Roadha Mihaaru

މިއަހަރުގެ ޗެމްޕިއަންކަން ވެސް ހުޅުމާލެ ވެޓެރަންސް އަށް

ހުޅުމާލެ ވެޓެރަންސް ކްލަބުން ވިދިވިދިގެން ހަތަރު ވަނަ ފަހަރަށް، ރޯދަ މަހު ބާއްވާ އެފްއޭއެމް ވެޓެރަންސް ލީގު ކާމިޔާބުކޮށްފި އެވެ.

މިއަހަރުގެ ޗެމްޕިއަންކަން ވެސް ހުޅުމާލެ ވެޓެރަންސް އަށް

ހުޅުމާލެ ވެޓެރަންސް ކްލަބުން ވިދިވިދިގެން ހަތަރު ވަނަ ފަހަރަށް، ރޯދަ މަހު ބާއްވާ އެފްއޭއެމް ވެޓެރަންސް ލީގު ކާމިޔާބުކޮށްފި އެވެ.

ހުޅުމާލެ ވެޓެރަންސް ޗެމްޕިއަންކަން ހޯދީ އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގައި 2-0 އިން ވިލިމާލެ ޔުނައިޓެޑް ބަލިކޮށްގެންނެވެ.

މި މެޗުގައި ހުޅުމާލެ ވެޓެރަންސް ލީޑު ނެގި ލަނޑު ޖަހައިދިނީ އަހުމަދު މުހައްމަދު (އަންމަޑޭ) ނަގައިދިން ހިލޭޖެހުން ބޮލުން ފޮނުވާލައިގެން އަލީ ރިޝްވާން އަހުމަދެވެ. ލީޑު ފުޅާ ކުރި ލަނޑު ޖަހައިދިނީ ފަރުހާދު އިސްމާއިލް (ފަރޭ) އެވެ.

މުބާރާތުގެ ރަނަރަޕް ޓީމް؛ ވިލިމާލެ ޔުނައިޓެޑް. -- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

މުބާރާތުގެ ރަނަރަޕް ޓީމް؛ ވިލިމާލެ ޔުނައިޓެޑް. -- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ހުޅުމާލެ އެންމެ ފުރަތަމަ ޗެމްޕިއަންކަން ހޯދީ 2022 ވަނަ އަހަރުގެ ފައިނަލްގައި މޯލްޑިވްސް ސޮކަ މޭޓްސް 1-0 އިން ބަލިކޮށްގެންނެވެ. ޖެހިގެން އައި އަހަރުގެ ފައިނަލްގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ވާދަކޮށް 5-2 އިން މޮޅުވެގެން ތަށި ދިފާއު ކުރި އިރު، މިދިޔަ އަހަރު ތަށި ހޯދީ މުއިވެޔޮ ފްރެންޑްސްއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން 4-1 އިންނެވެ.

އިއްޔެ ނިމުނު ވެޓެރަންސް ލީގުގެ އެންމެ ގިނަ ލަޑު ޖެހި ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ހުޅުމާލެ ވެޓެރަންސްގެ ހުސައިން ޝިމާޒް (ކޮކީ) އެވެ. އަދި އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ވިލިމާލެ ޔުނައިޓެޑުގެ މުހައްމަދު ސިނާން (ނާނި) އެވެ.

އެންމެ މޮޅު ކޯޗަކީ ހުޅުމާލެ ވެޓެރަންސްގެ އަބްދުﷲ ޝިފާއު އެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ ޕޮލިސް ކުލަބެވެ.

ކުރީގެ ކުޅުންތެރިންނަށް އަމާޒު ކޮށްގެން ބާއްވާ މި މުބާރާތުގައި މިފަހަރު ވެސް 10 ޓީމު ބައިވެރިވި އެވެ.

ޓީމުތައް ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މުބާރާތުގައި ހުޅުމާލެ ވެޓެރަންސް ވަނީ ސެމީ ފައިނަލްގައި 2-1 އިން މިދިޔަ އަހަރުގެ ރަނަރަޕް މުއިވެޔޮ ފްރެންޑްސް ބަލިކޮށްފަ އެވެ. ވިލިމާލެ ޔުނައިޓެޑް ފައިނަލަށް ދިޔައީ ސެމީގައި ޕޮލިސް ކްލަބް ބަލިކޮށްގެންނެވެ. ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން ޕެނަލްޓީގައި ވިލިމާލެ މޮޅުވީ 6-5 އިންނެވެ.