Roadha Mihaaru
ގްރީން ކަޓުވާލައި ކުއާޓާގެ ފަހު ޖާގަ ހުއްރިއްޔާ އަށް

ގްރީން ކަޓުވާލައި ކުއާޓާގެ ފަހު ޖާގަ ހުއްރިއްޔާ އަށް

15 އެޕްރީލް 2023

މިހާރު ކުރިއަށްދާ އެފްއޭއެމް ވެޓެރަންސް ލީގުގެ ގުރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗުގައި ފަހަތުން އަރައި 4-1 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށް، ހުއްރިއްޔާ ސްޕޯޓްސް ކްލަބުން ކުއާޓާ ފައިނަލްގެ ފަހު ޖާގަ ހޯދައިފި އެވެ.

މިހާރު ކުރިއަށްދާ އެފްއޭއެމް ވެޓެރަންސް ލީގުގެ ގުރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗުގައި ފަހަތުން އަރައި 4-1 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށް، ހުއްރިއްޔާ ސްޕޯޓްސް ކްލަބުން ކުއާޓާ ފައިނަލްގެ ފަހު ޖާގަ ހޯދައިފި އެވެ.

ހުއްރިއްޔާ ކުއާޓާ އަށް ހޮވުނީ ގުރުޕް ސީގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. އެޓީމު ވަނީ ކުޅުނު ތިން މެޗުން ފަސް ޕޮއިންޓް ހޯދައިފަ އެވެ. ހަތަރު ޕޮއިންޓާ އެކު ޕޮލިސް ކްލަބަށް ތިންވަނަ ލިބުނުއިރު އެއްވަނަ ހޯދީ ހަތް ޕޮއިންޓް ހޯދި މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) އެވެ. ގްރީން އަށް ޕޮއިންޓެއް ނުލިބެ އެވެ.

އެފްއޭއެމް އެއް ނަމްބަރު ޓާފްގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީ ގްރީން ސްޓްރީޓްސް އެވެ. ފުރަތަމަ ހާފު ނިމެނިކޮށް ގްރީން އަށް ލީޑު ނަގައިދިނީ ހަމްޒާ ހުސެއިން އެވެ.

އެހެން ނަމަވެސް ފަހު ހާފުގައި ހަތަރު ލަނޑު ޖަހައި ހުއްރިއްޔާ އިން ފުރިހަމަ މޮޅެއް ހޯދައި ވަނީ ނޮކައުޓް ބުރަށް ދަތުރު ކޮށްފަ އެވެ. ދެވަނަ ހާފު ފެށިގެން ކުޑަ އިރުކޮޅެއްތެރޭ ލިބުނު ޕެނަލްޓީއަކުން ހުއްރިއްޔާ އިން އެއްވަރު ކުރި ލަނޑު ޖެހީ ހުސެއިން ނަސީރެވެ. އަދި ލީޑު ނަގައިދިނީ އަހުމަދު ސަމާއު އެވެ. އިސްމާއިލް ޔާފިސް އެޓީމަށް ލީޑު ފުޅާ ކޮށްދިން އިރު ފަހު ލަނޑު ޖެހީ އަލީ ނަޒްމީން އެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހުއްރިއްޔާ އަށް އެއްވަރުކޮށްދިން ލަނޑު ޖެހި ހުސެއިން ނަސީރެވެ.

މި އަހަރުގެ މުބާރާތުގައި 11 ޓީމެއް ބައިވެރިވި އެވެ. ޓީމުތައް ތިން ގުރޫޕަކަށް ބަހާލައިގެން އެންމެ ފުރަތަމަ ބޭއްވި ގުރޫޕް ސްޓޭޖުގެ ކުޅުން މިވަނީ ނިމިފަ އެވެ. ގުރޫޕް އޭ އިން ދެ ޓީމު ކުއާޓާ އަށް ހޮވުނުއިރު ގުރޫޕް ބީ އަދި ގުރޫޕް ސީ އިން ވެސް ވަނީ ތިން ޓީމެއް ކުއާޓާ އަށް ހޮވިފަ އެވެ.

ކުއާޓާގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ މިއަދާއި މާދަމާ އެވެ. މިއަދު ހަވީރު 4:30 ގައި ދެ މެޗު ކުޅުމަށް ހަމަޖެހިފައި ވާއިރު މާދަމާ ހަވީރު ވެސް އެއް ނަމްބަރު ޓާފާއި ދެ ނަމްބަރު ޓާފުގައި ކުއާޓާގެ މެޗްތައް ކުރިއަށް ދާނެ އެވެ.

ކުއާޓާ ގައި މިއަދު ކުޅޭ އެއް މެޗުގައި ބައްދަލުކުރާނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކްލަބާއި ހުއްރިއްޔާ އެވެ.

މާދަމާ ކުޅޭ ކުއާޓާގެ އެއް މެޗުގައި އެމްއެސްއެމް އާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލު ކުރާއިރު، އަނެއް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް ކްލަބް ނުކުންނާނީ ޕޮލިސް ކްލަބާ ދެކޮޅަށެވެ.