Roadha Mihaaru
ތިލަފުށީގައި ޑީޕް ސީ ޕޯޓެއް ހަދާނެ ބަޔަކު ހޯދަނީ

ތިލަފުށީގައި ބަލްކު މުދާ ބާލަން ޑީޕް ސީ ޕޯޓެއް ހަދާނެ ބަޔަކު ހޯދަނީ

20 އެޕްރީލް 2023

ތިލަފުށީގައި ބަލްކް ކާގޯ އާއި ކޮންޓެއިނާ ބޯޓުތައް ބަނދަރުކުރަން ޑީޕް ސީ ޕޯޓެއް ތަރައްގީކުރާނެ ބަޔަކު ހޯދަން އެމްޕީއެލް އިން އިއުލާންކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ތިލަފުށީގައި ބަލްކް ކާގޯ އާއި ކޮންޓެއިނާ ބޯޓުތައް ބަނދަރުކުރަން ޑީޕް ސީ ޕޯޓެއް ތަރައްގީކުރާނެ ބަޔަކު ހޯދަން އެމްޕީއެލް އިން އިއުލާންކޮށްފި އެވެ.

އެ ކުންފުނިން ބުނީ ތިލަފުށީގައި ހަދާ ޑީޕް ސީ ޕޯޓަކީ ސިމެންތި އާއި ހިލަ، ހިލަވެލި ބޭލުމަށް ހާއްސަކޮށް ހަދާ ޕޯޓެއް ކަމަށެވެ. ނަމަވެސް ގުޅިފަޅުގައި ހަދަން ނިންމާފައިވާ މައި ޕޯޓް ނިމެންދެން އާންމު/ އާދައިގެ މުދާ ނުހިމަނައި، މާލޭ ވިޔަފާރި ބަނދަރުގައި މިހާރު ވެސް ހިންގާ ހުރިހާ ކާގޯ އޮޕަރޭޝަންތަކަށް ވަގުތީ ގޮތުން ތިލަފުށީގައި އަލަށް ހަދާ ޑީޕް ސީ ޕޯޓުން ހިދުމަތް ލިބޭނެ ކަމަށް ބުންޏެވެ.

ޑީޕް ސީ ޕޯޓް ތަރައްގީކުރުމުގައި ކުރަން ޖެހޭނެ މަސައްކަތް:

- އިންޓަނޭޝަނަލް ބޯޓް ކައިރިކުރެވޭ 600 މީޓަރުގެ ކުއޭ ވޯލްސް

- ލޯކަލް ބޯޓްތައް ކައިރިކުރެވޭ 600 މީޓަރުގެ ކުއޭ ވޯލްސް

- 7 ހެކްޓަރުގެ ޓާމިނަލް ޔާޑް ޕޭވިން

- 1.4 ހެކްޓަރުގެ ގުދަން އޭރިއާ

- އެއްގަމު މަގުތަކާއި، ސެކިއުރިޓީ ޕޯސްޓްތަކާއެކު އެންޓްރީ/އެގްޒިޓް ގޭޓްތައް ހެދުން.

- ކާގޯ ހެންޑްލިންގ ސާމާނު ބަހައްޓައި އިންސްޓޯލްކުރުން

- ކާގޯ ސްކޭންކުރާ އިކުއިޕްމަންޓްތައް ބަހައްޓައި އިންސްޓޯލްކޮށް

- ގުދަން، ޓްރަކް ޕާކިން، ޔުޓިލިޓީ އިންފްރާސްޓްރަކްޗާ، އޮޕަރޭޝަން އަދި މެއިންޓެނަންސް އޭރިއާ ބިނާކުރުމާއި އެހެން ފެސިލިޓީތައް ގާއިމުކުރުން

- ބަނދަރު ހެދުމުގެ ތެރޭގައި އަދި ބަނދަރު ހެދުމުގެ ގާނޫނީ ގޮތުން ލާޒިމުކުރާ ކަންކަމާއި ތިމާވެއްޓާއި ދެމެހެއްޓެނިވި ގޮތެއްގައި ކުރަންޖެހޭ ކަންކަމަށް ތަބާވުން.

- ބަނދަރު އެޅުމަށް ފަހު ކަނޑައެޅިފައިވާ މުއްދަތަކަށް ބަނދަރު ބެލެހެއްޓުމާއި މަރާމާތުކުރުން.

މި މަސައްކަތް ކުރަން ޝައުގުވެރިވާ ކުންފުންޏަކީ މީގެ ކުރިން ޑީޕް ސީ ޕޯޓެއް ތަރައްގީކޮށްފައިވާ ކުންފުންޏަކަށް ވުމާއި މާލީ އަދި ފަންނީ ގާބިލުކަމާއި ވަސީލަތްތަކުގެ ގޮތުން ގާބިލު ކުންފުންޏަކަށް ވާން ޖެހޭނެ ކަމަށް އެމްޕީއެލް އިން ބުންޏެވެ. އަދީ ބަނގުރޫޓް ވެފައި ނުވާ ކުންފުންޏަކަށް ވުމާއި ގާނޫނީ މައްސަލައެއްގައި ބެދިފައިވާ ކުންފުންޏަކަށް ނުވުން ޝަރުތެއްގެ ގޮތުގައި އެމްޕީއެލް އިން ހިމަނާފައިވެ އެވެ.

މި މަސައްކަތް ކުރަން ޝައުގުވެރިވާ ކުންފުންޏަކުން އެކަމަށް ޝައުގުވެރިވާ ލިޔުންތައް ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މި މަހު 26 ވަނަ ދުވަހުގެ ރޭގަނޑު 11:59 ވުމުގެ ކުރިންނެވެ.