުލާލަނީ.-- ފޮޓޯ: އިމޭޖަސް އެމްވީ/ ބައިބަލާ އެސޯސިއޭޝަން
މި އަހަރުގެ މުބާރާތުގައި 34 ޓީމު ބައިވެރިވި އެވެ. ހުޅުމާލޭގައި ބައިބަލާ ޗެލެންޖް ބާއްވާ ފުރަތަމަ ފަހަރު، ހުޅުމާލޭ ސްޕޯޓްސް ކްލަބުން ވަނީ ސެމީގެ ފުރަތަމަ މެޗު ކާމިޔާބު ކޮށްގެން ފައިނަލްގެ ފުރަތަމަ ޖާގަ ހޯދައިފަ އެވެ. މިއީ އެ ޓީމު ފައިނަލަށް ދަތުރު ކުރި ފުރަތަމަ ފަހަރު ވެސް މެ އެވެ.
ހުޅުމާލެ ސްޕޯޓްސް ކްލަބުން ފައިނަލަށް ދިޔައީ ވީކޭ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. ފުރަތަމަ ގޭމް އެތެރޭން ކުޅެ އެ ޓީމުން ބޮޑު ތަފާތަކުން ގެންދިޔައިރު، ދެވަނަ ގޭމު ނިމުނީ އެއްވަރު ވެގެންނެވެ.
މިދިޔަ އަހަރުގެ ރަނަރަޕް ޓީންއޭޖް ފައިނަލަށް ދިޔައީ ސެމީ ފައިނަލްގައި ގަދަ ހިފުމަކަށް ގޮސްގެން ޔުނައިޓެޑް އީސްޓް ކޯސްޓް ބަލިކޮށްފަ އެވެ. ފުރަތަމަ ގޭމު ބޭރުން ކުޅެގެން ޓީންއޭޖުން ކާމިޔާބު ކުރި އެވެ. ނަމަވެސް އެ ޓީމު އެތެރެއިން ކުޅުނު ގޭމު ގެންދިޔައިީ ޔުނައިޓެޑް އީސްޓް ކޯސްޓުންނެވެ.
ކޮޅަކަށް ގޭމެއް ދިޔުމުން ގަދަ ހިފުމުގައި ފުރަތަމަ ގުރު ދިމާވީ ޓީންއޭޖަށެވެ. ފުރަތަމަ ހިފުމުގައި މުހައްމަދު ލުފްޝާން (ޕަފް) އެތެރެއިން ކުޅުނުއިރު ކާމިޔާބު ކުރީ ބޭރުން އެރީ ޔުނައިޓެޑް އީސްޓް ކޯސްޓުގެ މުހައްމަދު ރިލްވާނެވެ. ނަމަވެސް ދެވަނަ ހިފުމުގައި، އެންމެ ފަހުގެ މިސްޓަ ބައިބަލާ އަސްލަމް ވަހީދު އަރައި ވަނީ ޓީންއޭޖަށް އެ ހިފުން ކާމިޔާބު ކޮށްދީ، އެއްވަރު ކޮށްދީފަ އެވެ.
ތިންވަނަ ހިފުމުގައި ވެސް ގުރު ދިމާވީ ޓީންްއޭޖަށެވެ. އެ ހިފުމުގައި ބޭރުން ކުޅެން އެރީ ޓީންއޭޖްގެ އަހްމަދު މުހައްމަދު (އަންމަޑޭ) އެވެ. އޭނާ ވަނީ އެތެރެއިން ކުޅުނު ޔުނައިޓެޑް އީސްޓް ކޯސްޓުގެ ހަސަން މާހިރު (ހަންޓޭ) ނުބައި ކޮށްލައިފަ އެވެ.
ޔުނައިޓެޑް އީސްޓް ކޯސްޓް ސެމީ ފައިނަލަށް އައީ، ކުއާޓާ ފައިނަލްގައި މިދިޔަ އަހަރުގެ ޗެމްޕިއަން ކްލަބް އޯވަންއޯގެ މައްޗަށް ކުރި ހޯދައިގެންނެވެ.
މާރާމާރީ ހިންގުމުން ބައިބަލާ މުބާރާތް މެދުކަނޑާލައިފި
އީދު ބައިބަލާ: ޗެމްޕިއަން ޓީނޭޖް ފެށީ ފަސޭހަ މޮޅަކުން
އޮފީސް ބައިބަލާ މުބާރާތުގެ މިސްޓަ ބައިބަލާ އަކީ ހަންޓޭ
34 ޓީމާ އެކު މި އަހަރުގެ އީދު ބައިބަލާ ހުޅުމާލޭގައި
މިއީ ބައިބަލާގެ ރަސްގެފާނު: ފަސޭހައިން އަތެއް ނުޖެހޭނެ
އޯވަންއޯއިން ފުރަތަމަފަހަރަށް ބައިބަލާ ތަށި އުފުލާލައިފި
ބީޖީ ސިއްސުވާލައި ކްލަބް އޯވަންއޯ ސެމީ ފައިނަލަށް
ބައިބަލާގައި ބީޖީގެ އެނބުރި އައުން ވަރުގަދަ
ބައިބަލާ ޗެމްޕިއަންކަން ކުޑަހެންވޭރު ހޯދައިފި
ރޭގެ މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރެއް ނުކުރޭ