Roadha Mihaaru
ސެމީގައި ހުޅުމާލެ އާއި އެމްއެސްއެމްގެ ކުރިމަތިލުމެއް

ހުޅުމާލެ ވެޓެރަންސް އާއި އެމްއެސްއެމް ސެމީގައި ވާދަކުރަން ޖެހިއްޖެ

16 އެޕްރީލް 2023

މިދިޔަ އަހަރުގެ ވެޓެރަންސް ލީގު ފައިނަލްގައި ބައްދަލުކުރި ހުޅުމާލެ ވެޓެރަންސް ކްލަބާއި މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) މި އަހަރުގެ ސެމީ ފައިނަލްގައި ވާދަކުރަން ޖެހިއްޖެ އެވެ.

މިދިޔަ އަހަރުގެ ވެޓެރަންސް ލީގު ފައިނަލްގައި ބައްދަލުކުރި ހުޅުމާލެ ވެޓެރަންސް ކްލަބާއި މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) މި އަހަރުގެ ސެމީ ފައިނަލްގައި ވާދަކުރަން ޖެހިއްޖެ އެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް މިއަދު ކުޅުނު ކުއާޓާ ފައިނަލްގެ މެޗު ކާމިޔާބު ކުރީ ޕޮލިސް ކްލަބާ ވާދަކޮށް 2-1 އިންނެވެ. އަދި އެމްއެސްއެމް ވަނީ 1-0 އިން ބުރު ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ.

އެފްއޭއެމް އެއް ނަމްބަރު ޓާފް ދަނޑުގައި ކުޅުނު ޕޮލިސް ކްލަބާ ދެކޮޅަށް ހުޅުމާލޭ ވެޓެރަންސް ލީޑު ނެގީ ފުރަތަމަ ހާފުގެ ފަހު ވަގުތުކޮޅު އެވެ. ލީޑު ނެގި ލަނޑު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު އިސްމާއިލް މުހައްމަދު (އިއްސެ) އެވެ.

ދެ ވަނަ ހާފުގައި ހުޅުމާލެ ވެޓެރަންސް އަށް ލީޑު ފުޅާކޮށްދިނީ ހުސެއިން ސިމާޒް (ކޮކީ) އެވެ. ޕޮލިސް ކުލަބުން މެޗުގައި ޖެހި ހަމައެކަނި ލަނޑު، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދިނީ މަހުމޫދު ޒަމީމް އެވެ.

ދެ ނަމްބަރު ޓާފް ދަނޑުގައި މިދިޔަ އަހަރުގެ ރަނަރަޕް އެމްއެސްއެމް އިން، މި އަހަރު އަލަށް ވާދަކުރި ބުރު ސްޕޯޓްސް ބަލިކުރީ މެޗުގެ ވަރަށް ކުރީކޮޅު އައްސަދު އަބްދުލް ގަނީ ކާމިޔާބު ކޮށްދިން ގޯލަކުންނެވެ. އޭނާ ވަނީ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެ ކީޕަރަށް ވެސް އަތުުވާ ހިސާބުން މަތިން ގޯލަށް އޮއްސާލައިފަ އެވެ.

އެމްއެސްއެމް އާއި ބުރު ބައްދަލުކުރި ކުއާޓާ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއެސްއެމްގެ އަޝްރަފް ލުތުފީ (ސަމްޕަތު) އެވެ.

މި އަހަރުގެ ވެޓެރަންސް ލީގުގައި މުޅިއެކު 11 ޓީމު ވާދަކުރިއިރު، ގުރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށް ގެންދިޔައީ ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. ހުޅުމާލެ ވެޓެރަންސް އާއި އެމްއެސްއެމް ވެސް ވަނީ މެޗަކުން ބަލިނުވެ ވާދަކުރި ގުރޫޕްގެ އެއް ވަނަ ހޯދައިފަ އެވެ.

ހުޅުމާލެ ވެޓެރަންސް އާއި އެމްއެސްއެމް ސެމީގެ އެއް މެޗުގައި ބައްދަލުކުރާއިރު، ސެމީގެ އަނެއް މެޗުގައި ބައްދަލުކުރާނީ ހުއްރިއްޔާ ސްޕޯޓްސް ކްލަބާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ.

ސެމީ ފައިނަލްގެ ދެ މެޗު ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ އަންގާރަ ދުވަހުގެ ހަވީރެވެ. އަދި ފައިނަލް މެޗު ކުޅޭނީ ބުރާސްފަތި ދުވަހުގެ ހަވީރެވެ.