Roadha Mihaaru
ޔުނައިޓެޑް ތިން ވަނައިގައި ކޮންޓްރޯލް ނަގައިފި

މެންޗެސްޓާ ޔުނައިޓެޑް ތިން ވަނައިގައި ކޮންޓްރޯލް ނަގައިފި

17 އެޕްރީލް 2023

ނޮޓިންހަމްޝަޔާ (އޭޕްރިލް 17) - ނޮޓިންހަމް ފޮރެސްޓް 2-0 އިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން އިނގިރޭސި ޕްރިމިއާ ލީގުގެ ތިން ވަނައިގައި ކޮންޓްރޯލް ނަގައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ނޮޓިންހަމްޝަޔާ (އޭޕްރިލް 17) - ނޮޓިންހަމް ފޮރެސްޓް 2-0 އިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން އިނގިރޭސި ޕްރިމިއާ ލީގުގެ ތިން ވަނައިގައި ކޮންޓްރޯލް ނަގައިފި އެވެ.

މެންޗެސްޓާ ޔުނައިޓެޑުން ލީޑު ނެގީ 32 ވަނަ މިނިޓުގައި އެންޓޮނީ ޖެހި ގޯލުންނެވެ. މިއީ އެންތަނީ މާޝިއަލްގެ ހަމަލާއެއް ކީޕަރު ކައިލާ ނަވާސް ދިފާއު ކުރުމުން ރީބައުންސްވި ބޯޅައިން އެންޓޮނީ ކާމިޔާބުކުރި ލަނޑެކެވެ. ދެ ވަނަ ލަނޑު 74 ވަނަ މިނިޓުގައި އެންޓޮނީގެ އެހީއާ އެކު ޖެހީ ޑިއޯގޯ ޑަލޮޓެވެ.

މި ނަތީޖާއާ އެކު ޔުނައިޓެޑް ތިން ވަނައިގައި އޮތީ 30 މެޗުން 59 ޕޮއިންޓާ އެކު އެވެ. މި ހަފްތާ އެސްޓަން ވިލާ އަތުން ބަލިވި ނިއުކާސަލް ވަނީ ހަތަރު ވަނައަށް ވެއްޓިފަ އެވެ. ނިއުކާސަލް ކުޅުނު 30 މެޗުން ލިބިފައި ވަނީ 56 ޕޮއިންޓެވެ.

މި މެޗުން މޮޅުވެގެން ނޮޓިންހަމް ފޮރެސްޓަށް ރެލިގޭޝަން ޒޯނުން ތިން ޕޮއިންޓްގެ ލީޑެއް ނެގުމުގެ ފުރުސަތު އޮތެވެ. ނަމަވެސް 31 މެޗުން ލިބިފައިވާ 27 ޕޮއިންޓާ އެކު އެޓީމު އޮތީ 18 ވަނައިގަ އެވެ. އެންމެ ފަހުން އެޓީމު ލީގުގައި ކުޅުނު 10 މެޗުން ވެސް މޮޅެއް ހޯދިފައެއް ނުވެ އެވެ.

ޔުނައިޓެޑުން ލީޑު ނެގި ގޯލު ޖެހުމަށް ފަހު އެންޓޮނީ.-- ފޮޓޯ: އޭއެފްޕީ

ޔުނައިޓެޑުން ލީޑު ނެގި ގޯލު ޖެހުމަށް ފަހު އެންޓޮނީ.-- ފޮޓޯ: އޭއެފްޕީ

"މިއީ ވަރަށް ފުރިހަމަ މޮޅެއް. މެޗު ފެށިގެން ނިމެންދެން ވެސް ކުޅުންތެރިން ކޮންސެންޓްރޭޝަން ގެއްލުވައެއް ނުލާ،" މޮޅާ ގުޅޭގޮތުން ޔުނައިޓެޑްގެ ކޯޗު ޓެން ހަގް ބުންޏެވެ.

"ހުރިހާ ކުޅުންތެރިން ވެސް ވަރަށް މޮޅަށް ކުޅުނު މިއަދު. ސެންޓަ ބެކުން ވަރަށް ރަނގަޅަށް ގުޅިގެން ކުޅުނު، ފުލްބެކުން ވެސް ވަރަށް ތަފާތު. ހެރީ [މެގުއާ] އާއި ވިކްޓާ [ލިންޑެލޯފް] ވަނީ އިދިކޮޅު ކުޅުންތެރިންގެ މައްޗަށް ޑިފެންސްގައި ޑޮމިނޭޓް ކޮށްފައި."

ޖެނުއަރީ މަހު ކުޑަހުޅަށް އަނިޔާވެގެން ކުޅުމާ ދުރުގައި ހުރި ޔުނައިޓެޑްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ވަނީ ރޭގެ މެޗުގައި ފުރަތަމަ ފަހަރަށް ސްޓާޓް ކޮށްފަ އެވެ. އޭނާގެ ބަދަލުގައި މާސެލް ސަބިޓްޒާ މެޗު ސްޓާޓް ކުރަން އޮތް ނަމަވެސް ސަބިޓްޒާ އަށް ވަނީ މެޗް ވޯމްއަޕް ގައި އަނިޔާ ވެފަ އެވެ.

"ސަބިޓްޒާ އަށް [އަނިޔާގެ] އިހުސާސެއް ވީމައި އަހަރެމެން ނިންމީ ރިސްކެއް ނުނަގަން. މާދަމާ އޭގެ ތަފްސީލެއް ލިބޭނީ. އެކަމަކު ބެންޗުގައި އެރިކްސަން އިނީމައި އެއީ މާ ބޮޑު ގެއްލުމެއް ކަމަށް ނުބެލެވޭ،" ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގް ބުންޏެވެ.

"މިދިޔަ ހަފްތާ އަހަރެންގެ ނުވަ ޑިފެންޑަރުން ތިބީ ފިޓްކޮށް. މިހާރު ތިބީ ހަތަރެއް. އަހަރެމެންގެ ހުރިހާ ކުޅުންތެރިން ބޭނުން، އެއީ އަދިވެސް ތިން މުބާރާތެއް އެބަ އޮތް. ވަރުގަދަ ޓީމެއް ނެރެން އަހަރެމެންގެ ހުރިހާ ކުޅުންތެރިން ބޭނުންވޭ."

ޔުނައިޓެޑްގެ އަނިޔާގެ ލިސްޓުގައި ހިމެނޭ ކުޅުންތެރިންނަށް ބަލައިލާއިރު، ސަބިޓްޒާގެ އިތުރުން ލިސަންޑްރޯ މާޓިނޭޒް، ރަފައެލް ވަރާން، މާކަސް ރަޝްފޯޑް، ލޫކް ޝޯ، ޓީރެލް މަލަސިއާ، ސްކޮޓް މެކްޓޮމިނޭ، ޑޮނީ ވެން ޑި ބީކް އަދި އަލެހަންދްރޯ ގާނާޗޯ ހިމެނެ އެވެ.

ޔުނައިޓެޑަށް ދެން އޮތީ ޔޫރޮޕާ ލީގު ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި ސްޕެއިންގައި ސެވިއްޔާއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗަށް ފަހު އޮތީ އެފްއޭ ކަޕް ސެމީ ފައިނަލްގައި ބްރައިޓަން އާ ދެކޮޅަށް ކުޅޭ މެޗެވެ.